ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓް ނަގަން ފަށައިފި އެވެ.
މިއަދުގެ އިންތިހާބުގައި ކޮމަންޑޫ ދާއިރާގައި ހިމެނޭ ކޮމަންޑޫ އާއި މަރޮށި އަދި ފޯކައިދޫގެ އިތުރުން މާލޭގައި ދިރިއުޅޭ މި ރަށްރަށުގެ ރައްޔިތުން ވޯޓްލުމަށް ޖުމްލަ ހަތް ވޯޓް ފޮއްޓެއް ބަހައްޓާފައި ވެއެވެ. އެއީ ފޯކައިދޫގައި ދެ ވޯޓް ފޮށި މަރޮށީގައި ވޯޓް ފޮއްޓެއް އަދި ކޮމަންޑޫގައި ދެ ވޯޓް ފޮއްޓެވެ.
މި އިންތިހާބަށް ވެރިރަށް މާލޭގައި ވެސް ދެ ވޯޓް ފޮށި ބަހައްޓާފައި ވެއެވެ. އެ ދެ ވޯޓްފޮށި ވެސް ބަަހައްޓާފައި ވަނީ އިސްކަންދަރު ސްކޫލުްގަ އެވެ.
މިއަދު ވޯޓްލުން ކުރިއަށް ގެންދަން ހަމަޖައްސާފައި ވަނީ ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އަށެވެ. ވޯޓްލާން ކަނޑައަޅާފައިވާ ވަގުތުގެ ފަހު ގަޑިއިރު ހާއްސަކޮށްފައި ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންނާއި ޕޮޒިޓިވް މީހުންނާއި ކޮންޓެކްޓް ވެގެން ކަރަންޓީން ކޮށްފައިވާ މީހުންނަށެވެ.
އެހެން ކަމުން މެންދުރު ފަހު 3:00 ޖެހުމުގެ ކުރީން ވޯޓްލުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އެދިފަ އެވެ. ކޮވިޑަށް ޕޮޒިޓިވް މީހުންނަށް ހާއްސަ ވަގުތެއް ކަނޑައަޅާފައި އޮތް ނަމަވެސް ކޮވިޑަށް ޕޮޒިޓިވް ނޫން އަދި ކަރަންޓީންގައި ނެތް މީހުންނަށް ވެސް އެ ވަގުތުތަކުގައި ވޯޓް ލުމުގެ ފުރުސަތު އޮންނާނެ އެވެ.
މި ފަހަރުގެ އިންތިހާބުގައި ތިން ރަށުން 3،309 މީހުންނަށް ވޯޓް ލުމުގެ ހައްގު ލިބިފައިވެ އެވެ. އޭގެ ތެރެއިން އެންމެ ގިނައީ ކޮމަންޑޫއަށް ނިސްބަތްވާ މީހުންނެވެ. އެރަށުގެ 1،409 މީހަކަށް ވޯޓްލުމުގެ ހައްގު ލިބިފައިވެ އެވެ. ފޯކައިދޫން 1،204 މީހަކަށް އަދި މަރޮށިން 703 މީހަކަށް ވޯޓް ލުމުގެ ހައްގު ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އާންމު ކޮށްފައިވާ ވޯޓާސް ލިސްޓްތަކުން ދައްކައެވެ. ރީ-ރަޖިސްޓްރޭޝަނަށް ފަހު އެ އަަދަދު ވަނީ 3،316 އަށް އަރާފަ އެވެ.
މިއީ މި ފަހުން ރާއްޖޭގައި ބޭއްވޭ އެންމެ ވާދަވެރި އަދި އެންމެ ފޯރިގަދަ ބައި އިލެކްޝަނެވެ. އިންތިހާބަށް ކެންޑިޑޭޓުން ނެރެފައި ވަނީ އެމްޑީޕީ އާއި ޕީޕީއެމް އަދި އެމްއެންޕީ އިންނެވެ. އެއީ އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދާއި ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާއި އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީހެވެ.
އިލެކްޝަން ކޮމިޝަނުން ބުނީ ވޯޓް ނެގުމަށް ފަހު ވޯޓުލާ މަރުކަޒުގައި ވޯޓު ގުނުމަށް ފަހު އެ މަރުކަޒެއްގެ ވަގުތީ ނަތީޖާ އެ މަރުކަޒެއްގައި އިއުލާނު ކުރާނެ ކަމަށެވެ. އަދި ދާއިރާތަކުގެ ޖުމްލަ ވަގުތީ ނަތީޖާ ވެސް މިރޭ އިއުލާނު ކުރާނެ ކަމަށެވެ.