ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްއީއޯސީ

ބޮޑު މުސާރައާއެކު އެޗްއީއޯސީއަށް މުވައްޒަފުން ހޯދަނީ

Jan 24, 2022
2

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އަށް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަން ހެލްތު މިނިސްޓްރީން އިއުލާނު ކޮށްފި އެވެ.

އެޗްއީއޯސީއަށް ހޯދަން އިއުލާނު ކޮށްފައި ވަނީ ސާމްޕަލް ނަގާނެ މުވައްޒަފުންނާއި، ސަޕޯޓް ސްޓާފުންގެ އިތުރުން މެޑިކަލް އޮފިސަރުންނެވެ. ހެލްތު މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުގައި ސާމްޕަލް ނަގާ މީހުންގެ ގޮތުގައި 60 މުވައްޒަފުން ބޭނުންވެ އެވެ. އެމީހުންގެ މުސާރައަކީ މަހަކު 7500ރ. އެވެ. އަދި ސަޕޯޓް ސްޓާފުންގެ ގޮތުގައި 10 މީހުން ބޭނުންވާއިރު، އެ މީހުންގެ މުސާރައަކީ ވެސް 7،500ރ. އެވެ.

އިއުލާނުގައި ބުނާ ގޮތުން، އެތަނަށް މެޑިކަލް 10 އޮފިސަރުން ބޭނުންވެ އެވެ. މެޑިކަލް އޮފިސަރުންނަކީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ގޭގައި ތިބޭ ބަލިމީހުންނާއި ކޮންޓެކްޓް ވެގެން ކަރަންޓީނުވާ މީހުންނަށް އޮންލައިން ކޮންސަލްޓޭޝަންތައް ހަދައިދީ، އެމީހުނަށް ފަރުވާ ދިނުމަށް ވަގުތީ ގޮތުން އެޗްއީއޯސީގައި މަސައްކަތް ކުރާ މީހުނެވެ. އެމީހުންގެ މުސާރައަކީ 24،240ރ. އެވެ.

މި ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.

މިނިސްޓްރީން ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަން އިއުލާނު ކޮށްފައި މިވަނީ ކޮވިޑްގެ ހާލަތު ރާއްޖޭގައި ވަރަށް ބޮޑަށް ގޯސްވެފައިވާ ދުވަސްވަރެއްގަ އެވެ. ސާމްޕަލް ކަލެކްޝަން ސެންޓަރުތަކަށް ބާރުބޮޑުވެ، ބަލި ޖެހޭ މީހުންގެ އަދަދު ވެސް ވަރަށް ގިނަ ވެފައިވާ ދުވަސްކޮޅެއްގަ އެވެ.

އެގޮތުން އިއްޔެ ރާއްޖެއިން 2484 މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. މިވަގުތު ކޮވިޑްގެ އާ ވޭރިއެންޓް، އޮމިކްރޯން ރާއްޖޭގައި ފެތުރެވުން އަންނައިރު، އެ ވޭރިއެންޓްގެ 74 ކޭސް ފެނިފައިވާ ކަމަށް އެޗްއީއޯސީ އިން ވަނީ ބުނެފަ އެވެ.

އެޗްއީއޯސީގައި ހިދުމަތް ދިނުމަށް ތިބި މުވައްޒަފުންގެ އަދަދު މަދު ކަމަށް އަބަދުވެސް މިނިސްޓްރީއިން ބުނެ އެވެ. އެކަމަކު އެމީހުންނަށް ލިބެންޖެހޭ ފްރޮންޓް ލައިން އެލަވަންސްތައް ނުލިބޭ ކަމާއި، ލިބުން ލަސްވާ ކަމުގެ ޝަކުވާތައް އަބަދުވެސް އެމީހުންގެ ފަރާތުން ކުރެ އެވެ.