ޖަރުމަނުގެ ޗާންސެލަރު އޯލަފް ޝޯލްޒް ރަޝިއާއަށް ވަޑައިގެންފި އެވެ. މިއީ ޖަރުމަނުގެ ޗާންސެލަރުކަމާ އޯލަފް ހަވާލުވެ ވަޑައިގެންނެފި ފަހުން ރަޝިއާއަށް ކުރައްވާ ފުރަތަމަ ދަތުރެވެ.
އޯލަފް ރަޝިއާއަށް ވަޑައިގަތީ ޔުކްރޭނަށް ވަޑައިގެން އެ ގައުމުގެ ރައީސް ލަޑިމިއަރު ޒީލިއަންސްކީއާ މަޝްވަރާ ކުރެއްވުމަށް ފަހު އެވެ.
ޖަރުމަނު ޗާންސެލަރުގެ ޔުކްރޭނަށާއި ރަޝިއާއަށް ވަޑައިގަތުމުގެ ބޭނުމަކީ އެ ދެގައުމުގެ ދެމެދުގައި އުދާސް ވެފައި އޮތް މަޝްރަހު މަސަލަސް ކުރެއްވުމެވެ.
ރަޝިއާގެ ރައީސް ލަޑިމިއަރު ޕޫޓިންއާ ބައްދަލު ކުރައްވައި ސުލްހައަށް އޮތް ފުރުސަތުތަކާ ބެހޭ ގޮތުން އޯލަފް ވާހަކަ ދެއްކެވި ކަމަށް ޚަބަރުތައް ބުނެ އެވެ.
ޕޫޓިންއާ ބައްދަލު ކުރައްވައި މަޝްވަރާ ކުރެއްވުމަށް ޖަރުމަނުގެ ޗާންސެލަރަށް ވެސް ލިބިވަޑާއިގަތީ 13 ފޫޓު ދިގު މޭޒުގެ އަނެއް ކޮޅެވެ.
ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން މިދާކަށް ދުވަހު ރަޝިއާއަށް ވަޑައިގެން ޕޫޓިންއާ މަޝްވަރާ ކުރެއްވީ ވެސް ހަމަ މިމޭޒު ދޮށުގަ އެވެ.
ޕޫޓިން ވިދާޅުވީ ޔުކްރޭންގެ އަމަލުތައް ހުރި ގޮތުން ރަޝިއާއަށް ކުރިމަތިވެފައި ހުރި ނުތަނަވަސްކަން ޖަރުމަނުގެ ޗާންސެލަރަށް އޮޅުންފިލުވައި ދެއްވުމަށް ކިތަންމެ ވަގުތެއް ހޭދަކުރައްވަން ޖެހިވަޑައިގެންނެވި ނަމަވެސް ތައްޔާރު ކަމަށެވެ.
ޕޫޓިން ވިދާޅުވި ގޮތުން މަޝްރަހުގައި ކަނިކަނޑައިގެން ދިޔައީ ޔުކްރޭންގެ ސަބަބުންނެވެ.
ނޭޓޯ މެމްބަރަކަށް ވާން ޔުކްރޭން އެދިފައި އޮތް އޮތުން އެއީ ސަރަހައްދަށް ނުރައްކަލެއް ކަމަށް ރަޝިއާ ބުނާއިރު ވެސް އެކަމާއިގެން ކުރިއަން ދާން ޔުކްރޭން ބޭނުންވުމަކީ ބޮޑު މައްސަލައެއް ކަމަށް ޕޫޓިން ވިދާޅުވި އެވެ.
ރަޝިއާއަށް ނުރައްކާ އޮތް ހާލަތެއްގައި ގައުމު ދޫކޮށްލާފައި އަދި އަޅާނުލައި ނުތިބެވޭނެ ކަމަށް ޗާންސެލަރަށް ޕޫޓިން ދެންނެވި އެވެ.
ނޭޓޯ ގައުމުތަކަށް އެވަރު ނުވިސްނުމަކީ ނުވަތަ ރަޝިއާގެ ކަންބޮޑުވުންތަކަށް އަޅާނުލުމަކީ މަސްލަހަތު ގެއްލިދާނެ ކަމެއް ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ.
ޗާންސެލަރު ވިދާޅުވީ ރަޝިއާ އަކީ ޖަރުމަނަށް ވަރަށް ޚާއްސަ ގައުމެއް ކަމަށާއި ހަނގުރާމައެއްގައި ރަޝިއާ ފިތެން ބޭނުން ނުވަނީ އެހެންވެ ކަމަށެވެ.
ރަޝިއާ އާއި ޖަރުމަނާ ދެމެދުގައި އޮތީ އިގުތިސޯދީ ގުޅުން އެކަނި ނޫން ކަމަށް ވެސް އޯލަފް ވިދާޅުވި އެވެ. އަދި ވިދާޅުވީ މަޝްވަރާކޮށްގެން ހައްލު ހޯދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.