ފިނިޕޭޖް

ރާނީ އާއި އަމީތާބުގެ "ބްލެކް" އެހާ މޮޅު ފިލްމަކަށްވީ ކީއްވެ؟

ސަންޖޭ ލީލާ ބާންސާލީ އުފެއްދި އަމީތާބް ބައްޗަން އާއި ރާނީ މުކަރުޖީ އަދި އައިޝާ ކަޕޫރު ލީޑް ރޯލުތައް ކުޅުނު "ބްލެކް" އަކީ ހިންދީ ފިލްމު އިންޑަސްޓްރީން މިހާތަނަށް އުފެއްދި އެންމެ މޮޅު އެއް ފިލްމެވެ.

މީގެ 16 އަހަރު ކުރިން ބާންސާލީ އުފެއްދި މި ފިލްމުގައި ދައްކަނީ ލޯފަން އަޑުނީވޭ އަދި މަންމަ އަންހެން ކުއްޖަކަށް ދުނިޔެ ދަސް ކޮށްދޭން ޓީޗަރަކު ކުރާ މަސައްކަތެވެ.

މި މާސްޓާޕީސްއެއް ފަދަ ފިލްމުގައި އަމީތާބާއި ރާނީ އަދި އައިޝާ ވަނީ ވަރަށް މޮޅު އެކްޓިން އެއް ދައްކާފަ އެވެ. "ބްލެކް" 2005 ގައި ރިލީޒް ކުރަން ތައްޔާރުވަމުން ދިޔައިރު ގިނަ ބަޔަކު ހީކުރީ ބާންސާލީގެ ފިލްމެއް ވީމަ ވަރަށް ގިނަ ކުލަތަކާއި ރީތި ލަވަތައް ފިލްމުގައި ހުންނާނެ ކަމަށެވެ. ނަމަވެސް ހީކުރި ގޮތާ ޚިލާފަށް ފިލްމުގައި ހުރީ ވަރަށް މަދު ކުލައެކެވެ. ފިލްމުގެ ލީޑް ބަތަލާއަކީ ލޯފަން މީހަކަށް ވާތީ އެވެ. ހަމަ އެއާއެކު ފިލްމުގައި އެންމެ ލަވައެއް ވެސް ނެތެވެ.

މި ފިލްމަކީ ހެލެން ކެލާ ކިޔާ މީހެއްގެ ހަގީގީ ވާހަކައެއްގެ މައްޗަށް ލިޔެފައިވާ އޭނާގެ އޮޓޮބައިގްރަފީގެ މައްޗަށް ކުޅެ 1962 ގައި ރިލީޒްކުރި "ދަ މިރަކްލް ވޯކާ" އިން ޚިޔާލު ހޯދައިގެން ތައްޔާރު ކުރި ފިލްމެކެވެ.

ފިލްމާ އެއްގޮތަކަށް ފިލްމުގެ ވާހަކަވެސް އާދަޔާހިލާފަށް މޮޅެވެ. ފިލްމުގައި ކިޔައިދީފައި ވަނީ މިޝޭލް މެކްނެލީ ކިޔާ ލޯފަން، މަންމަނު އަދި ބީރު އަންހެންކުއްޖެއްގެ ވާހަކަ އެވެ. އެންގްލޯ-އިންޑިއަން އާއިލާއެއްގެ މި އަންހެންކުއްޖާގެ ދިރިއުޅުން އޮތީ ކަނު އަނދިރީގެ ތެރޭގަ އެވެ. އެހެން މީހަކާ ވާހަކަ ދައްކާނެ ގޮތެއް އަދި އޭނާގެ ޖަޒުބާތުގައި ބޭރު ކުރާނެ ގޮތެއް ނޭނގި މިޝޭލް ވަރަށް ބޯހަރު، ބަސްނާހާ އަދި ރުޅިގަދަ ކުއްޖެއްގެ ގޮތުގައި ބޮޑުވެ އެވެ. މި ފިލްމުގައި އަށް އަހަރުގެ މިޝޭލްގެ ރޯލު އައިޝާ ކަޕޫރު ކުޅެފައި ވަނީ އާދަޔާހިލާފު މޮޅަށެވެ.

ދޭބްރާޖް ސަހާއީ ކިޔާ ޓީޗަރެއްގެ ރޯލުން އަމީތާބު ފިލްމަށް ތައާރަފްވެ އެވެ. ބަސްނާހާ ބޯހަރު އަދި ގޮތް ދޫ ނުކުރާ މިޝޭލް އަށް ކިޔަވައި ދިނުމުގެ ޒިންމާ މި ޓިޗަރު ނަގަ އެވެ. އެ ކުއްޖާއަށް އެހެން މީހުންނާ މުއާލާމާތް ކުރަން ދަސްކޮށް ދިނުމާއި އާދައިގެ އިންސާނެއްގެ ގޮތުގައި ދިރިއުޅޭނެ ގޮތް ދަސްކޮށް ދެނީ މި ޓީޗަރެވެ.

މިޝޭލް އަށްޓަކައި ދޭބްރާޖް އޭނާގެ ދިރިއުޅުމުގެ ހުރިހާ ވަގުތެއް ހުސްކުރެ އެވެ. މިޝޭލް ވަދެ ބަންދުވެފައިވާ އެކަނިވެރި ކަމުގެ ތޮށީގަނޑު ފަޅާލައިގެން ނެރި އޭނާއަށް ދުނިޔޭގައި އުޅެން ދަސްކޮށްދެ އެވެ. މިޝޭލް އަށް ދުނިޔޭގައި އުޅެން ދަސްކޮށް ދިނުމަކީ ދޭބްރާޖްގެ ހުވަފެނަކަށް ހަދަ އެވެ.

"ބްލެކް" އެހާ މޮޅު ފިލްމަކަށްވީ ދޭބްރާޖްގެ ކެރެކްޓާ އަމީތާބު ކުޅެފައިވާލެއް މޮޅު ކަމުންނެވެ. އަދި މިޝޭލްގެ ކެރެކްޓާ ރާނީ ކުޅެފައިވާލެއް ވިސްނުންތެރިކަމުންނެވެ.