ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކުން އަންނަ އަހަރު ހަ ބިލިއަނަށްވުރެ ގިނަ ރުފިޔާ ކުޑަކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ދައުލަތުގެ ބަޖެޓުގައި ލަފާކޮށްފައިވާ ގޮތުން ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކުން 6.6 ބިލިއަން ރުފިޔާ ކުޑަކުރެވޭނެ އެވެ.
ދައުލަތުގެ 2025 ވަނަ އަހަރުގެ ބަޖެޓުގައި އަހަރުގެ ތެރޭގައި ރިފޯމުތައް ތަންފީޒުކުރަން ހިމަނާފައިވެ އެވެ.
އެ ގޮތުން ސަބްސިޑީގެ އެހީ ބޭނުންވާ މީހުންނަށް ސީދާ ގޮތެއްގައި ސަބްސިޑީ ފޯރުކޮށްދޭ ނިޒާމަށް ބަދަލުކުރުން ހިމެނެ އެވެ.
ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން އާސަންދަ ނިޒާމު މުރާޖައާކޮށް މިހާރަށްވުރެ ވަށާޖެހޭ ފުރިހަމަ އަދި ދެމެހެއްޓެނިވި ނިޒާމަކަށް ބަދަލުކުރުން ހިމެނެ އެވެ.
ތެލުގެ އަގަށް އަންނަ ބަދަލުތަކުން ކުރިމަތިވާ ފިސްކަލް އަދި އެކްސްޓާނަލް ސެކްޓާގެ ހިރާސްތައް ހެޖްކުރުމާޢި ދައުލަތުން ފޯރުކޯށްދޭ ޕެންޝަންތައް ތަކުރާރު ނުވާނެހެން މުރާޖައާކުރުމަށް ނިންމާފައިވެ އެވެ.
މީގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތައް -- އެސްއޯއީތައް ރިފޯމްކުރުމަކީވެސް ހަރަދު ކުޑަކުރުމުގެ ގޮތުން އަންނަ އަހަރު އަޅާ ފިޔަވަޅެކެވެ.