މުހައްމަދު ޝިފާޒް

ކެމްޕޭނާ ގާސިމް ގުޅުމަކީ ލިބުނު ހިތްވަރެއް: ޝިފާޒު

Jan 27, 2022

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ތާއީދުކުރައްވާ، އޭނާގެ ކެމްޕޭންގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަމަލީ ގޮތުން ބައިވެރިވެވަޑައިގަތުމަކީ ކެމްޕޭންގެ ހަރަކާތްތަކަށް ލިބުނު އިތުރު ކުރިއެރުމަކާއި ހިތްވަރެއް ކަމުގައި އެމްޑީޕީން ބުނެފި އެވެ.

ކޮމަންޑޫ ދާއިރާގެ އިންތިހާބުގެ ކެމްޕޭން ކުރިއަށްދާ ގޮތާ ގުޅޭ ގޮތުން ގާސިމްގެ ވީޓީވީގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ނައިބް ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒު ވިދާޅުވީ އެމްޑީޕީގެ ކެމްޕޭނާ ގާސިމް ގުޅިވަޑައިގަތުމުން އެމަނިކުފާނަށާއި ޖުމްހޫރީ ޕާޓީ އަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ޝިފާޒު ވިދާޅުވީ ކޮމަންޑޫ ދާއިރާގައި ޖުމްހޫރީ ޕާޓީގެ މެންބަރުންތަކެއް ވެސް ތިބުމުން އެމްޑީޕީގެ ކެމްޕޭނާ ގާސިމް ގުޅިވަޑައިގަތުމުން އެ ދާއިރާގައި ތިބި ޖުމްހޫރީ ޕާޓީގެ މެންބަރުން ވޯޓު ދޭންވީ ގޮތް މިހާރު ސާފުވެގެންދާނެ ކަމަށެވެ.

"އެ ހުރިހާ ފަރާތްތަކަށް [ޖުމްހޫރީ ޕާޓީގެ މެންބަރުންނަށް] މިވަގުތު ސާފުވެގެންދާނެ ގާސިމް އެ އެދިވަޑައިގަންނަވަނީ އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓު ދެއްވުމަށް ކަމަށް،" ޝިފާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮމަންޑޫ ދާއިރާއާއި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައިވެސް ގާސިމް އިބްރާހީމް ގެންދަވަނީ އިގްތިސޯދީ މަސައްކަތްތަކެއް ކުރައްވަމުން ކަމަށެވެ. އެހެންކަމުން ކޮމަންޑޫ ދާއިރާ އަށް ވަޑައިގެން އެފަދަ މަސައްކަތްތައް އަވަސް ކުރެއްވުމަށާއި އެ ދާއިރާއަށް ގެނެވެން ހުރި ތަރައްގީގެ ކަންކަން ގާސިމް ބައްލަވާ އެކަންކަން ކުރެއްވުމަކީ ވެސް ލިބޭނެ ކުރިއެރުމެއް ކަމަށެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް 2019 ވަނަ އަހަރު އެ ދާއިރާގެ ރައްޔިތުން ހޮވީ އެމްޑީޕީގެ ބޭފުޅަކަށް ވާތީ ބައި އިލެކްޝަންގައި ވެސް އެ ދާއިރާގެ ގޮނޑި ރައްޔިތުން އެމްޑީޕީ އަށް ދޭނެ ކަމުގައި ޝިފާޒު ވިދާޅުވި އެވެ. އެމްޑީޕީ އަށް ގޮނޑި ދޭންޖެހެނީ މިސަރުކާރު ވެރިކަމާ ހަވާލުވެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވައުދުތައް ފުއްދަވަމުން ގެންދަވާތީ ކަމަށްވެސް ވިދާޅުވި އެވެ.

ޝިފާޒު ވިދާޅުވީ ކޮމަންޑޫ ދާއިރާގައި އިންތިހާބާ ދިމާކޮށް މަޝްރޫއުތަކެއް ހިންގާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ. ކޮމަންޑޫ ދާއިރާގައި މިހާރު ކުރިއަށްދާ މަޝްރޫއުތަކަކީ ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެން ކޮށްދެއްވާނެ ކަމަށް ވިދާޅުވި ކަންތައްތަކެއް ކަމަށާއި މިހާރު ހިނގަމުންދާނީ އެކަންކަން ހަގީގަތަށް ހަދައިދިނުމުގެ މަސައްކަތްތަކެއް ކަމަށެވެ.

ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ކުރުމަށް ޖޭޕީގެ އިތުރުން އަދާލަތު ޕާޓީން ވެސް ވަނީ ނިންމާފަ އެވެ.

އަންނަ މަހުގެ ފަސްވަނަ ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ އިތުރުން ވާދަކުރަނީ ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާއި އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީސް އެވެ.