ދުނިޔެ

ޖަރުމަނުން 5،000 ހެލްމެޓް ޔުކްރޭނަށް

ޖަރުމަނުން 5،000 އަސްކަރީ ހެލްމެޓް ޔުކްރޭނަށް ފޮނުވާނެ ކަމަށް ޑިފެންސް މިނިސްޓްރީގެ ތަރުޖަމާން އާނާ ކޮލަޒް ވިދާޅުވެއްޖެ އެވެ.

ބާލިންގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ތަރުޖަމާން ވިދާޅުވީ އަސްކަރީ ހެލްމެޓް ފޮނުވަނީ ޔުކްރޭނުން އެދިފައި އޮތުމުން ކަމަށެވެ.

ރަޝިއާ އާއި ޔުކްރޭނާ ހެދި ދުނިޔެ ކޮށިއަރާފައި އޮތްއިރު ކަމެއް ވާހެން ވެސް ޖަރުމަނަށް ހިއެއް ނުވެ އެވެ. ދޭތެރެ ދޭތެރެއިން ރަޝިއާއާ ދިމާލަށް ދެތިން ބަހެއް ބުނުން ފިޔަވައި ޖަރުމަނުން އިތުރު ކަމެއް ނުކުރެ އެވެ.

އެމެރިކާ އާއި ނޭޓޯގެ ގިނަ ގައުމުތަކުން ޔުކްރޭން ކޮޅަށް އަރާފައި އޮތްއިރު ޖަރުމަނު ފެންނަނީ ރަޝިއާއަށް ކަމޭހިތާ ތަނެވެ. ޖަރުމަނުގެ މި ސިޔާސަތު ގިނަ ބަޔަކަށް ކަމަކު ނުދެ އެވެ. ޔުކްރޭނާއި ނޭޓޯ ވެސް ބުނަނީ ޖަރުމަންގެ އެއްބާރުލުން ނުލިބޭ ކަމަށެވެ.

ޖަރުމަނުގައި ހުންނަވާ ޔުކްރޭން އެމްބެސެޑަރު އަންޑްރީ މެލްނީކް ވިދާޅުވި ގޮތުގައި 5،000 ހެލްމެޓަކީ ރަމްޒީ އެހީ އެކެވެ. އެއަށް ވުރެ މުހިންމު ކިތަންމެ ކަމެއް ޖަރުމަނަށް ކޮށްދެވޭނެ އެވެ.

އޭނާ ވިދާޅުވި ޖަރުމަނުން އަސްކަރީ ހަތިޔާރު ޔުކްރޭނަށް ފޯރުކޮށްދޭ ގޮތަށް އޮތް ނަމަވެސް ރަޝިއާއާ އޮތް ގުޅުމުގެ ސަބަބުން ޖަރުމަނު އުޅެނީ ކަމެއް ކުރަން ނުކެރިންގެން ކަމަށެވެ.

ޖަރުމަނުން ބުނީ މިހާލަތުގައި ޔުކްރޭނަށް ހަތިޔާރު ފޯރުކޮށްދިނުމަކީ ޖަރުމަނުން ގެންގުޅޭނެ ސިޔާސަތެއް ނޫން ކަމަށެވެ. ހަނގުރާމައެއް ފެށިދާނެ ކަމަށް ބެލެވިފައި އޮއްވައި ފަނާކުރަނިވި ހަތިޔާރުތަކެއް އެ ސަރަހައްދަށް ފޮނުވަން ހުއްދަކުރާ ސިޔާސަތެއް ޖަރުމަނުގައި ނޯންނަ ކަމަށެވެ.

އެމެރިކާ އާއި ނޭޓޯ ބުނާ ގޮތުން ރަޝިއާ އުޅެނީ ޔުކްރޭނަށް އަރައި ހިފަންވެގެންނެވެ. ރަޝިއާގެ އަސްކަރީ ފައުޖުތައް ޔުކްރޭން ބޯޑަރަށް ޖަމާކުރަނީ މިއަމާޒަށް ވާސިލްވާން ވެގެން ކަމަށް އެމެރިކާ ތުހުމަތުކުރެ އެވެ.

ޔުކްރޭން ހިފުމަކީ އެޖެންޑާގައި އޮތް ކަމެއް ނޫން ކަމަށް ރަޝިއާ ބުނެ އެވެ. ރަޝިއާ ބުނާ ގޮތުން މައްސަލަ އަކީ ނޭޓޯ ސިފައިން ރަޝިއާއާ މާގާތުގައި ތިބުމެވެ. އަދި ޔުކްރޭނަށާއި ޖޯޖިއާއަށް ނޭޓޯ މެމްބަރުކަން ދޭން މަސައްކަތް ކުރުމެވެ.