އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް،

އައްޑޫގައި ސިޒޭރިއަން ހެދި މީހެއްގެ ހާލު ސީރިއަސް

Feb 5, 2022
1

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލުގައި ސިޒޭރިއަން ހެދި މީހެއްގެ ހާލު ސީރިއަސްވެގެން މާލެ ގެނެސް އޭޑީކޭގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.

ހާލު ދެރަވި އަންހެން މީހާއަށް ބޮޑުދައިތަ ކިޔާ މީހަކު ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައި ވަނީ މިމަހުގެ 23 ވަނަ ދުވަހު އަންހެން މީހާގެ ސިޒޭރިއަން ހެދި ފަހުން އޭނާގެ ހާލު ރަނގަޅު ނޫން ކަމަށެވެ.

އޭނާ ބުނީ ދައްތަގެ އޮޕަރޭޝަން ކާމިޔާބު ކަމަށް ބުނެ ހޮސްޕިޓަލުން މައުލޫމާތު ދިން ކަމަށާއި ނަމަވެސް ސިޒޭރިއަން ހެދި ފަހުން ތިން ދުވަސްވީއިރު ވެސް ހާލު ރަނގަޅު ނޫން ކަމަށެވެ. އަދި ސިޒޭރިއަން ހެދި ޑޮކްޓަރު އަންހެން މީހާ ކައިރިއަށް އައިސް ހާލު ބަލާފައި ނުވާ ކަމަށެވެ.

ސިޒޭރިއަން ހެދި ފަހުން ނޭވާލާން އުނދަގޫވެގެން ނަރުހުންނާ އެ މައުލޫމާތު ހިއްސާކުރުމުން އެއީ ގޭސްޓްރިކްވެގެން ދިމާވާ ކަމެއް ކަމަށް އެންގި ކަމަށް އޭނާ ބުންޏެވެ. އެކަމަކު އޮޕަރޭޝަން ކުރި ފަހުން ހަތަރުވަނަ އަށްވީ ދުވަހު މާބޮޑަށް ބަނޑުގައި ރިއްސާތީ ސީޓީ ސްކޭން ހެދުމަށްފަހު ގޮހޮރުގައި ބްލޮކެއް އުޅޭ ކަމަށާއި ގޮހޮރޮ ސާފުކޮށްލުމުން އިތުރު ސާޖަރީ އަކަށް ދާން ނުޖެހޭނެ ކަމަށް ހޮސްޕިޓަލުން ބުނި ކަމަށެވެ.

އޭނާ ބުނީ އާއިލާ އަށް ދޮގު މައުލޫމާތު ދިނުމަށްފަހު ދައްތަ އައިސީޔޫގައި ވެސް ގެންގުޅުނު ކަމަށެވެ. އަދި މާލެ ގެންދަން ދޫކޮށްލަން އެދުމުން ނޭވާލާން އުދަނގޫވާއިރު ވައިގެ މަގުން ނުގެންދެވޭނެ ކަމަށް ބުނެ ދައްތަ ދޫކޮށްލަން ވެސް ދެކޮޅު ހެދި ކަމަށެވެ.

"އައިސީޔޫއަށް ގެންގޮސްފައި ތިން ވަނަ ދުވަހު ދޫކުރީ ވޯޑަށް. އައިސީޔޫގައ ކުރި ކަމެއް ނުވެސް އަންގާ. ވޯޑަށް ގެނެސްފައި ބުނީ ރަނގަޅު ކަމަށް. ދެ ދުވަސް ބަލާފައި ގެއަށް ދޫކުރާނެ ކަމަށް ބުނެފައި ދޫކުރީމާ އެ ދުވަހު މާލެ އައީ،" ޕޯސްޓުގައިވެ އެވެ.

އޭނާ ބުނީ ދައްތަ މިދިޔަ ހޯމަ ދުވަހު މާލެ ގެނައުމުން އޭޑީކޭގެ ޑޮކްޓަރުން ބަލާފައި ސިޒޭރިއަން ހެދިއިރު ފަހާފައިވާ ބަނޑުގެ ތަންކޮޅެއްގައި އިންފެކްޝަނެއް އުފެދި ކުނިވެފައިވާތީ އިތުރު ސާޖަރީއެއް ހަދަން އެންގި ކަމަށެވެ. ސާޖަރީ ހަދަން ޑޮކްޓަރުން ބެލިބެލުމުން އެނގުނީ އަންހެން މީހާގެ ގޮހޮރު ބުރި ނުވެ ހިފެހެއްޓިފައި އިނީ ހަމަ ކިރިޔަ ކިރިޔާ ކަމެވެ. އޭރު އަންހެން މީހާގެ ބަނޑުގައި ދޮހާއި ފެން ހެދި ހާލު ވަރަށް ބޮޑަށް ސީރިއަސްވެފައިވާ ކަމަށްވެސް ބުންޏެވެ.

އޭޑީކޭ އިން ދައްތަގެ ހާލަތާ ގުޅޭ ގޮތުން ކަންބޮޑުވާ އެތައް މައުލޫމާތެއް ދިން އިރު އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ދައްތަގެ ހާލު "ސްޓޭބަލް" ކަމަށް ބުނެ ދޮގު މައުލޫމާތު ދިން ކަމަށް ތުހުމަތުކޮށް އޭނާ ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ސިޒޭރިއަން ހެދި މީހެއްގެ ހާލު ސީރިއަސްވެގެން އާއިލާ އިން ކަންބޮޑުވުން ފާޅުކުރަމުންދާ މައްސަލާގައި އެ ހޮސްޕިޓަލްގެ ބަހެއް އަވަސް އަށް ލިބޭ ގޮތެއް ނުވި އެވެ.