ބޮލީވުޑް

ކޮމޭޑިއަން ސުނިލް ގްރޯވަރަށް ހިތުގެ މައްސަލަތަކެއް ދިމާވެފައި

"ދަ ކަޕިލް ޝަރުމާ ޝޯ"ގައި "ގުއްތީ" އާއި "ޑރ. މަޝްހޫރު ގުލާޓީ" ގެ ރޯލު ކުލެފައިވާ މަޝްހޫރު ކޮމޭޑިއަން ސުނިލް ގްރޯވަރަށް ހިތުގެ މައްސަލަތަކެއް ދިމާވެގެން ފަރުވާ ހޯދަމުންދާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ. ހިތުގެ ނާރުތަކެއް ބްލޮކްވެފައި ހުރުމުގެ ސަބަބުން ވަރަށް އަވަހަށް ހިތުގެ އޮޕަރޭޝަނެއް ސުނިލް ކުރަން ހަމަޖެހިފައިވާ ކަމަށް ވެސް މި ޚަބަރުގައި ބުނެފައި ވެއެވެ.

ސުނިލްގެ ހިތުގެ ސާޖަރީއެއް ހަދަން ޖެހޭކަން އެނގުނުއިރު އޭނާ ގެންދިޔައީ ވެބް ސީރީޒް އެއް ޝޫޓްކުރަމުންނެވެ. އޭނާ ސާޖަރީއަށް ދިޔައީ މި ސީރީޒްގައި އޭނާ ކުޅެން ޖެހޭ ބައި ފުރިހަމަ ކުރުމަށް ފަހުގައި ކަމަށް ވެއެވެ.

"ހިތުގެ މައްސަލަތަކެއް ދިމާވެ ވަރަށް ވޭނުގައި އުޅެމުން ވެސް ޕޫނޭގައި އޮތް މި ވެބް ސީރީޒްގެ ޝޫޓިންގް ސުނިލް ފުރިހަމަ ކުރި. އޭނާ ސާޖަރީ ހަދަން ދިޔައީ ވަރަށް ޕްރޮފެޝަނަލްކޮށް ސީރީޒްގެ ހުރިހާ މަސައްކަތެއް ނިންމާފައި،" އިންޑީއާގެ ނޫހަކަށް މައުލޫމާތު ދީފައިވާ މީހަކު ބުނެފައި ވެއެވެ.

ސުނިލް އެންމެ ފަހުން ކުޅެފައިވަނީ ޒީ5ގެ ވެބް ސީރީޒް "ސްނޯ ފްލާވާ" އެވެ. މި ސީރީޒްގައި އޭނާއާއެކު އާޝިޝް ވިދްޔާރްތީ، ރަންވީރު ޝޯރޭ އަދި ގިރިޝް ކުލްކަރްނީ ބައިވެރިވި އެވެ. އަދި ސައިފް އަލީ ޚާން ބަތަލުގެ ބައި ކުޅުނު "ޓާންޑަވް"ގައި ވެސް ސުނިލް މުހިންމު ބައެއް ކުޅުނެވެ.

ސުނިލް ކުޅުނު ބޮޑު ސްކްރީން ފިލްމުތަކުގެ ތެރެއިން އެންމެ ފަހުން ރިލީޒްކުރި ފިލްމަކީ ސަލްމާން ޚާނާއި ކެޓުރީނާ ކައިފްގެ "ބާރަތު" އެވެ. މި ފިލްމުގައި ސުނިލް ކުޅެފައިވަނީ ސަލްމާންގެ ގާތް އެކުވެރިއެއްގެ ރޯލެވެ.

ޝާހް ރުކް ޚާން ބަތަލުގެ ބައި ކުޅޭ އަޓްލީ ޑައިރެކްޓްކުރާ އާ ފިލްމުން ވެސް ސުނިލް އަށް ވަރަށް މުހިންމު ބައެއް ލިބިފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.

ބައެއް ވެބް ސީރީޒްތަކާއި ބޮޑު ސްކްރީން ފިލްމުތަކުގައި ސުނިލް ބައިވެރިވެފައިވީ ނަމަވެސް ގިނަ ބަޔަކު އޭނާ އަދިވެސް ހަނދާން ހުންނަނީ "ދަ ކަޕިލް ޝަރުމާ ޝޯ' ގައި ކުޅުނު "ގުއްތީ"އާއި "މަޝްހޫރު ގުލާޓީ"ގެ ކެރެކްޓާ އިންނެވެ. ނަމަވެސް ކަޕިލް އާ ޖެހުނު މައްސަލައަކަށްފަހު ސުނިލް ވަނީ އެ ޝޯ ދޫކޮށްލާފަ އެވެ.

ސުނިލް އާއި ކަޕިލް އަލުން ސުލްހަ ކުރުވައި ކަޕިލްގެ ޝޯގައި އަލުން ސުނިލް ބައިވެރި ކުރެވޭތޯ އެ ޝޯގެ ޕްރޮޑިއުސަރުގެ ހައިސިއްޔަތުން ސަލްމާން ޚާން ވަރަށް މަސައްކަތް ކުރަމުންދާ ކަމުގެ ޚަބަރުތަކެއް ވެސް ތަންކޮޅެއް ކުރިން ފެތުރުނެވެ. ނަމަވެސް ސުނިލް އަދިވެސް ހުރީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ. ކަޕިލް ޝަރުމާ ޝޯ އަށް އެނބުރި އައުމުގެ ވިސްނުމެއް އަދިވެސް ސުނިލް ނުގެންގުޅެ އެވެ.