ފިނޭންސް މިނިސްޓްރީ

ހަރަދު ކުޑަކުރަން ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފި

ދައުލަތުގެ ހަރަދު ކުޑަކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ފިނޭންސް މިނިސްޓްރީން ނިންމައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ސާކިއުލާއެއްގައި ވަނީ އަލަށް މުވައްޒަފުން ނުނެގުމާއި މުވައްޒަފެއް ނަގާނަމަ މިނިސްޓްރީގެ ހުއްދަ ނެގުމާއި މުސާރައަށް ބަދަލު ނުގެނައުމާއި ބަޖެޓްގައި އެލަވަންސް ފައިސާ ހިމަނާފައިވީ ނަމަވެސް އެއްވެސް އާ އެލަވަންސެއް ނުދިނުމަށާއި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ފިޔަވާ އިތުރު ގަޑީގައި މުވައްޒަފުން ނެރެގެން މަސައްކަތް ނުކުރުމަށްވެސް އަންގާފަ އެވެ.

މީގެއިތުރުން 35،000 ރުފިޔާއަށް ވުރެ ބޮޑު ހަރަދެއް ކޮށްގެން ދަތުރެއް ކުރާނަމަ އަދި ތަމްރީން ޕްރޮގްރާމަކަށް ނުވަތަ އޮފީހުގެ މަރާމާތަކަށްވެސް 35،000 ރުފިޔާއަށް ވުރެ ބޮޑު ހަރަދެއް ކުރާނަމަ ފިނޭންސް މިނިސްޓްރީގެ ހުއްދަ ނެގުމަށްވެސް އަންގާފައިވެ އެވެ. އަދި އާ އިތުރު ސްކޮލާޝިޕް ނުދިނުމަށާއި ރާއްޖެއިން ބޭރަށް ރަސްމީ ދަތުރެއް ކުރާނަމަވެސް މިނިސްޓްރީގެ ހުއްދަ ނެގުމަށް އަންގާފައިވެ އެވެ.

ހަރަދު ކުޑަކުރަން ވަރުގަދަ ފިޔަވަޅުތަކެއް އެޅިއިރު ސަރުކާރުން ގެންދަނީ އެތައް ބިލިއަން ރުފިޔާއެއްގެ މަޝްރޫއުތައް އިއުލާންކޮށް އަދި މަޝްރޫއު ފަށަމުންނެވެ. ނަމަވެސް މިފަދަ ގިނަ މަޝްރޫއުތަކަކީ ދައުލަތުގެ ބަޖެޓަށް ބުރަ ނުވާ ގޮތަށް ކުރިއަށް ގެންދާ މަޝްރޫއުތަކެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.