ފިނޭންސް މިނިސްޓްރީ

އޭސީސީން އިސްތިއުފާ ދެއްވި އަޝްރަފް ޓެންޑާ ބޯޑުގެ ވެރިޔަކަށް

Jan 30, 2022

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރެއްގެ ގޮތުގައި ހުންނަވަނިކޮށް މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގައި ފެށުމުން އޭސީސީގެ މެންބަރު ކަމުން އިސްތިއުފާ ދެއްވި އަލީ އަޝްރަފް ޓެންޑާ ބޯޓުގެ ޗެއާޕާސަންގެ މަގާމަށް ހަމަޖައްސައިފި އެވެ.

އަޝްރަފް އޭސީސީގެ މެންބަރެއްގެ ގޮތުގައި ހުންނެވުމަށްފަހު މަގާމު އިސްތިއުފާ ދެއްވީ މިދިޔަ ޑިސެމްބަރު ދެވަނަ ދުވަހު އެވެ. އަޝްރަފް އިސްތިއުފާ ދެއްވީ ކޮމިޝަނަށް އޭރު ވަގުތު ދެވެން ނެތް ކަމަށް ވިދާޅުވުމަށްފަހު އެވެ. ނަމަވެސް މަޖިލީހުގެ މެންބަރުންގެ ރޫހު އޭރުވެސް ހުރީ އަޝްރަފާއި އޭސީސީގެ އެހެން މެންބަރުން ވެސް މަގާމުން ވަކިކުރާ ގޮތަށެވެ.

ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި އޮންނަ ޓެންޑާ ބޯޑުގެ ވެރިޔަކަށް އަޝްރަފް ހަމަޖެއްސީ މި މަހުގެ 18 ވަނަ ދުވަހު އެވެ.

ޓެންޑާ ބޯޑުގެ މެންބަރުން

  • އަލީ އަޝްރަފް
  • އަލީ އިރުފާން
  • މުހައްމަދު ޖިނާން ސައީދު
  • އުބައިދުﷲ އަލީ
  • މުމްތާޒު އަބްދުއްރަޝީދު
  • މުހައްމަދު އިޔާދު ހަމީދު
  • އައިމިނަތު ޝީރީން

އޭސީސީގެ މެންބަރު ކަމުގެ އިތުރަށް އަޝްރަފް މީގެކުރިން ވަނީ ވިލާ ކޮލެޖުގެ ޑިރެކްޓާ އޮފް މާކެޓިންގެ މަގާމާއި ހިންގުމުގެ ދާއިރާގެ ތަފާތު މަގާމުތައް ފުރުއްވާފަ އެވެ.

ޓެންޑާ ބޯޑުގެ މައިގަނޑު މަސައްކަތަކީ ދައުލަތުގެ ޕްރޮކިއުމަންޓުގެ ކަންކަމާ ގުޅޭ އުސޫލުތައް އެކުލަވާލައި ޕްރޮކިއުމަންޓާ ގުޅޭ މަސައްކަތް ހިނގާ ނުހިނގާ ގޮތް ބެލުމެވެ. އެގޮތުން ސަރުކާރުން ކުރިއަށް ގެންދަން ނިންމާ މަޝްރޫއުތަކުގައި ފަސް މިލިއަން ރުފިޔާއަށް ވުރެ މަތީގެ ބިޑްތަކުގެ ކަންކަން ކުރާނީ ޓެންޑާ ބޯޑުންނެވެ.

ޓެންޑާ ބޯޑުގައި އެންމެ ފަހުން ހުންނެވި އެއް ބޭފުޅެއް ކަމުގައިވާ ކުރީގެ މަޝްހޫރު ކީޕަރު އަދި ތަޖުރިބާކާރު އޮޑިޓަރު އިސްމާއީލް ޒަރިއަންދު މީގެކުރިން ވަނީ ދައުލަތުގެ ޕްރޮކިއުމަންޓުގެ މަސައްކަތްތައް ހިނގާ ގޮތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.