ބޮލީވުޑް

"ހައުސްފުލް 3"އަށް އަބީޝެކް ދިގު ޗުއްޓީއެއް ނެގި ސަބަބު

އަބީޝެކް ބައްޗަންގެ 23 އަހަރުވީ ފިލްމީ ކެރިއަރުގައި ވަރަށް ހިތްވަރާއެކު ގިނަ މަސައްކަތްތަކެއް ކޮށްފައިވެ އެވެ. މަންމަ ޖާޔާ ބައްޗަން އާއި ބައްޕަ އަމީތާބު ބައްޗަން ވަރުގެ ކާމިޔާބު އެކްޓަރަކަށް އަބީޝެކް އަށް ވެވިފައި ނުވާތީ އަބަދުވެސް އޭނާއަށް މީހުން މަލާމަތް ކުރެ އެވެ. ނަމަވެސް މި މަލާމާތްތަކުގެ އަޑު ނާހައި މިހާ ގިނަ ދުވަހު ފިލްމު ކުޅުމައިގެން އަބީޝެކް ކުރިޔަށް ގޮސްފައިވަނީ އެކްޓިން އަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ދެކިގެންނެވެ.

ހަމައެކަނި މައިންބަފައިންނެއް ނޫނެވެ. އަންހެނުން އައިޝްވަރިޔާ ރާއީ އަށް ވުރެ ވެސް އެކްޓިންގެ ރޮނގުން އޭނާ ދަށްކަމަށް ބުނެ މީހުން ކުރާ މަލާމާތް އަބަދާ އަބަދު އަބީޝެކް އަށް އިވެމުން ދެއެވެ. ނަމަވެސް މި މަލާމާތްތަކުން އޭނާއަށް މާ ބޮޑު އަސަރެއް ނުކުރާކަމަށް ހަދައިގެން އޭނާ ކުރިޔަށް ދިޔައީ އެވެ.

އަބީޝެކް ވަރަށް ފަހުން ދީފައިވާ އިންޓަވިއުއެއްގައި ވަނީ އޭނާގެ ފިލްމީ ކެރިއަރާ ގުޅޭ ވަރަށް ގިނަ ވާހަކަތައް ކިޔައިދީފަ އެވެ. އަދި 2016ގައި ރިލީޒްކުރި "ހައުސްފުލް 3" އަށްފަހު އޭނާ ދިގު ޗުއްޓީއެއް ނަގައި ފިލްމު ކުޅުމާ ދުރުގައި އެތައް އަހަރަކު ހުރި ސަބަބު ވެސް އަބީޝެކް ކިޔައިދިނެވެ.

އޭނާ ބުނި ގޮތުގައި އެ ދުވަސްވަރު ސޮއިކޮށްފައި ހުރި ބައެއް ފިލްމުތައް ވެސް އޭނާ ދޫކޮށްލާފައި ވެއެވެ. އެއީ ކެރިއަރުގައި ދެން ކުރިއަށް ދާންވީ ގޮތެއް ރަނގަޅަށް ހޯދައި ބެލުމަށް އޭނާ ވަގުތު ބޭނުންވާތީ ކުރި ކަމެކެވެ.

"ދޫމް 3"ގައި އިންސްޕެކްޓާ ޖެއިގެ ރޯލު އަދާ ކުރުމަށްފަހު "ހެޕީ ނިއު އިޔާ" އާއި "ދަ ޝައުކީންސް"، "އޯލް އިޒް ވެލް" އަދި "ހައުސްފުލް 3" ކުޅުމަށްފަހު ދެ އަހަރެއްހާ ދުވަހުގެ ބްރޭކެއް އަބީޝެކް ނަގާފައި ވެއެވެ. މި ޗުއްޓީން އޭނާ އެނބުރި އައީ 2018ގައި ރިލީޒްކުރި "މަންމަރްޒިޔާން" އިންނެވެ. މި ފިލްމުގައި އޭނާ ކުޅުނު ލީޑު ރޯލެއް ނޫނެވެ. ސެކަންޑް ލީޑެވެ.

އީޓައިމްސް އަށް ދިން އިންޓަވިއު އެއްގައި އަބީޝެކް ބުނީ އޭނާށް ރަނގަޅު ފިލްމުތައް ކުޅެން ލިބެމުން ދެއެވެ. އަދި އެ ފިލްމުތަކުން ގިނަ އަދަދެއްގެ ފައިސާވެސް ލިބެމުންދެ އެވެ. އަދި ފިލްމުތައް ސުޕަހިޓް ވެސް ވެއެވެ. ނަމަވެސް އޭނާއަށް އެކަށީގެންވާ ވަރުގެ ރަނގަޅު މަސައްކަތްތަކެއް ކުރެވޭކަމުގެ އިހްސާސެއް ނުކުރެވެ އެވެ. މީގެން އެއްވެސް ފިލްމެއްގައި އޭނާއަށް މާ މޮޅު ރޯލެއް ކުޅެވިފައިވާ ކަމަކަށް ގަބޫލެއް ނުކުރެ ވެއެވެ.

އެހެންވެ ދެ އަހަރު ދުވަހު ވިސްނުމަށްފަހު އޭނާ އަނެއްކާވެސް ފިލްމީ މަސައްކަތް ފެށީ އެވެ. އެގޮތުން އޭނާ ކުޅުނު އެއް ފިލްމަކީ "ދަސްވީ" އެވެ. މިއީ ޖަލުގައި ހުރެ ކިޔަވައިގެން ސިޔާސީ މީހަކަށް ވީ މީހެއްގެ ވާހަކަ ދައްކާ ފިލްމެކެވެ. މި ފިލްމުގައި އަބީޝެކްގެ އަންހެނުންގެ ރޯލު އަދާކުރީ ނިމްރަތު ކޯރެވެ.

އަދި މިދިޔަ އަހަރު ރިލީޒްކުރި ވެބް ސީރީޒް "ބްރީތު: އިންޓު ދަ ޝެޑޯޒް" ވެސް އަބީޝެކް ކުޅެފައި ވެއެވެ. މި ދެ ފިލްމު ވެސް ރިލީޒްކުރީ އޯޓީޓީ ޕްލެޓްފޯމްގަ އެވެ.

މިއަހަރު ރިލީޒްކުރި އަޖޭ ދޭވްގަންގެ "ބޯލާ"ގައި އަބީޝެކް މެހެމާނެއްގެ ރޯލު ކުޅެފައި ވެއެވެ.

އޭނާ މިހާރު ކުޅެމުންދާ ފިލްމުތަކުގެ ތެރެއިން އާރް.ބާލްކީ ޑައިރެކްޓްކުރާ "ގޫމަރް"ގެ ޝޫޓިން ވަނީ ފުރިހަމަކޮށްފަ އެވެ. އަދި އަމިއްލައަށް ޕްރޮޑިއުސްކުރާ "އެސްއެސްއެސް7"ގައި ބައިވެރިވާ ހަމައެކަނި އެކްޓަރުގެ ގޮތުގައި އެ ފިލްމުގެ މަސައްކަތް އޭނާ ދަނީ ކުރަމުންނެވެ.

މީގެ އިތުރުން ރޭމޯ ޑިސޫޒާގެ ފިލްމެއްގެ ޝޫޓިން އޭނާ ވަނީ ނިންމާފަ އެވެ. ޝޫޖިތު ސިރްކާރް ޑައިރެކްޓްކުރާ ފިލްމެއްގެ މަސައްކަތް ފަށަން މިހާރު އޭނާ ދަނީ ތައްޔާރުވަމުންނެވެ.