އަމިއްލަ ރިޓަޔަމެންޓް ސްކީމް ހިންގާ ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކުން އަލަށް ރިޓަޔަވާ މުވައްޒަފުންނަށް މަހުން މަހަށް ދޭ އެލަވަންސްތައް ނުދޭން ނިންމީ ޑަބަލް ޕެންޝަން ނުދެވޭނެ ގޮތަކަށް ނިޒާމު ބަދަލު ކުރުމަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ފިނޭންސް މިނިސްޓަރު އަދި ނޭޝަނަލް ޕޭ ކޮމިޝަންގެ ރައީސް މޫސާ ޒަމީރު ސޮއި ކުރައްވާ ދައުލަތުގެ އިދާރާތަކަށް ފޮނުއްވި ސިޓީއެއްގައި ވަނީ އަމިއްލަ ރިޓަޔަމެންޓް ސްކީމު ހިންގާ ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންނަށް މަހުން މަހަށް ލިބޭ އަދަދު އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ކަނޑާލުމަށް އަންގާފަ އެވެ.
އެ މިނިސްޓްރީން ބުނީ އަސާސީ ޕެންޝަން ނިޒާމުގެ ބޭރުން ވަކިވަކި އިދާރާތަކާއި މުއައްސަސާތަކުން ހިންގާ ޕެންޝަން ސްކީމުގެ ދަށުން ގަނޑުކޮށް އަދި ހިދުމަތުގެ މުއްދަތަށް ބަލައިގެން މަހުން މަހަށް މުޅި އުމުރަށް ފައިސާ ދިނުމަކީ ޑަބަލް ޕެންޝަން ކަމަށެވެ.
ޑަބަލް ޕެންޝަން ނުލިބޭ ގޮތަށް ނިޒާމަަށް ބަދަލު ގެންނަން ކުރިންވެސް ސަރުކާރަށް ލަފާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ވަކިވަކި ޕެންޝަން ސްކީމްތައް ހިންގާ ދައުލަތުގެ 13 މުއައްސަސާއެއް އޮތްއިރު އޭގެ ތެރޭގައި ސިފައިންނާއި ފުލުހުންގެ އިތުރުން ޖުޑިޝަރީ ހިމެނެ އެވެ.