އަބީޝެކް ބައްޗަން "ރެފިއުޖީ" އިން ބޮލީވުޑަށް ތައާރަފްވީ ދުވަސްވަރު އޭނާއަކީ ބައްޕަ އަމީތާބު ބައްޗަން ފަދަ ހުނަރުވެރި ކާމިޔާބު އެކްޓަރަކަށް ވާނެކަމަށް ގިނަ ބަޔަކު އުންމީދު ކުރި އެވެ. ހާއްސަކޮށް އިންޑަސްޓްރީގެ ގިނަ ބަޔަކު ހީކޮށްގެން ތިބީ އަބީޝެކަށް ބޮލީވުޑްގައި ވަރަށް ބޮޑު ކާމިޔާބެއް ހޯދޭނެ ކަމަށެވެ. ނަމަވެސް ކަން ވީ ދިމާ އިދިކޮޅަށެވެ.
ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ބައްޕަ އަމީތާބުގެ ހުރި އެކްޓިން ހުނަރާ ގާތް ކުރާ ވަރަށް ވެސް އަބީޝެކްގެ ކިބައިގައި އެ ހުނަރެއް ނެތެވެ. އަނެއްކޮޅުން ކެރިއަރުގައި ކާމިޔާބު ހޯދަން ނަސީބު ވެސް އަބީޝެކަށް އެހީތެރިއެއް ނުވި އެވެ. ފުރަތަމަ ފިލްމު "ރެފިއުޖީ" ވެސް ވީ ފްލޮޕެވެ. އަދި އޭގެ ފަހުން ފާއިތުވީ ވިއްސަކަށް އަހަރު ތެރޭގައި އޭނާ ކުޅުނު މަދު ފިލްމަކަށް ނޫނީ އެކަށީގެންވާ ރަނގަޅު ކާމިޔާބެއް ލިބިފައެއް ނެތެވެ.
ދާދިފަހުން އަބީޝެކް ދީފައިވާ އިންޓަވިއު އެއްގައި ބުނި ގޮތުގައި ފިލްމުތައް ފްލޮޕްވާތީ ދެރަ ވެގެން ފިލްމު ކުޅެން ހުއްޓާލަން ވެސް އޭނާ ވިސްނި އެވެ. ނަމަވެސް އެކަން އެނގިގެން އޭނާގެ ބައްޕަ އަމީތާބު ވަރަށް ރަނގަޅު ނަސޭހަތްތަކެއް އޭނާއަށް ދިނެވެ. ފިލްމު ކުޅުމާ ދުރަށް ނުދާން އޭނާ ނިންމީ ބައްޕަގެ ހިކުމަތްތެރި ބަސްތައް ގަބޫލު ކޮށްގެންނެވެ.
"ޕަބްލިކް ޕްލެޓްފޯމެއްގައި ނުވަތަ އާއްމުންނަށް ހާމައަށް ފެންނަން އޮތް ތަނެއްގައި ފެއިލްވުމަކީ ބަލައިގަންނަން އުނދަގޫ ކަމެއް. އަހަރެން ފިލްމު ކުޅެން ފެށިއިރު ސޯޝަލް މީޑިއާއެއް ނެތް. އެހެން ނަމަވެސް އެކި ނޫސް މަޖައްލާތަކުން ވެސް އަހަންނަށް މަލާމާތް ކޮށްފައި ލިޔެފައި ހުންނަ އެކި ކަހަލަ ލިޔުންތަކާއި ކޮމެންޓުތައް އަހަރެން ކިޔާ ހަދަން. އަހަންނަށް އެކްޓް ކުރާކަށް ނޭނގެޔޭ ކިޔައިގެން މީހުން ވަރަށް މަލާމަތް ކުރާކަން އަބަދުވެސް އެނގޭ. އެހެންވެ ވަކި ހިސާބަކުން އަހަރެން ހިތަށް އެރި ފިލްމު އިންޑަސްޓްރީއަށް ނުކުތުމަކީ ވެސް އަހަންނަށް ހެދުނު ވަރަށް ބޮޑު ގޯހެކޭ. އަހަރެން ކިތަންމެ މަސައްކަތެއް ކުރިޔަސް އެއްވެސް ކަމެއް ރަނގަޅަކަށް ނުދެކޭ ހިތަށް އެރި،" އަބީޝެކްގެ އިންޓަވިއުގައި ބުނެފައި ވެއެވެ.
މި ޚިޔާލުތައް މާ ބޮޑަށް ހިތަށް އުނދަގޫކުރަން ފެށުމުން އޭނާގެ ބައްޕަ ކައިރިއަށް ގޮސް މިކަމާ ގުޅޭ ގޮތުން މަޝްވަރާކޮށް ފިލްމު ކުޅުން ހުއްޓާލަން ބޭނުން ކަމަށް ބުނިކަމަށް އަބީޝެކް ބުންޏެވެ.
"އަހަރެން ބައްޕަ ކައިރީގައި ބުނިން ފަހަރެއްގައި ވެދާނޭ އަހަރެންނަކީ ފިލްމު ކުޅެވޭ ކަހަލަ ހުނަރެއް ލިބިފައިވާ މީހަކަށް ނުވަނީ ކަމަށް. ފިލްމު އިންޑަސްޓްރީއަކީ އަހަންނާ ގުޅޭ ތަނަކަށް ނުވަނީހެނޭ ހީވަނީ ވެސް ބުނިން،" އަބީޝެކް ބުންޏެވެ.
އޭނާގެ މި ވާހަކަތައް އަޑުއަހާފައި އަމީތާބު ވަރަށް ރަނގަޅު ނަސޭހަތްތަކެއް އަބީޝެކް އަށް ދިނެވެ.
"ބައްޕަ ބުނި އަހަރެން ދަރިފުޅު ތަރުބިއްޔަތުކޮށްފައި ތި ހުރީކީ ދެން މިކަމެއް ނުވާނޭ ކިޔާފަ ކުރާ ކަންކަން ހުއްޓާލާ ފަދަ ގޮތަކަށް ނޫނޭ. ކޮންމެ ދުވަހަކު ވެސް ހެނދުނު ހޭލައިގެން އެ ދުވަހެއްގެ ހަނގުރާމައަށް ކުރިމަތިލާން ދަސް ކުރާށޭ،" އަބީޝެކް ބުންޏެވެ.
އަބީޝެކް ބުނި ގޮތުގައި އޭނާގެ އެކްޓިން ހުނަރު ދުވަހެއް ދުވަހަކަށް ތަރައްގިވެ ފިލްމަކަށް ވުރެ ފިލްމެއް އޭނާގެ އެކްޓިން ރަނގަޅުވަމުން އަންނަ ކަން ފާހަގަ ކުރެވޭ ކަމަށް ބައްޕަ އޭނާ ގާތު ބުންޏެވެ.
"ބައްޕަ ބުނި ލިބޭ ހުރިހާ ފިލްމުތަކެއް ވެސް ގަބޫލު ކުރާށޭ. އަދި ކޮންމެ ފިލްމެއްގައި ވެސް ކުރެވުނު އެންމެ ރަނގަޅަކަށް މަސައްކަތް ކުރާށޭ،" އަބީޝެކް ބުންޏެވެ.
ފިލްމު ކުޅުން ހުއްޓާލަން އަބީޝެކް ވިސްނި ވިސްނުން ބަދަލުވީ އޭނާގެ ބައްޕަގެ މި ނަސޭހަތަށް ފަހުގަ އެވެ.
އަބީޝެކް އެންމެ ފަހުން ކުޅެފައިވަނީ "ދަ ބިގް ބުލް" ކިޔާ ފިލްމެކެވެ. މިއީ 1992 ގައި ވަރަށް މަޝްހޫރުވި ސްޓޮކް ބްރޯކަރެއް ކަމަށްވާ ހަރްޝަދު މެހެތާގެ ފައިނެންޝަލް ސްކެމްގެ ވާހަކަތަކަށް ބިނާ ކޮށްފައި އޮތް ފިލްމެކެވެ.
މި ފިލްމު ބަލާފައި އަމީތާބު އޭނާގެ ބްލޮގްގައި އަބީޝެކަށް ވަރަށް ތައުރީފުކޮށް އޭނާގެ އެކްޓިން ހުނަރު ވަރަށް ރަނގަޅުވެއްޖެ ކަމަށް ބުނެފައި ވެއެވެ. އަދި ދަރިފުޅުގެ ކުރިއެރުން ފެނިފައި ބައްޕައެއްގެ ހައިސިއްޔަތުން އޭނާއަށް ވަރަށް ބޮޑު ފަޚުރަކާއި އުފަލެއް ހާސިލުވެއްޖެ ކަމަށް ވެސް އަމީތާބު ބުނެފައި ވެއެވެ.
"އަހަންނަކީ ވެސް އެހެން މީހުންގެ ބައްޕަ ފަދަ ބައްޕައެއް. ވަކި ތަފާތެއް ނެތް. ދަރިފުޅުގެ ކުރިއެރުން ފެނިފައި އަހަރެން ވެސް ފަޚުރުވެރިވޭ. އަދި ދަރިފުޅުގެ ކާމިޔާބުން އަހަރެންގެ ޖަޒުބާތުތައް ވެސް އުތުރި އަރާ ލޯ ކަރުނައިން ފުރޭ،' އަމީތާބު ލިޔެފައި ވެއެވެ.
އަބީޝެކްގެ ބައެއް ޕްރޮޖެކްޓުތައް ކުރިޔަށް ރިލީޒްވާން އެބަހުއްޓެވެ. އޭގެ ތެރޭގައި "ބޮބް ބިސް ވާސް" އާއި 'ދަސްވީ" ވާހަކަ ކޮށްލެވެ އެވެ. މީގެ ތެރެއިން "ދަސްވީ" ގެ ޝޫޓިން ފެބްރުއަރީން ފެށިގެން އަބީޝެކް ކުރިޔަށް އެބަ ގެންދެ އެވެ.