ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފި އެެވެ.
މި އިންތިހާބުގައި ވާދަކުރައްވަނީ ތިން ކެންޑިޑޭޓުންނެވެ. އެއީ ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާއި އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދުގެ އިތުރުން އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީސް އެވެ.
އިންތިހާބުގައި ވާދަކުރުމަށް މިއަދުގެ ނިޔަލަށް ފުުރުސަތު ހުޅުވާލުމުން ކުރިމަތިލެއްވެވީ ވެސް މި ތިން ބޭފުޅުންނެވެ.
އިލެކްޝަންސް ކޮމިޝަނުން މިރޭ ބޭއްވި ގުރުއަތުލުމުގައި ކެންޑިޑޭޓް ނަންބަރު އެކެއް ލިބިވަޑައިގަތީ އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދު އަށެވެ. ކެންޑިޑޭޓް ނަންބަރު ދޭއް ޕީޕީއެމްގެ ކެންޑިޑޭޓް ފަތުހީ އަށް ލިބިވަޑައިގެންނެވިއިރު އެމްއެންޕީގެ ކެންޑިޑޭޓް ހަންނާނަށް ލިބިވަޑައިގަތީ ކެންޑިޑޭޓް ނަންބަރު ތިނެކެވެ.
ކެންޑިޑޭޓުންގެ ނަންބަރުތައް ތަރުތީބު ކުރުމަށް ބޭއްވި މިރަސްމިއްޔާތުގައި އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނާއި ޕާޓީތަކުގެ އިސް ބޭފުޅުންނާއި ކެންޑިޑޭޓުންގެ ކެމްޕޭންގައި އުޅުއްވާ ބައެއް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ކޮމަންޑޫ ދާއިރާގައި ހިމެނެނީ ކޮމަންޑޫއާއި ފޯކައިދޫގެ އިތުރުން މަރޮށްޓެވެ. ވޯޓުލުން ކުރިއަށް ދާނީ އަންނަ އަހަރުގެ ފެބްރުއަރީ ފަސްވަނަ ދުވަހު އެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. މިއަދު ވަނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން މޮނިޓާ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ހުޅުވާލާފަ އެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ އެ ދާއިރާގެ މެންބަރެއްގެ ގޮތުގައި ހުންނެވި ހުސައިން ވަހީދު މިމަހުގެ 14 ވަނަ ދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެންނެވެ.