އަމީތާބު

އަމީތާބުގެ ދަރިއަކަށް ވީތީ ފިލްމު ލިބުން ފަސޭހައެއް ނުވި: އަބީޝެކް

މިދުވަސްކޮޅަކީ ނެޕޮޓިޒަމްގެ ވާހަކަތައް ބޮލީވުޑްގައި ވަރަށް ގަދަވެގެން އުޅޭ ދުވަސްވަރެކެވެ. ފިލްމީ ތަރިންގެ އާއިލާގެ މީހުންނަށް ފިލްމު އިންޑަސްޓްރީން ލިބޭ ފުރުސަތު ގިނަ ކަމަށާއި އެ އާއިލާތަކާ ގުޅުމެއް ނެތް ފަންނާނުންނަށް އިންޑަސްޓްރީގައި ކުރިއަށް ދާން ދަތިކަމުގެ ބަހުސް ވަރަށް ގަދަވެފައިވާ ވަގުތެއް ވެސް މެއެވެ.

ނަމަވެސް ބޮލީވުޑްގެ އެންމެ ފުންނާބު އުސް އެކްޓަރު އަމީތާބު ބައްޗަންގެ ދަރިފުޅު އަބީޝެކް ބައްޗަން ބުނަނީ އޭނާގެ ބައްޕަ ކިތަންމެ މޮޅުވެފައި މަޝްހޫރަސް އޭނާއަށް ފިލްމީ ދާއިރާއަށް ވަންނަން ފަސޭހަ ނުވި ކަމަށެވެ.

ފިލްމު ކުޅެން ފެށިތާ 20 އަހަރު ފުރުނު މުނާސަބަތު ފާހަގަ ކުރުމުގެ ގޮތުން ސޯޝަލް މީޑިއާގައި އަބީޝެކް ޕޯސްޓްކުރި މެސެޖެއްގައި ބުނެފައިވާ ގޮތުގައި އަލަށް ފިލްމު ކުޅެން ފަށަން އުޅުނުއިރު ވަރަށް ބުރަ އުފުލަން ޖެހުނު ކަމަށެވެ. ފުރަތަމަ ފިލްމު ވެސް ލިބުނީ ވަރަށް ހާލުން ކަމަށް އޭނާ ބުންޏެވެ.

"އަހަރެން ވަރަށް ގިނަ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން ކައިރިއަށް ގޮސް ފިލްމެއް ލިބޭތޯ މަސައްކަތް ކުރިން. ނަމަވެސް އެއްވެސް މީހަކު އަހަންނަށް މަސައްކަތެއް ނުދިން،" އަބީޝެކް ބުންޏެވެ.

އަބީޝެކް ބުނެފައިވާ ގޮތުގައި އޭނާ ފިލްމީ ދުނިޔެއަށް ނުކުންނަން ހަމަޖެހިފައި އޮތީ ރާކޭޝް އޯމްޕްރަކާޝް މެހެރާ 1998 ގައި އުފައްދަން އުޅުނު ފިލްމަކުންނެވެ.

"ނޭނގެ ގިނަ މީހުންނަށް މިކަން އެނގޭކަމެއް. އަހަރެން ބޭނުންވީ ރާކޭޝްގެ ފިލްމަކުން ބޮލީވުޑަށް ވަންނަން. އެއީ 'ސަމްޖޯތާ އެކްސްޕްރެސް' ކިޔާ ފިލްމެއް. އޭރު އޭނާވެސް އާ. ދެ މީހުން ބޭނުންވީ އޭނަ އަލަށް ޑައިރެކްޓްކުރާ ފިލްމުން އަހަރެން އަލަށް އެކްޓަރެއްގެ ގޮތުގައި ތައާރަފުވާން. ނަމަވެސް ފިލްމަށް ފަންޑު ކޮށްދޭނެ ބަޔަކު ނެތިގެން އުފެއްދޭ ގޮތެއް ނުވި،" އަބީޝެކް ބުންޏެވެ.

އެ ފިލްމު ކުރިޔަށް ނުގެންދެވި އޮއްވާ އޭނާއަށް ޖޭ ޕީ ދައްތާގެ "ރެފިއުޖީ" ލިބުނީ އެވެ.

"ރާކޭޝް އެންމެ ފަހުން އަހަރެންގެ ބައްޕަ އާއެކު "އަކްސް" ކިޔާ ފިލްމެއް އުފެއްދީ. ޖޭ ޕީ ދައްތާއަށް އަހަރެން ފާހަގަ ކުރެވިގެން އޭނާގެ ފިލްމުން ޖާގަ ދިނީ. އޭރު ޖޭޕީ ބޭނުންވީ 'އާޚިރީ މުގުލް' ކިޔާ ހިސްޓޯރިކަލް ފިލްމެއް އުފައްދަން. އެހެންވެ އަހަރެން އިސްތަށިގަނޑާއި ތުނބުޅި ދިގުކޮށްފަ ހުރީމަ އެ ރޯލަށް ވަރަށް ކަމުދާނެ ކަމަށް ބަލާ އަހަރެންނަށް ފުރުސަތު ދިނީ. ނަމަވެސް ފަހުން އޭނާ އެ ފިލްމުގެ މަސައްކަތް ނުކޮށް 'ރެފިއުޖީ' އުފެއްދީ،" އަބީޝެކް އަށް ފުރަތަމަ ފިލްމު ލިބުނު ގޮތް ކިޔައިދެމުން ބުނެފައި ވެއެވެ.

ރާކޭޝް އާއެކު ފަހުން އަބީޝެކް ވަނީ "ދިއްލީ-6" ގައި މަސައްކަތް ކޮށްފަ އެވެ.