ޕީޕީއެމް

ޕީޕީއެމް ސަރުކާރެއްގައި ހުރިހާ ރައްޔިތުންނަށް ވަޒީފާ ލިބޭނެ: ޕީޕީއެމް

ޕީޕީއެމްއަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެވިއްޖެނަމަ ވަޒީފާ ދޭނީ އެ ޕާޓީގެ މެމްބަރުންނަށް އެކަނި ކަމަށް ހުކުރު ދުވަހުގެ ރޭ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވިކަމަށް ދެކެވޭ ވާހަކަތައް އެ ޕާޓީއިން ދޮގު ކޮށްފި އެވެ.

ޕީޕީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޮމަންޑޫ ދާއިރާގެ މާލޭގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް ޢަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅުގައި ޕީޕީއެމް ނޫން އެހެން ޕާޓީތަކުގެ މެންބަރުންނަށް ވަޒީފާ ނުދެއްވާނެ ކަމަށް ވިދާޅުވެފައި ނުވާ ކަމަށެވެ.

އަދި ވަޒީފާ ދެއްވުމުގައި އަތޮޅުތެރޭގެ ރަށްރަށުގައި ތިއްބެވި ޕީޕީއެމް މެންބަރުން ބާކީނުވާނެ ކަމަށް ވިދާޅުވި ނަމަވެސް، އެހެން ޕާޓީތަކާއި ޕާޓީތަކުގައި ނޫޅޭ ފަރާތްތަކަށް ވަޒީފާ ނުދެއްވާނެކަމަށް ވިދާޅުވެފައި ނުވާނެ ކަމަށެވެ.

ޕީޕީއެމްގެ ސަރުކާރެއްގައި ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދޭނެ ކަމަށް އެޕާޓީގެ ބަޔާނުގައި ބުނެ އެވެ.

އެ ބަޔާނުގައި ބުނީ ރައީސް ޔާމީނަކީ މިހާތަނަށް ރެކޯޑް އަދަދަކަށް ރާއްޖޭގައި ވަޒީފާތައް އުފައްދަވާ، ވަކި ޕާޓީއެއް ބެއްލެވުމެއް ނެތި ދިވެހި ރައްޔިތުންނަށް ވަޒީފާ ދެއްވުމުގެ ނަމޫނާ ދައްކަވާފައިވާ ލީޑަރެއް ކަމަށެވެ. އެމަނިކުފާނަކީ ދިވެހި ރައްޔިތުންނަށް ފުދުންތެރިކަން ހޯއްދަވައިދެއްވާ އަދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ އިގްތިސޯދަށް އެދެވޭ ރަނގަޅު ބަދަލުތަކެއް ވެސް ގެނެސްދެއްވި ލީޑަރެއް ކަމަށެވެ.

ހުކުރު ދުވަހުގެ ރޭ ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައި ވަނީ 2023 ވަނަ އަހަރު އެ ޕާޓީއަށް ވެރިކަން ލިބިއްޖެނަމަ ސަރުކާރުގެ ކުންފުނިތަކާއި މުއައްސަސާތަކުގެ ވަޒީފާތަކަށް ނަގާނީ ޕީޕީއެމް މެމްބަރުން ކަމަށެވެ. އެހެން ބަޔަކަށް ޖާގަ ނޯންނާނެ ކަމަށާއި އެ ޖާގަތައް މިހާރު މަސައްކަތްކުރަމުން އަންނަ އެ ޕާޓީގެ މެމްބަރުންނަށް އޮންނާނެ ކަމަށް ވިދާޅުވި އެވެ.

އެކަމަކު ޕީޕީއެމް އިން ބުނެފައި ވަނީ ރައީސް ޔާމީންގެ މި ވާހަކަފުޅުގެ މަފްހޫމް އޮޅުވާލައިފައިވާ ކަމަށެވެ.