އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ސަރުކާރުން ދޭ ގިނަ ސަބްސިޑީތަކާއި އެހީތައް ކުޑަކޮށްފި އެވެ.
ސަރުކާރުން ދޭ އެހީ އާއި ސަބްސިޑީތަކުގެ ތެރެއިން ކަރަންޓު އަގުހެޔޮ ކުރުމުގެ ގޮތުން ދޭ ފައިސާ އާއި ކާބޯތަކެތި އަގުހެޔޮ ކުރުމުގެ ގޮތުން ދޭ ފައިސާ ކުޑަކުރަން ވަނީ ހިމަނާފަ އެވެ.
މީގެ އިތުރުން މަސްވެރިންނަށް ދެވޭ ސަބްސިޑީ އާއި ފިއުލް ސަބްސިޑީ ވަނީ ކުޑަކޮށްފަ އެވެ.
ސަބްސިޑީތަކަށް ގެންނަ ބަދަލު
- ކަރަންޓު އަގުހެޔޮކުރުމުގެ ގޮތުންދޭ ފައިސާ: 2024 - 794.9 މިލިއަން ރުފިޔާ | 2025 - 379.4 މިލިއަން ރުފިޔާ
- ކާބޯތަކެތި އަގުހެޔޮކުރުމުގެ ގޮތުން ދޭ ފައިސާ: 2024 - 352.9 މިލިއަން ރުފިޔާ | 2025 - 93.1 މިލިއަން ރުފިޔާ
- ރާއްޖެއިން ބޭރުން ކުރާ ބޭސްފަރުވާއަށް ދެވޭ އެހީ: 2024 - 216.4 މިލިއަން ރުފިޔާ | 2025 - 182 މިލިއަން ރުފިޔާ
- ސިއްހީ އިންޝުއަރެންސްގެ އަގަށް ދައްކާ ފައިސާ: 2024 - 2.2 ބިލިއަން ރުފިޔާ | 1.8 ބިލިއަން ރުފިޔާ
- މަސްވެރިންނަށް ދެވޭ ސަބްސިޑީ: 2024 - 413 މިލިއަން ރުފިޔާ | 2025 - 210 މިލިއަން ރުފިޔާ
- ފިއުލް ސަބްސިޑީ: 2024 - 2.1 ބިލިއަން ރުފިޔާ | 2025 - 433 މިލިއަން ރުފިޔާ
- ޓްރާންސްޕޯޓް ސަބްސިޑީ: 2024 - 545 މިލިއަން ރުފިޔާ | 2025 - 410 މިލިއަން ރުފިޔާ
- ނަރުދަމާ ސަބްސިޓީ: 2024 - 139 މިލިއަން ރުފިޔާ | 2025 - 94 މިލިއަން ރުފިޔާ
ބައެއް އެހީތަކާއި ސަބްސިޑީތައް ކުޑަ ކުރިއިރު ބައެއް އެހީ އާއި ސަބްސިޑީ ބޮޑުކުރަންވެސް ބަޖެޓުގައި ވަނީ ހިމަނާފަ އެވެ.
އެ ގޮތުން ނުކުޅެދޭ ފަރާތްތަކަށް ދޭ އެހީ 590 މިލިއަން ރުފިޔާ އިން 634 މިލިއަން ރުފިޔާއަށް އަދި އެކަނިވެރި މައިން ނުވަތަ ބަފައިންނަށް ދެވޭ އެހީ 74 މިލިއަން ރުފިޔާ އިން 78 މިލިއަން ރުފިޔާއަށް ބޮޑުކުރަން ހިމަނާފައިވެ އެވެ.
މީގެ އިތުރުން ކުނި މެނޭޖުކުރުމަށް ދޭ ސަބްސިޑީ 85 މިލިއަން ރުފިޔާއަށް ބޮޑުކުރަން ބަޖެޓުގައި ވަނީ ހިމަނާފަ އެވެ. ކުނި މެނޭޖުކުރަން މި އަހަރު ދޭން ކަނޑައެޅީ 62 މިލިއަން ރުފިޔާ އެވެ.
ސަރުކާރުން މި ފިޔަވަޅުތައް އަޅަން ނިންމިއިރު ރާއްޖޭގެ ދަރަނީގެ ހާލަތު ގޯސްވެ ސަބްސިޑީއަށް ކުރާ ހޭދަ ކުޑަކުރަން ދުނިޔޭގެ މާލީ އިދާރާތަކުން ސަރުކާރަށް ވަނީ ލަފާދީފަ އެވެ. މީގެ އިތުރުން ހަރަދު ކުޑަކުރުމުގެ ގޮތުން ސަރުކާރުން ދަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ.