ރައްޔިތުންގެ އެއްބާރުލުމާއި ތާއީދު ސަރުކާރަށް އޮތްކަން އެނގިގެން ދިއުމަކީ ތަރައްގީގެ މަޝްރޫއުތަކަށް އެހެން ގައުމުތަކުން ލޯނު ނަގާއިރު ވަރަށް މުހިއްމު ދައުރެއް އަދާކުރާ ކަމެއް ކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވީ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްފޭނަށް މިއަދު ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ގާސިމް ވަނީ މިއަދު ހެނދުނު ރައީސް ސޯލިހް އިއްވެވި ރިޔާސީ ބަޔާނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފަ އެވެ. އެގޮތުން އެއީ ވަރަށް ފުރިހަމަ ބަޔާނެއް ކަމަށް ވިދާޅުވި އެވެ. ރާއްޖޭގައި ރައީސްކަން ކުރެއްވެވި ބޭފުޅުން އިއްވެވި ބަޔާންތަކުގެ ތެރެއިން މިއަދު ރައީސް ސޯލިހް އިއްވެވި ބަޔާނަކީ އެންމެ ފުރިހަމަ ބަޔާން ކަމުގައިވެސް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އެމްޑީޕީއަށް ކޮމަންޑޫ ދާއިރާގެ ގޮނޑި މުހިއްމު ވަނީ ހަމައެކަނި އެ ދާއިރާގެ ތަރައްގީއަށް އެކަނި ނޫން ކަމަށެވެ. ރާޝިދަށް ވޯޓު ދޭން ޖެހެނީ ދައުލަތުގެ ކުރިއެރުމަށް ކަމަށާއި އެ ގޮނޑި އެމްޑީޕީ އަށް ލިބުމަކީ ސަރުކާރުން ކުރަން ބޭނުންވާ ކަންކަން ކުރުމަށް މުހިއްމު ކަންކަން ފަހިވެގެންދާނެ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.
ކޮމަންޑޫ ދާއިރާއަށް ކުރިއެރުން ލިބުމަކީ އެދިވަޑައިިގަންނަވާ ގޮތް ކަމަށް ފާހަގަކުރައްވަމުން ގާސިމް ވިދާޅުވީ އެ ދާއިރާގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ސަރުކާރުން ފަށާފައިވާ ކަމަށެވެ.
"އެއިރެއްގައި އޮންނަ ސަރުކާރަށް ރައްޔިތުންގެ އެއްބާރުލުމާއި އެއްބައިވަންތަކަށް އޮތްކަން އެނގިގެން ދިއުމަކީ ފައިސާ ދޭ ފަރާތްތަކަށް، ލޯނު ނަގަން އަޅުގަނޑުމެންދާ ފަރާތްތަކުން ލޯނު ދިނުމުގަޔާއި އެހީތެރިވުމުގައި ވަރަށް މުހިންމު ދައުރެއް ކުޅޭ ކަމެއް." ކުރީގެ ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.
ގާސިމް އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ މިހާރުވެސް އޮތީ އެމްޑީޕީގައި ކަމަށެވެ. އެހެންކަމުން ގާނޫނުއަސާސީ ބަދަލުކުރުމަށް އެމްޑީޕީ އަށް މިހާރުވެސް އެއްވެސް ހުރަހެއް ނެތްކަން ފާހަގަކުރައްވަމުން ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ގޮޑި ކާމިޔާބު ކުރުން އެ ޕާޓީއާއި ސަރުކާރަށް މުހިންމީ ގައުމުގެ ކުރިއެރުމަށް އެދޭތީ ކަމަށެވެ.