މާދަމާ ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ވާންޖެހޭ ހުރިހާ ތައްޔާރީތައް ނިމިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިންތިހާބުގެ ތައްޔާރީތަކާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު އަވަސްއަށް މިއަދު ވިދާޅުވީ އިންތިހާބަށް ވާންޖެހޭ މައިގަނޑު ހުރިހާ ތައްޔާރީތަކެއް ނިމިފައިވާ ކަމަށެވެ. ކޮމަންޑޫ ދާއިރާގެ ތިން ރަށަށް އޮފިޝަލުންނާއި ވޯޓް ކަރުދާސް އަދި ވޯޓް ފޮއްޓާއި ވޯޓްލުމުގައި ބޭނުން ކުރާ ހުރިހާ ސާމާނެއް އިއްޔެގެ ނިޔަލަށް ފޮނުވާ ނިންމާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
މި އިންތިހާބުގައި އޮފިޝަލުންގެ ގޮތުގައި ގިނައިން ހަރަކާތްތެރި ވާނީ އިލެކްޝަންސް ކޮމިޝަންގެ ދާއިމީ މުވައްޒިފުންނެވެ. އަދި ހަތް ވޯޓް ފޮށީގެ ވެރިންގެ ގޮތުގަ އާއި އެ މީހުންގެ ނައިބުންގެ ގޮތުގައި ތިބޭނީ ވެސް ކޮމިޝަންގެ މުވައްޒިފުންނެވެ.
ފުއާދު ވިދާޅުވީ ވޯޓްލާ މަރުކަޒުތައް ތައްޔާރު ކުރުމުގެ މަސައްކަތް މިއަދު ހަވީރު ކުރިއަށް ދާނެ ކަމަށާއި ފޯކައިދޫ އާއި ކޮމަންޑޫ އަދި މަރޮށީގެ އިތުރުން މާލޭގައި ވޯޓް މަރުކަޒު ތައްޔާރު ކުރުމުގެ މަސައްކަތް ހަވީރު ފަށާނެ އެވެ. މާލޭގައި ވޯޓްލުން ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ އިސްކަންދަރު ސުކޫލުގައެވެ.
"އެހެންވީމަ ޖުމްލަކޮށް އިންތިހާބަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރު މި ވަނީ ނިމިފައި. މާދަމާގެ އިންތިހާބުގައި ބޭނުން ކުރާ ވޯޓް ކަރުދާސްތައް ޕާޗު ކުރެވިފައިވަނީ ސެކިއުރިޓީ ފީޗާސްތަކާއެކު. އިންތިހާބުގެ މިނިވަންކަމާއި އިތުބާރު ރައްޔިތުންނަށް ދިނުމަށްޓަކައި އެހެން އިންތިހާބުތަކެކޭ އެއްގޮތަށް ވަރަށް ފުރިހަމައަށް ކަންކަން ވާނީ އިންތިޒާމް ކުރެވިފައި،" ފުއާދު ވިދާޅުވިއެވެ.
ޝަކުވާތަކަށް ޖަވާބު ދީފި
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއި ގުޅިގެން މިހާތަނަށް ތިން ޝަކުވާއެއް ހުށައަޅާފައިވާ ކަމަށް ފުއާދު ވިދާޅުވި އެވެ. ފުއާދު ވިދާޅުވީ އެ ޝަކުވާތަކަށް ކޮމްޕެލެއިންސް ބިއުރޯއިން ޖަވާބުދީ ނިންމާފައިވާ ކަމަށެވެ.
މާދަމާ ވޯޓްލުން ކުރިއަށްދާ ވަގުތު ވެސް އެއްވެސް ޝަކުވާއެއް އޮތްނަމަ ޝަކުވާ ހުށައެޅުމުގެ ފުުރުސަތު އޮންނާނެ ކަމަށްވެސް ފުއާދު ވިދާޅުވިއެވެ. އެ ގޮތުން ވޯޓް ފޮށީގެ ވެރިޔާއަށް ނުވަތަ ފޯކަލް ޕޮއިންޓަށް އަދި ބިއުރޯއަށްވެސް ޝަކުވާ ހުށައެޅޭނެ އެވެ. އެ ޝަކުވާތަކަށް ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ޖަވާބު ދެމުން ގެންދާނެ ކަމަށް ފުއާދު ވިދާޅުވިއެވެ.
"އަޅުގަނޑުމެންްގެ ވަރަށް ބޮޑު އިލްތިމާސްއެއް އެއީ، ޝަކުވާއެއް އޮތްނަމަ އުސޫލުގެ ތެރެއިން ހުށައެޅުއްވުން. އަޅުގަނޑުމެން ދޭން އޮތް ޔަގީން ކަމަކީ އެއިން ކޮންމެ ޝަކުވާއަކަށް ކޮމިޝަނުން އެޓެންޑް ކުރާނެ ކަމުގެ ޔަގީންކަން،" ފުއާދު ވިދާޅުވި އެވެ.
އިލްތިމާސަކީ ތިނެއްގެ ކުރީން ވޯޓްލާން ދިއުން
މާދަމާގެ އިންތިހާބު ކުރިއަށް ގެންދަން ނިންމާފައިވަނީ ހެނދުނު އަށަކުން ހަވީރު ހަތަރަކަށެވެ.
އޭގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވް މީހުންނަށް ވޯޓްލާން ހަމަޖެހިފައިވާ ގަޑިއަކީ ތިނަކުން ހަތަރަކަށެވެ. ފުއާދު ވިދާޅުވީ އެ ކޮމިޝަންގެ އިލްތިމާސަކީ ބަލީގެ އަލާމަތް ނެތް އަދި ބައްޔަށް ޕޮޒިޓިވް ނޫން ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ އެންމެން ހަވީރު ތިނެއްގެ ކުރީން ވޯޓް ދިނުމެވެ.
ނަމަވެސް ކޮވިޑަށް ޕޮޒިޓިވް މީހުންނަށް ހާއްސަ ވަގުތުވެސް ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ ކޮންމެ މީހަކަށް ވޯޓް ދިނުމުގެ ފުރުސަތު އޮންނާނެ ކަމަށް ވިދާޅުވިއެވެ. އަދި ޔުނީފޯމް ބޮޑީސްތަކުގައި މަސައްކަތް ކުރާ މުވައްޒިފުންްނަށް ޔުނީފޯމްގައި ވަޑަައިގަތުމުން ކިއުގައި ނުޖެހި ވޯޓް ދެވޭނެ އިންތިހާބު ހަމަޖެހޭނެ އެވެ.
"އަޅުގަނޑުމެންގެ އިލްތިމާސްއަކީ ވީހާވެސް ގިނަ ބަޔަކު ވޯޓްލާން ނިކުތުން. ވޯޓަކީ ވަރަށް ބޮޑު އަމާނާތެއް. އަދި ރައްޔިތުންގެ ނިންމުން ހާމަކުރަން ލިބޭ އެންމެ މުހިންމު ފުރުސަތު. އެހެންވީމަ ވޯޓްގެ ހައްގު އޮތް ކޮންމެ ރައްޔިތަކު ފަރުދީ ޒިންމާ އަދާކުރުމަށް އަޅުގަނޑު އިލްތިމާސް ކުރަން. އަދި ހުރިހާ ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކަށް ގާނޫނުތަކާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތާ މަސްލަހަތު ހިފެހެއްޓުމަށް އިލްތިމާސް ކުރަން،" ފުއާދު ވިދާޅުވިއެވެ.