ކޮންމެ އިންތިހާބަކާ ދިމާކޮށް އެ ވަގުތަކު ވެރިކަން ކުރާ ސަރުކާރަކުން ނުފޫޒު ފޯރުވުމަށް ތަފާތު މަސައްކަތްތައް ކުރެ އެވެ. ސަރުކާރުން އިސްކަންދޭ ވަކި ރަށްތަކެއްގައި ވަކި ހާއްސަ މަޝްރޫއުތަކެއް ހިންގުމަށް އިއުލާންކުރެ އެވެ. އިންތިހާބާ ހަމައަށް ބައެއް މަޝްރޫއުތައް ނުނިމޭނެކަން އެނގޭއިރުވެސް ވޯޓު ހޯދުމުގެ ބޭނުމުގައި މަސައްކަތް ފަށާފައި މެދުކަނޑާލައި މަޝްރޫއުތައް ވެސް މަދެއް ނޫނެވެ. މިވަގުތު އެންމެ ފޯރިގަދަ އިންތިހާބަކަށް އޮތީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނެވެ. އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކުރިން މި ފާހަގަކުރި ހުރިހާ ކަމެއް ކޮމަންޑޫ ދާއިރާގައި ހިނގަމުން އެބަދެ އެވެ.
އަންނަ މަހުގެ ފަސްވަނަ ދުވަހު ބާއްވާ އިންތިހާބުގެ ކެމްޕޭންގެ ފޯރި މިހާރު ވަނީ ވަރަށް ގަދަވެފަ އެވެ. ކޮމަންޑޫ ދާއިރާގެ ގޮނޑި ދިފާއުކުރުމަށް ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، ނިކުމެ އޮތީ މުޅި ސަރުކާރާ އެކު އެވެ. އެމްޑީޕީން ގޮނޑި ދިފާއުކުރުމަށްޓަކައި ސީދާ އިންތިހާބާ ދިމާކޮށް ކޮމަންޑޫ ދާއިރާގެ ތިން ރަށުގައި ވެސް ސަރުކާރުން ގެންދަނީ މަޝްރޫއުތައް ހިންގަމުންނެވެ. ބައެއް މަޝްރޫއުތަކަކީ މިއަހަރުގެ ބަޖެޓްގައި ވެސް ނެތް މަޝްރޫއުތަކެކެވެ. އެ ހުރިހާ މަޝްރޫއެއް ނިމޭއިރު ހަމައެކަނި ކޮމަންޑޫ ދާއިރާ އަށް ސަރުކާރުން ބިލިއަނަކާ ގާތް ކުރާ ރުފިޔާ ހަރަދުކުރާނެ އެވެ.
ސަރުކާރުން ދެކޭ ގޮތުގައި އިންތިހާބާ ދިމާކޮށްފައި މަޝްރޫއުތައް ފެށުމަކީ އިންތިހާބަށް ނުފޫޒު ފޯރުވުމެއް ނޫނެވެ. އޭގެ ބަދަލުގައި ސަރުކާރުން ދެކެނީ ރައްޔިތުންނަށް ހިދުމަތް ދިނުމަކީ ކުރަންޖެހޭނެ ކަމަކަށް ވާތީ އެ މަޝްރޫއު ތަކަކީ ރައްޔިޔުންގެ ހެވާ ލާބާއަށްޓަކައި ކުރިއަށް ގެންދަންޖެހޭނެ މަޝްރޫއުތަކެއް ގޮތުގަ އެވެ. އެކަމަކު ސަރުކާރަށް ތިން އަހަރު ވެގެން ދޔައިރު މީގެކުރިން ކޮމަންޑޫ ދާއިރާގެ ރަށްތައް ނުފެނި އންތިހާބާ ދިމާކޮށް ކުއްލިއަކަށް އެ ރަށްތައް ފެނި މަޝްރޫއުތަކެއް ހިންގުމަކީ ނުފޫޒެވެ. އެއީ ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމެވެ. އެމްޑީޕީގެ ވާދަވެރި ޕާޓީ ތަކުން ވަކިން ހާއްސަކޮށް ޕީޕީއެމުން ދެކޭ ގޮތުގައި ވެސް އިންތިހާބާ ދިމާކޮށް މަޝްރޫއުތައް ހިންގަނީ ސީދާ އިންތިހާބަށް ނުފޫޒު ފޯރުވުމަށެވެ. ޕީޕީއެމް އިން ދެކޭ ގޮތުގައި ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި އެފަދަ މައްސަލަތައް އިލެކްޝަންސް ކޮމިޝަނަށް ބަލަންޖެހޭނެ އެވެ. އެކަމަކު ކޮމިޝަންގެ ވާހަކައާއި ރާގު ވަރަށް ތަފާތެވެ. ކޮމިޝަނުން ދައްކާ ވާހަކައިން ނުފޫޒުގެ މައްސަލަ ބެލުމަކީ އެ ކޮމިޝަނުން ކުރަންޖެހޭ ކަމެއްހެން ވެސް ހީނުވެ އެވެ.
އިންތިހާބަށް ނުފޫޒު ފޯރުވުމާ ގުޅޭ މައްސަލަތައް ފާހަގަވި ނަމަވެސް އަމިއްލަ އިސްނެގުމަށް ކޮމިޝަނަށް އެފަދަ މައްސަލަތައް ނުބެލޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އިންތިހާބަށް ނުފޫޒު ފޯރުވުމާ ގުޅޭ މައްސަލަތަކެއް އެހެން ފަރާތަކުން ކޮމިޝަނަށް ހުށަހެޅި ނަމަވެސް އެފަދަ ބައެއް މައްސަލަތައް ވެސް ކޮމިޝަނަށް ނުބެލޭނެ ކަމަށް ފުއާދު މިހާރު އެބަ ވިދާޅުވެ އެވެ. އެފަދަ އެއް މިސާލެއްގެ ގޮތުގައި ވިދާޅުވީ ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ މަޝްރޫއުތަކުގެ ވާހަކަ އެވެ. ފުއާދު ވިދާޅުވީ އިންތިހާބާ ދިމާކޮށްފައި ސަރުކާރުން މަޝްރޫއެއް ފެށި ނަމަވެސް އެއީ ސަރުކާރުން ކުރާ ކަމަކަށް ވާތީ އެފަދަ މައްސަލައެއް ބެލޭނެ ގާނޫނީ ހަމައެއް ނެތެވެ. ފުއާދު ގަބޫލުކުރައްވާ ގޮތުގައި އެކަން މަނާކުރާ ގާނޫނެއް ވެސް ނެތެވެ.
އިންތިހާބަށް ނުފޫޒު ފޯރުވުމާ ގުޅޭ މައްސަލަތައް އަމިއްލަ އިސްނެގުމަށް ކޮމިޝަނަށް ބެލެން ނެތް ސަބަބުތަކެއް ވެސް ފުއާދު ވިދާޅުވެ ދެއްވި އެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަނަކީ ތަހުގީގީ އިދާރާ އަކަށް ނުވުމާއި، ބައެއް ގައުމުތަކުގައި އޮންނަ ގޮތަށް އިލެކްޝަންސް ކޮމިޝަނަށް ސީދާ ފުލުހުންނަށް އަމުރުކޮށްގެން ބައެއް މައްސަލަތައް ބެލުމަށް ގާނޫނީ ބާރު ނެތުން ފާހަގަކުރެއްވި އެވެ. މީގެއިތުރުން އިލެކްޝަންސް ކޮމިޝަނުން ބޭނުންވާ އަދަދަށް މުވައްޒަފުން ހަމަޖައްސަން ބަޖެޓް ނުދިނުމަކީ ކޮމިޝަނުން އިސްވެސްޓިގޭޓަރުން ހޯދައިގެން މައްސަލަތައް ބެލޭނެ ގޮތެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
"އިންތިހާބަށް ނުފޫޒު ފޯރުވަނީ ކަމަށް ބަލައި ކޮމިޝަނުން އިސްވެ މައްސަލަތަކެއް ބަލަން ފަށައިފިނަމަ އެއީ ސީދާ ވަކި މައްސަލަތަކެއް ނަގައިގެން ބައެއްގެ ހައްގު ނިގުޅައިގަތުމަށް ކުރާ ކަމެއްގެ ގޮތުގައި ވެސް ބައެއް މީހުން ދެކެން ފަށާނެ. އޭރުން ކޮމިޝަނުން އަމަލުކުރަނީ ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ނޫން ކަމަށް ބުނަން މާބޮޑަށް ފުރުސަތާއި ޖާގަ ލިބޭނެ. ކޮމިޝަނުން ގަބޫލުކުރާ ގޮތުގައި އިންތިހާބެއްގައި ބަޔަކު ނުފޫޒު ހިންގުމަށް އެއްވެސް ފަރާތަކުން މަސައްކަތެއް ކުރާނަމަ އެ ބައެއްގެ ވާދަވެރިން އެ މައްސަލައެއް ކޮމިޝަނަށް ހުށަހަޅާނެ. އެހިސާބުން ކޮމިޝަނަށް ބެލެން އޮތް މައްސަލައެއް ބަލާނެ،" ފުއާދު ވިދާޅުވި އެވެ.
އިންތިހާބަށް ނުފޫޒު ފޯރުވާ ކަމަށް ބުނާ މައްސަލަތައް އިލެކްޝަންސް ކޮމިޝަނުން އަމިއްލަ އިސް ނެގުމުގެ ތެރެއިން ބަލަން ފަށައިފިނަމަ ދައުލަތުގެ އެހެން އިދާރާތަކުގެ ބާރު ކެނޑިގެންދާނެ ކަމަށްވެސް ފުއާދު ގަބޫލުކުރައްވަ އެވެ. އެގޮތުން ދައުވާ ކުރަން ޕީޖީ އަށް އޮންނަ ބާރާއި، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމަށް ފުލުހުންނަށް އޮންނަ ބާރާއި، ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް އޭސީސީ އަށް އޮންނަ ބާރު ކެނޑިގެން ދިއުމަކީ މާބޮޑު މައްސަލަ އަކަށް ވެގެންދާނެ ކަމަށް ވިދާޅުވި އެވެ. އެހެންކަމުން އަމިއްލަ އިސް ނެގުމަށް ނުފޫޒުގެ މައްސަލަ ނުބަލާނެ ކަމަށާއި އެއީ ކޮމިޝަނުން މިހާތަނަށް އަމަލުކޮށްފައިވާ ގޮތެއް ނޫން ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ. އަދި އެގޮތަށް މައްސަލަތައް ބެލުމަކީ އިންތިހާބުގެ މުޅި އަމާޒު ގެއްލިގެން ހިނގައިދާނެ ކަމެއް ކަމަށްވެސް ފުއާދު ގަބޫލުކުރައްވަ އެވެ.
"ކޯޓުތަކުން މިސާލަކަށް ކްރިމިނަލް ކޯޓު ވިޔަސް، ހައިކޯޓު ވިޔަސް ނުވަތަ ސުޕްރީމް ކޯޓުން ކަމަށްވިޔަސް އަމިއްލަ އިސް ނެގުމަށް މައްސަލަތައް ނުބަލަނީ ކީއްވެގެންތޯ؟ އެގޮތަށް ކޯޓު ތަކުން އަމަލުނުކުރަނީ މުއައްސަސާތަކުގެ ބާރު ކެނޑޭނެތީވެ،" ފުއާދު ގަބޫލުކުރައްވާ ގޮތް ދިފާއު ކުރައްވަމުން ވިދާޅުވި އެވެ.
ފުއާދަށް ރައްދު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ސެކްރެޓަރީ ޖެނަރަލް އަދި މިހާރު އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލް މުހައްމަދު ތޮލާލް ވިދާޅުވީ އިންތިހާބަށް ނުފޫޒު ފޯރުވާ މައްސަލަތައް ކޮމިޝަނުން ބެލުމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށެވެ. ގާނޫނުއަސާސީގެ 170 ވަނަ މާއްދާއާއި އިލެކްޝަންސް ކޮމިޝަންގެ ގާނޫނުގެ 21 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ ތޮލާލް ވިދާޅުވީ މިނިވަން އިންސާފުވެރި އިންތިހާބެއް ރައްޔިތުންނަށް ބާއްވާ ދިނުމަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ގާނޫނީ ގޮތުން ލިބިގެންވާ ކަމަށެވެ.
"އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން އެއްވެސް ބަޔަކު އެއްވެސް ކަމެއް ކުރާނަމަ އެކަމެއް ބަޔަކު ހުށަހެޅިޔަސް ނޭޅިޔަސް ކޮމިޝަނުން އެކަމެއް ހުއްޓުވާ ފިޔަވަޅު އަޅަންޖެހޭނެ. އެބާރު ކޮމިޝަނަށް ގާނޫނީ ގޮތުން ދީފައި އޮއްވާ ކޮމިޝަންގެ މެންބަރުން އެ ތިއްބެވީ އެ ކޮމިޝަނަށް ލިބިގެންވާ ބާރުތައް އަމިއްލަފުޅަށް ދޫކޮށްލައިގެން ސަރުކާރުގެ މުށުތެރެއަށް ވެއްޓިގަނެގެން. މިއީ ދުނިޔޭގެ އެއްވެސް ތަނަކު އިލެކްޝަންސް ކޮމިޝަނަކުން ކަންކުރާނެ ގޮތެއް ނޫން،" ތޮލާލް ވިދާޅުވި އެވެ.
ތޮލާލް ވިދާޅުވީ އިންތިހާބީ މައްސަލަތައް ބަލަން އިލެކްޝަންސް ކޮމިޝަނަށް އިތުރު ބާރުތަކެއް ދޭން ޖެހޭ ކަމަށް ގަބޫލުވެސް ނުކުރައްވާ ކަމަށެވެ. އިންތިހާބާ ގުޅޭ ޖިނާއީ މައްސަލައެއް އުޅޭނަމަ ފުލުހުންނަށް އަދި އިންތިހާބާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް އުޅޭނަމަ އެ މައްސަލައެއް އޭސީސީ އަށް ހުށަހަޅައިގެން އެ އިދާރާތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނަށް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި އިންތިހާބާ ގުޅޭ މަދަނީ މައްސަލައެއް ނަމަ ސީދާ ކޮމިޝަނަށް މައްސަލަ ހިފައިގެން ކޯޓަށް ދެވެން އޮއްވާ އިތުރު ބާރު ދީގެން ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.
"އިލެކްޝަންސް ކޮމިޝަނުން އިންތިހާބީ މައްސަލައެއް ހުށަހަޅައިގެން ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުން އެ މައްސަލައެއް ނުބަލާނަމަ އެ މުއައްސަސާތައް ޒިންމާދާރު ކުރެވޭނެ ގޮތްތައްވެސް ގާނޫނުއަސާސީއާއި ގާނޫނުތަކުގައި އެހުރީ. އެކަމަކު ހަގީގަތަކީ އިލެކްޝަންސް ކޮމިޝަނުން ބޭނުން ނުވަނީ ސަރުކާރާ ގުޅޭ މައްސަލައެއް ވީމާ އިންތިހާބަށް ނުފޫޒު ފޯރުވާ މައްސަލަތައް ބަލަން. އިލެކްޝަންސް ކޮމިޝަނުން ބަލަން ބޭނުންވީމާ ޕާޓީ ތަކުން ހުށަހަޅާ ފޯމް ތަކުގައި ހުންނަ ފިންގަ ޕްރިންޓްތައް ފުލުހަށް ހުށަހަޅައިގެން ވެރިފައި ކުރޭ. އެކަމަކު އިންތިހާބަށް ނުފޫޒު ފޯރުވާ މައްސަލަތައް އެހެން ނުބެލޭތީ ހަމަ ހައިރާންވޭ،" ތޮލާލް ވިދާޅުވި އެވެ.
އިންތިހާބަށް ނުފޫޒު ފޯރުވުމާ ގުޅޭ ބައެއް މައްސަލަތައް އިލެކްޝަންސް ކޮމިޝަންގެ އިތުރުން އޭސީސީ އަށް ވެސް ބެލޭނެ ކަމަށް ފާހަގަކުރައްވާ ތޮލާލް ވިދާޅުވީ ކޮމަންޑޫ ދާއިރާގެ އިންތިހާބާ ދިމާކޮށް ސަރުކާރުން ދުރާލާ ރާވައިގެން އޭސީސީން ވެސް މިވަގުތަށް "ދުއްވާލާފައިވާ" ކަމަށެވެ. އެއީ އިންތިހާބަށް ނުފޫޒު ފޯރުވާ މައްސަލަތައް ބަލަން ދައުލަތުގައި ރޭވިފައި އޮތް މުޅި ނިޒާމު ފުނޑާލުން ކަމަށްވެސް ތޮލާލް ސިފަކުރެއްވި އެވެ.
މުޅި ސަރުކާރު ނިކުމެ ކޮމަންޑޫ ދާއިރާގެ އިންތިހާބަށް ނުފޫޒު ފޯރުވާއިރު އޭސީސީ ބަންދުކޮށްގެން މައްސަލަތައް ނުބެލޭނެ ގޮތް ހަދާފައި އޮތް އިރު ރައްޔިތުންނަށް މިނިވަން އިންސާފުވެރި އިންތިހާބެއް ހޯދައިދޭންޖެހޭ ފަރާތް ކަމަށްވާ އިލެކްޝަންސް ކޮމިޝަނުން ވެސް ނުފޫޒުގެ މައްސަލަ ނުބެލޭނެ ކަމަށް ބުނާތީ ކޮމިޝަންގެ މެންބަރުން ސަރުކާރުގެ މުށުތެރެއަށް ވެއްޓިފައި އޮތް ވަރު އެބަ އެނގޭ ނޫންތޯމުހައްމަދު ތޮލާލް | ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލް
އިންތިހާބަށް ނުފޫޒު ފޯރުވުމުގެ މައްސަލަތައް އަމިއްލަ އިސްނެގުމަށް ނުބެލޭނެ ކަމަށް ފުއާދު ވިދާޅުވާތީ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަދި ގާނޫނީ ވަކީލް އަހްމަދު އުޝާމް ވެސް މުޅިން އެ ވާހަކަތަކަކާ އެއްބަހެއް ނުވެ އެވެ.
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބް ރައީސް ކަން ވެސް ކުރައްވަމުން ކުރައްވަމުން ގެންދަވާ އުޝާމު ވިދާޅުވީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ މައްސަލަތައް ބެލުމުގައި ކޮމިޝަނަށް ގާނޫނީ ބައެއް ދަތިތައް ހުރި ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެކަމަކު އިންތިހާބު ތަކަކީ މިނިވަން އިންސާފުވެރި އިންތިހާބުތަކެއް ކަން ކަށަވަރުކޮށްދިނުމުގެ އެންމެ ބޮޑު ޒިންމާއެއް ގާނޫނުއަސާސީގެ ދަށުން ހަވާލުކުރެވިފައިވަނީ އިލެކްޝަންސް ކޮމިޝަނާ ކަމަށް އުޝާމް ވިދާޅުވި އެވެ. އެހެންކަމުން ގާނޫނުއަސާސީއާއި ކޮމިޝަންގެ ގާނޫނުގެ ތެރެއިން ނުފޫޒުގެ މައްސަލައަށް ވަގުތީ ހައްލުތަކެއް ނަމަވެސް ހޯދައިދިނުމަކީ ކޮމިޝަނަށް ބަރީއަ ނުވެވޭނެ ޒިންމާއެއް ކަމުގައި އުޝާމް ވިދާޅުވި އެެވެ.
"އިންތިހާބަށް ނުފޫޒު ފޯރުވުމަށް އެތައް ކަމެއް ހިނގަމުންދާއިރު އެފަދަ މައްސަލަތައް ބެލެން ނެތޭ ބުނެ ކޮމިޝަނުން އެފަދަ މައްސަލަތައް ދޫކޮށްލައިގެން ތިބެވޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. ނުފޫޒު ހުއްޓުވަން މިވަގުތަށް ކުރެވެން އޮތް ކަމެއް މިވަގުތު ކުރަންޖެހޭނެ. ކުރެވޭނެ ގޮތްތައް ނިޒާމުގެ ތެރޭގައި ރޭވިފައި ހުންނާނެ. އެމަގުން ހިނގަންޖެހޭނެ ކަމަށް ދެކެން،" އުޝާމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވެސް އިންނަވާ އުޝާމް ވިދާޅުވީ އިންތިހާބުތަކަށް ރައްޔިތުންގެ އިތުބާރު ބޮޑު ކުރުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތަކެއްގެ ހިޔާލުތަކެއް އިލެކްޝަންސް ކޮމިޝަނުން ކޮމިޓީއާ ހިއްސާކޮށްފައިވާ ކަމަށެވެ. އެ އިސްލާހުތައް މަޖިލީހަށް އަވަހަށް ހުށަހަޅައިގެން ކޮމިޝަނުން ބޭނުންވާ ބާރުތައް އަވަހަށް ހޯދައިދެވޭނީ ބަންޑާރަނައިބްގެ އޮފީހުން ކަމާ ގުޅޭ ބިލްތައް އެކުލަވާލާ މަޖިލީހަށް ފޮނުވުމުން ކަމަށްވެސް ވިދާޅުވި އެވެ. ސަރުކާރުގެ އިހްލާސްތެރިކަމެއް ހުރި ނަމަ އެފަދަ އިސްލާހުތައް އަވަސް ކުރާނެ ކަމަށް އުޝާމް ގަބޫލުކުރައްވަ އެވެ.
"އިލެކްޝަންސް ކޮމިޝަނަކީ ތަހުގީގީ އިދާރާ އަކަށް ނުވާތީ އެ ބޭފުޅުން އެބަ ބޭނުންވޭ އިންތިހާބުތަކާ ގުޅޭ ބައެއް ކަހަލަ މައްސަލަތައް ކޮމިޝަނުން އަމިއްލަ އަށް ތަހުގީގުކުރުމަށާއި އަމިއްލަ އަށް ދައުވާކުރުމަށް ބައެއް ކަހަލަ ބާރުތައް. ރާއްޖޭގައި އިންތިހާބުތަކަށް ނުފޫޒު ފޯރުވުން މިއީ ވަރަށް ބޮޑު މައްސަލައަކަށް ވެއްޖެ. އިންތިހާބުތަކަކީ މިނިވަން އިންސާފުވެރި އިންތިހާބުތަކެއް ކަމަށް ޔަގީންކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން އެ ބޭނުންވާ ބައެއް ބާރުތައް ކޮމިޝަނަށް ދިނުމަށް އަޅުގަނޑު ތާއީދު ކުރަން،" ބަންޑާރަނައިބް އޮފީހުގައިވެސް ކުރިން ގިނަ އަހަރުތަކަކު މަސައްކަތް ކުރައްްވާފައިވާ އުޝާމް ވިދާޅުވި އެެވެ.
އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ އިންތިހާބަށް އެއްވެސް ބަޔަކު ނުފޫޒު ފޯރުވާނަމަ އެކަމެއް ހުއްޓުވަން ޖެހޭނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެފަދަ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމަށް އިލެކްޝަންސް ކޮމިޝަނަށް ގާނޫނީ ބޮޑެތި ހުރަސްތަކެއް ނެތެވެ. އިލެކްޝަންސް ކޮމިޝަންގެ މައިގަނޑު މަސްއޫލިއްޔަތަކީ ވެސް މިނިވަން އިންސާފުވެރި އިންތިހާބެއް ހޯދައިދިނުން ކަމަށްވާއިރު އިންތިހާބާ ގުޅޭގޮތުން އެ ކޮމިޝަނަށް ނުބެލޭނެ މައްސަލައެއް އޮވެގެން ވާނެ ކަމަކަށް އޭނާވެސް ދެކެވަޑައެއް ނުގަންނަވަ އެވެ. އިލެކްޝަންސް ކޮމިޝަނަކީ އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު އޮތް ކޮމިޝަނަކަށް ވާތީ އެ ބާރުގެ ތެރެއިން އިންތިހާބަށް ރައްޔިތުންގެ އިތުބާރު ބޮޑު ކުރުމަށްޓަކައި ކުރެވޭނެ ކިތަންމެ ކަމެއް ހުންނާނެ ކަމަށްވެސް އޭނާ ގަބޫލުކުރައްވަ އެވެ.
އޭނާ ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ނުފޫޒު ފޯރުވުމަށް އެމްޑީޕީ އަދި ސަރުކާރުން ވެސް އެއްވެސް ކަމެއް ކުރާ މަންޒަރު ފެނިވަޑައިނުގަންނަވާ ކަމަށެވެ. އެގޮތަށް ވާދަވެރި ޕާޓީ ތަކަށް ފެންނަނީ އެ ބޭފުޅުންނަށް ލިބުނު ފުރުސަތުގައި ރައްޔިތުންނަށް ނުކުރެވި ހުރި ކަންކަން މިސަރުކާރުން ކުރާތީ ކަމަށްވެސް ވިދާޅުވި އެވެ.
"ކޮމަންޑޫ ބިން ކުޑަކަމުން އެ ރަށު ފަޅުތެރޭގައި އޮތް މަތިކޮމަންޑޫއާ ގުޅާލުމަކީ ރައްޔިތުން މުޅި އުމުރު ދެކުނު ހުވަފެނެއް. ދެން ސަރުކާރުން އެ ރައްޔިތުންނަށްޓަކައި އެކަން ކޮށްދޭތީ އެއީ ނުފޫޒު ފޯރުވުން ކަމަށް ދެކޭނީ ކޮން ހަމަައަކުންތޯ؟ ފޯކައިދޫ ރައްޔިތުން ބޯހިޔާވަހިކަމަކަށް ބޭނުންވެފައި ތިބޭތާ އެތައް ޒަމާނެއް. އެ ރައްޔިތުން އެދޭ ގޮތަށް އެރަށުން ގޯތި ދޭތީ އެއީ ނުފޫޒު ކަމަށް ބަލާނީ ކިހިނެއްތޯ؟ މަރޮށި ރައްޔިތުން އެންމެ ބޭނުންވަނީ ބަނދަރެއް. މަރޮށި ރައްޔިތުންނަށްޓަކައި ސަރުކާރުން އެވަރު ކަމެއް ކޮށްދޭތީ އެއީ ނުފޫޒު ކަމަށް ބަލާނީ ކޮން މިންގަނޑަކުންތޯ؟ އެމްޑީޕީގެ މަޖިލިސް މެންބަރު ވިދާޅުވި އެވެ.
ކޮމަންޑޫގައި މިމަހުގެ ހަވަނަ ދުވަހު ރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެސް ވަނީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ މައްސަލައިގައި ވާހަކަދައްކަވާފަ އެވެ. ރައީސް ސޯލިހް ވެސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ކޮމަންޑޫ ދާއިރާގައި ހިންގަމުންދާ އަދި ހިންގަން ނިންމާފައިވާ މަޝްރޫއުތަކަކީ އިންތިހާބާ ގުޅިފައިވާ މަޝްރޫއުތަކެއް ނޫން ކަމަށެވެ.
"ބުނެފާނެ މިއީ ކެމްޕޭނާ ގުޅުވައިގެން ފަށާ ކަމެކޭ. އެހެން ވިދާޅުވިޔަސް ހަފްތާއެއްގެ ތެރޭގައި އެ މަސައްކަތް ފެށިގެން ކުރިއަށްދާ މަންޒަރު ފެނިގެންދާނެ. ކެމްޕޭނާ މިކަމަކާ ގުޅުމެއް ނެތް،" އިންތިހާބާ ދިމާކޮށް ދެ ކޮމަންޑޫ ގުޅާލުމުގެ ބިޔަ މަޝްރޫއާ ގުޅޭ ގޮތުން ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހް ކޮންމެ ގޮތަކަށް ވިދާޅުވި ނަމަވެސް ކޮމަންޑޫ ދާއިރާގައި މަޝްރޫއުތައް އިއުލާން ކުރެވި ފެށިގެން މިދަނީ އިއްތިފާގަކުން ނަމަވެސް އިންތިހާބާ ދިމާކޮށެވެ. އިންތިހާބުގެ ކުރިން އެ މަޝްރޫއުތައް ފެއްޓެވިނަމަ އިންތިހާބަށް ނުފޫޒު ނުފޯރުވަމޭ ވިދާޅުވެ ރައީސް ދައްކަވާ ވާހަކަ ގަބޫލުކުރަން ފަސޭހަ ވާނެ އެވެ. ނަމަވެސް މިހާރު ތިވަނީ ހުރިހާ ގޮތަކުން ވެސް ނުފޫޒަށް ފުރުސަތު ދީފަ އެވެ. އިލެކްޝަންސް ކޮމިޝަންގެ އަމަލުތައް ހުރީ އިންތިހާބަށް ސަރުކާރުން ފޯރުވާ ނުފޫޒުގެ މައްސަަލަތައް ބަލައި ފިޔަވަޅު އަޅާ ރޫހަކު ނޫނެވެ. އެހެންކަމުން މިނިވަން އިންސާފުވެރި އިންތިހާބެއް ކަށަވަރުކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނަށް އޮތް ގާނޫނީ ޒިންމާ އެ ކޮމިޝަނުން އެ ތިއްބެވީ "ނުފޫޒެއްގެ" ތެރެއިން ގެއްލުވާލައިގެންނެވެ.