ކަޕިލް ޝަރުމާ އާއި ސުނިލް ގްރޯވަރުގެ މެދުގައި މައްސަލަތަކެއް ޖެހި "ދަ ކަޕިލް ޝަރުމާ ޝޯ" އިން ސުނިލް ވަކިވެފައި ވިޔަސް ސުނިލް އާ އޮންނަ ގާތް ގުޅުން ކަޕިލް އަދިވެސް ދަމަހައްޓަ އެވެ. އަދި ވަރަށް ފަހުން ސުނިލް އަށް ހާޓް އެޓޭކެއް ޖެހި ބައިޕާސް ސާޖަރީއެއް ހެދި ވާހަކަ އިވިފައި ވަރަށް ދެރަވި ޝޮކެއް ލިބިފައިވާ ކަމަށް ވެސް ކަޕިލް ވަނީ ބުނެފަ އެވެ.
ސާޖަރީއަށް ފަހު ގޭގައި މިހާރު އަރާމު ކުރަމުންދާ ސުނިލް އަށް ފިލްމާއި ޓީވީ އިންޑަސްޓްރީގެ ގިނަ ބަޔަކު ހެޔޮ އެދުމުގެ މެސެޖުތައް ފޮނުވާފައިވާއިރު ސުނިލްގެ ފޭނުން ވެސް ސޯޝަލް މީޑިއާގައި އޭނާއަށް ހެޔޮއެދުމުގެ މެސެޖުތައް ދަނީ ޝެއާ ކުރަމުންނެވެ. އަދި ކަޕިލް ބުނި ގޮތުގައި ސުނިލް އަށް އޭނާ މެސެޖު ކުރި އެވެ. އަދި ސުނިލްގެ ގާތް މީހުންނާ ގުޅައިގެން ވެސް އޭނާގެ ހާލު ބަލަމުންދާ ކަމަށް ކަޕިލް ބުންޏެވެ.
"އެހާ ބަލި ހާލުގައި އޮވެގެން އަހަރެންގެ މެސެޖެއް އަދި ޖަވާބު ނުދެވޭނެކަން އެނގޭ. އެހެން ނަމަވެސް އަހަރެން އެބަ އޭނާގެ ހާލު ވަރަށް ގާތުން ބަލަމުން ގެންދަން،" ކަޕިލް ބުންޏެވެ.
ކަޕިލް އާއި ސުނިލް އެކުގައި ގިނަ ޕްރޮޖެކްޓްތަކެއްގައި މަސައްކަތް ކޮށްފައި ވެއެވެ. ސުނިލް އަށް އެންމެ ބޮޑު މަޝްހޫރުކަމެއް ލިބި ގިނަ ބަޔަކު އޭނާ ދަންނަން ފެށީ "ކަޕިލް ޝަރުމާ ޝޯ"ގައި އޭނާ އަދާކުރި ގުއްތީ ކިޔާ އަންހެނެއްގެ ކެރެކްޓާ އިންނާއި ޑރ. މަޝްހޫރު ގުލާޓީގެ ކެރެކްޓާ އިންނެވެ.
ދެ މީހުންގެ މެދުގައި ޖެހުނު މައްސަލަތަކެއްގައި ކަޕިލްގެ ޝޯ އިން ސުނިލް ވަކިވިޔަސް އޭނާއާ ގުޅުން ރަނގަޅު ކުރެވޭތޯ ކަޕިލް ވަރަށް ބޮޑަށް މަސައްކަތް ކުރާ ތަން އަބަދުވެސް ފެނެ އެވެ. މިހާރު ސުނިލް ވެސް ކަޕިލް އާ ވާހަކަ ދައްކާ ހެދިޔަސް އަދިވެސް އޭނާ ކަޕިލްގެ ޝޯއަށް އެނބުރި އަންނަން ތައްޔާރެއް ނޫނެވެ.
މުމްބައިގެ ހޮސްޕިޓަލެއްގައި ސުނިލް އެޑްމިޓްކުރީ މޭގައި ރިއްސާތީ އެވެ. ޑޮކްޓަރުން ސުނިލް ބެލުމަށްފަހު ހިތުގެ ނާރުތަކުގެ 70-80 ޕަސެންޓް ބްލޮކްވެފައިވާ ކަމަށް ބުންޏެވެ. އަދި ބައިޕާސް ސާޖަރީ ހަދައި މިހާރު ވަނީ ބްލޮކް ވީ ތަންތަން ރަނގަޅުކޮށްފަ އެވެ.