ކޮމަންޑޫ

ކެމްޕޭން ހަރަކާތްތައް ހުއްޓާލާކަށް ނާންގަން: ކޮމަންޑޫ ކައުންސިލް ރައީސް

Jan 28, 2022
1

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާ ގުޅިގެން ކޮމަންޑޫގައި ކުރިއަށްދާ ކެމްޕޭން ހަރަކާތްތައް ހުއްޓާލުމަށް ކައުންސިލުން އަންގާފައި ނުވާނެ ކަމަށް އެ ކައުންސިލުން ބުނެފި އެވެ.

ކޮމަންޑޫ ކައުންސިލުން މިހެން ބުނެފައި މިވަނީ އެ ރަށުގައި ކޮވިޑް 19ގެ ކޭސްތަކެއް އުޅޭތީވެ ގިނަ ބަޔަކު އެއްވެގެން ބައިވެރިވާ ސިޔާސީ ހަރަކާތްތައް ހުއްޓާލަން ކައުންސިލުން އެންގި ކަމަށް ބުނެ ބައެއް ނޫސްތަކުގައި ރިޕޯޓްކުރުމާ ގުޅިގެންނެވެ.

އަވަސް އަށް މިރޭ މައުލޫމާތު ދެއްވަމުން ކޮމަންޑޫ ކައުންސިލްގެ ރައީސް މުހައްމަދު ސިނާން ވިދާޅުވީ އޭނާ އަކީ އެމްޑީޕީގެ ކައުންސިލަރަކަށް ވާތީ މިއަދު އެ ރަށުގައި ކުރިއަށް ދިޔަ އެމްޑީޕީގެ ކެމްޕޭން ހަރަކާތެއް މެދުކަނޑާލީ ދިމާވީ ކަމެއްގެ ސަބަބުން އޭނާއާއި ޕާޓީއާ ދެމެދު ވާހަކަދެއްކުމަށްފަހު ކަމަށެވެ. ނަމަވެސް ދިމާވި ވަކި ކަމެއް އޭނާ ވިދާޅުވެފައެއް ނުވެ އެވެ.

"އޭގެ މާނައެއް ނޫން އެއީ ސިޔާސީ ހަރަކާތްތައް ހުއްޓާލީއެކޭ އެއް. ނުވަތަ ކެމްޕޭން ހަރަކާތްތައް ނުގެންދެވޭނެކޭއޭ. އެކަމަކު އަޅުގަނޑުމެންގެ ޕާޓީން ހާލަތަށް ބަލައި ތަންކޮޅެއް ރަނގަޅަށް ދެން އެކަން ކުރިއަށް ގެންދާނީ،" ސިނާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން ކޮމަންޑޫގައި މިވަގުތު 25 މީހަކު ބައްޔަށް ފަރުވާ ހޯދަމުންދާ ކަމަށާއި 30 އަކަށް ގެ ކަރަންޓީނަށް ލާފައިވާ ކަމަށެވެ.

ކޮމަންޑޫ އިން ނަގާ ރެންޑަމް ސާމްޕަލް ތަކުގެ ތެރޭގައި ކޮވިޑްގެ ކޭސްތަކެއް ނޫޅޭ ކަމަށާއި އާންމުކޮށް ޕޮޒިޓިވް ވަނީ މާލެ އިން އެ ރަށަށް ގޮސް ކަރަންޓީނުގައި ތިބޭ މީހުން ކަމަށްވެސް ވިދާޅުވި އެވެ.

އެމްޑީޕީއާއި ޕީޕީއެމްގެ ކެމްޕޭން ހަރަކާތްތަކެއް ގިނަ ބަޔަކާ އެކު މިއަދު ވެސް ކޮމަންޑޫގައި ކުރިއަށް ގެންދިޔަ އެވެ.

މާލެ އިން ކޮމަންޑޫ އަށް މީހުން ދަތުރުކޮށް ގިނަ ބަޔަކު އެއްވެގެން ސިޔާސީ ހަރަކާތްތައް ހިންގާތީ ކޮމަންޑޫގެ ބައެއް އާންމުން ގެންދަނީ އެކަމުގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮވިޑް 19 އިން ރައްކާތެރިވުމުގެ ގޮތުން އެޗްޕީއޭ އިން އެޅި ފިޔަވަޅުތަކުގެ ތެރޭގައި ވަނީ 50 މީހުންނަށް ވުރެ ގިނަ މީހުން އެއްވެގެން ހަރަކާތްތައް ކުރިއަށް ނުގެންދިއުމަށް އަންގާފަ އެވެ. ނަމަވެސް ކޮމަންޑޫ ދާއިރާގެ ކެމްޕޭންގައި އެޗްޕީއޭގެ އެ އެންގުމާ އެއްގޮތަށް އަމަލުކުރާ މަންޒަރެއް ނުފެނެ އެވެ.