ބޮލީވުޑް

ދަރިފުޅަށްޓަކައި އައިޝްވަރިޔާ ކެރިއަރު ގުުރުބާންކުރީ އުފަލުން

އަބީޝެކް ބައްޗަން އާއި އައިޝްވަރިޔާ ރާއީ ކައިވެނިކުރީ 2007 ވަނަ އަހަރެވެ. އޭރު އައިޝްވަރިޔާ އަކީ ބޮލީވުޑްގެ އެންމެ އުހުގައި ފިޔަޖަހާ އެންމެ އަލިގަދަ އެއް ތަރި އެވެ.

އޭގެ އެތައް އަހަރެއް ފަހުން މި ދެމަފިރިންނަށް ދަރިއަކު ލިބުމާއެކު އައިޝްވަރިޔާ ފިލްމީ މަސައްކަތާ ވަރަށް ބޮޑަށް ދުރުހެލިވީ ތަން ފެނިގެން ދިޔަ އެވެ.

އަބީޝެކްގެ އިންޓަވިއު އެއްގައި އޭނާގެ އަންހެނުންގެ ދިފާއުގައި ވާހަކަ ދައްކަމުން ބުނި ގޮތުގައި އައިޝްވަރިޔާ އަކީ "ސުޕަ މޮމް" އެކެވެ.

ދަރިފުޅުގެ އެއްވެސް ކަމެއް އެހެން އެއްވެސް މީހަކު ލައްވާ ކުރުވާކަށް އޭނާ ބޭނުމެއް ނުވެ އެވެ. އެހެންވެ ފިލްމީ ސެޓުތަކުގައި ދަރިފުޅު ދޫކޮށްލާފައި ގޮސް ގިނަ ވަގުތު ހޭދަކުރަން އޭނާ ބޭނުން ނުވާތީ ފިލްމު ކުޅޭ އަދަދު މަދުކޮށްލީ ކަމަށް އަބީޝެކް ބުންޏެވެ.

އާރާދިޔާ ތަންކޮޅެއް ކުޑައިރު ވެސް އޭނާ އުރައިގެން އައިޝްވަރިޔާ އަބަދު އުޅޭތީ މީހުން ވަރަށް މަލާމާތްކޮށް ހެދި އެވެ. ނަމަވެސް އެއީ އޭނާގެ ޒާތީ މައްސަލައެއް ކަމަށް އައިޝްވަރިޔާ އަށް ތާއީދުކުރާ މީހުން އޭރުވެސް ދިޔައީ ބުނަމުންނެވެ.

މިހާރު އާރާދިޔާ ބޮޑުވެ މައިންބަފައިންގެ ކޮނޑާ ހަމައަށް ބޯ އަރައިފި އެވެ. ނަމަވެސް އަދިވެސް ކޮންމެ ތަނަކަށް އޭނާ ގޮވައިގެން ދިޔަޔަސް އައިޝްވަރިޔާ ހުންނަނީ ދަރިފުޅުގެ އަތުގައި ހިފައިގެންނެވެ. އެންމެ ހިނދުކޮޅަކަށް ވެސް އެ ކުއްޖާގެ އަތުން ދޫކޮށެއް ނުލަ އެވެ.

ބައެއް ފިލްމީ ތަރިން މުޅި އުމުރު ގުރުބާން ކުރަނީ ކެރިއަރަށެވެ. ކައިވެންޏެއް ކޮށްފި ނަމަވެސް ސަޕޯޓްކުރާ މީހުންގެ އަދަދު މަދު ވެދާނެތީ ކައިވެންޏެއް ކުރަންވެސް ގިނަ މީހުން ބިރުގަނެ އެވެ. އަދި ދަރިން ލިބިއްޖެނަމަ ކުޅޭނެ ރަނގަޅު ފިލްމު ނުލިބޭނެތީ ބިރުން ދަރިން ނުހޯދާ ވެސް 40 އަހަރަށް ވުރެ މަތިވަންދެން ގިނަ ބަތަލާއިން ތިބެ އެވެ. ވީމާ އައިޝްވަރިޔާ މިގޮތަށް ކަންތައް ނުކުރުމަކީ ކޮންމެހެން އޭނާ އަށް މަލާމާތްކުރަން ޖެހޭ ކަމެއް ނޫން ކަމަށް އޭނާގެ ފޭނުން ބުނެ އެވެ.

އާރާދިޔާ ލިބުނު ފަހުން އައިޝްވަރިޔާ ކުޅެފައިވަނީ މަދު ފިލްމެކެވެ. އަދި މިހާރު ވެސް އޭނާ ސޮއިކޮށްފައިވަނީ އަދި ކުޅެމުން ދަނީ ވެސް އެންމެ ފިލްމެކެވެ. އެއީ ތަމަޅަ މަޝްހޫރު ޑައިރެކްޓަރު މަނީ ރަތުނަމްގެ "ޕޮންނިޔިން ސެލްވަން: ޕާޓް ވަން" އެވެ. މި ފިލްމު ރިލީޒްކުރާނެ ކަމަށް ބެލެވެނީ 2022 ގައެވެ.