ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާ ގުޅިގެން މިހާތަނަށް ތިން ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށް ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯ އިން ހާމަކޮށްފި އެވެ.
އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން ކޮމްޕްލެއިންޓްސް ބިއުރޯއާ ހަވާލުވެވަޑައިގެން ހުންނެވި އިލެކްޝަންސް ކޮމިޝަންގެ ލީގަލް ޑިރެކްޓަރު އިބްރާހީމް ހާފިޒް ވިދާޅުވީ ތިން ޝަކުވާ ވެސް ހުށަހަޅާފައި ވަނީ އިދިކޮޅު ޕީޕީއެމްގެ ފަރާތުން ކަމަށެވެ.
ހާފިޒު ވިދާޅުވީ ޕީޕީއެމުން މިދިޔަ ބުރާސްފަތި ދުވަހު ހުށަހެޅި ދެ ޝަކުވާ އަމާޒުކޮށްފައިވަނީ ކެމްޕޭން ޖަލްސާއެއްގައި ވާދަވެރި ފަރާތަކުން ދެއްކެވި ވާހަކަތަކަކަށް ކަމަށެވެ. އެ ދެ ޝަކުވާ އާއި ގުޅިގެން މައްސަލަ ބަލަމުންދާ ކަމަށް ޕީޕީއެމް އަށް އަންގާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޕީޕީއެމްގެ ފަރާތުން އިއްޔެ ވެސް ކޮމްޕްލެއިންޓްސް ބިއުރޯ އަށް ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް އެއީ މިވަގުތަށް ބެލޭނެ ޝަކުވާއެއް ނޫން ކަމަށްވެސް ހާފިޒު ވިދާޅުވި އެވެ. އެގޮތުން އިއްޔެ ލިބުނު މައިގަނޑު ޝަކުވާ އަކީ ވޯޓުލާ ދުވަހު ވޯޓުގެ ކަންކަމުގައި ހަރަކާތްތެރިވާނެ އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުންނާ ގުޅޭގޮތުން ހުށަހެޅި ޝަކުވާއެއް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އަދި އެއްވެސް ތަނަކަށް އޮފިޝަލުން ފައިނަލެއް ނުކުރަން. ފައިނަލް ނުކުރާ އޮފިޝަލުންނާ ގުޅޭގޮތުން ހުށަހެޅި ޝަކުވާއެއް ވީމާ މިވަގުތަށް އެ ޝަކުވާ ބެލޭނެ ކަމަކަށް ނުފެނޭ. އަޅުގަނޑުމެންނަށް ލަފާކުރެވެނީ މާދަމާ ކަމަށް އިލެކްޝަންސްގެ އޮފިޝަލުން ފައިނަލް ކުރެވޭނީ. އޭގެފަހުން އޮފިޝަލުންނާ މެދު ޕާޓީ ތަކުގެ ކަންބޮޑުވުމެއް އޮތްތޯ ބެލުމަށް އެ މައުލޫމާތު ޕާޓީތަކާ އަޅުގަނޑުމެން ހިއްސާކުރާނަން،" ހާފިޒު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯ އަށް ޝަކުވާއެއް ހުށަހެޅިއްޖެނަމަ އެ ޝަކުވާ އަކާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ނެތްނަމަ އާންމު ގޮތެއްގައި ފަސް ދުވަސް ތެރޭގައި ޝަކުވާ އަކަށް ފައިނަލް ޖަވާބެއް ދޭނެ ކަމަށެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާ ދިމާކޮށް އެ ދާއިރާ އަށް އަމާޒުކޮށްގެން ސަރުކާރުން ވަރަށް ގިނަ މަޝްރޫއުތައް އިއުލާންކޮށް ބައެއް މަޝްރޫއުތައް މިހާރު ވަނީ ފަށާފަ އެވެ. ސަރުކާރުން މަޝްރޫއުތައް އިއުލާންކުރަނީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކަމަށް އިދިކޮޅު ފަރާތްތަކުން ގެންދަނީ ތަކުރާރުކޮށް ބުނަމުންނެވެ. އެކަމަކު އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ އެފަދަ މައްސަލަތައް އެކޮމިޝަނުން އަމިއްލަ އިސްނެގުމަށް ނުބެލޭނެ ކަމަށާއި އެއްވެސް ފަރާތަކުން އެއްވެސް މައްސަލައެއް ހުށަހަޅައިފިނަމަ ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން އެ މައްސަލައެއް ބަލާނެ ކަމަށެވެ.
އަންނަ މަހުގެ ފަސްވަނަ ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވަނީ އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދާއި ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީގެ އިތުރުން އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީސް އެވެ.