އިލެކްޝަންސް ކޮމިޝަން

ބައި-އިލެކްޝަންގެ ވަގުތީ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅަން ފުރުސަތު ދީފި

Jan 6, 2022

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅަން ފުރުސަތު ހުޅުވާލައިފި އެވެ.

ކޮމަންޑޫ ދާއިރާގެ ވަގުތީ ވޯޓާސް ލިސްޓް އިލެކްޝަންސް ކޮމިޝަނުން އެންމެ ފުރަތަމަ އާންމުކުރީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެެ. އެ ދުވަހު ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ހުށަހެޅުނު ޝަކުވާތަކަށް ބަލައި، ގެނެވުނު ބަދަލުތަކާ އެކު އަނެއްކާވެސް ޝަކުވާ ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލާފަ އެވެ.

ދާއިމީ ވޯޓާސް ލިސްޓް ފައިނަލް ކުރުމަށްޓަކައި ޝަކުވާ ހުށަހަޅަން ފުރުސަތު ދީފައިވަނީ މިއަދުން ފެށިގެން މިމަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 08:00 އިން މެންދުރުފަހު 3:00ގެ ނިޔަލަށެވެ.

އަންނަ މަހުގެ ފަސްވަނަ ދުވަހު ބާއްވާ އިންތިހާބުގެ ވޯޓާސް ލިސްޓަށް ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވަނީ އެމްޑީޕީން މުހައްމަދު ރާޝިދާއި، ޕީޕީއެމް އިން މޫސާ ފަތުހީގެ އިތުރުން އެމްއެންޕީން އަބްދުލްހަންނާން އިދުރީސް އެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ އެ ދާއިރާގެ މެންބަރެއްގެ ގޮތުގައި ހުންނެވި ހުސައިން ވަހީދު މިދިޔަ މަހުގެ 14 ވަނަ ދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެންނެވެ.