އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ތިން މައްސަލައެއް އޮޑިޓާ ޖެނެރަލް ފެންމަތިކުރައްވައިފި އެވެ.
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ފުރަތަމަ މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ އެ ހޮސްޕިޓަލްގެ ލޭންޑްސްކޭޕިން މަސައްކަތް ހަވާލުކޮށްފައިވާ ފަރާތުން އެއްބަސްވުމާ އެއްގޮތަށް ހިދުމަތް ދެމުންދާކަން ކަށަވަރުނުކޮށް، ފައިސާ ހަރަދުކުރި މައްސަލަ އެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ހޮސްޕިޓަލްގެ ގޯތިތެރޭގައިވާ ހުރިހާ ފެންގަނޑުތަކެއް މަދުވެގެން މަހަކު އެއް ފަހަރު ސާފުކުރަންވާނެ ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވީ ނަމަވެސް އެގޮތަށް އެ މަސައްކަތް ކޮށްފައެއް ނުވެއެވެ. އެކަމަކު އެ މަސައްކަތް ހަވާލުކޮށްފައިވާ ފަރާތަށް 121،264 ރުފިޔާ ދޫކޮށްފައިވުމަކީ އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިކަން ކަށަވަރު ނުކޮށް ދޫކޮށްފައިވާ ފައިސާ ކަމަށް ބެލެވޭތީ އެކަން އިސްލާހު ކުރުމަށް އޮޑިޓާ ޖެނެރަލް ވަނީ ލަފާ ދެއްވާފަ އެވެ.
އޮޑިޓުގައި ދެން ފާހަގަކޮށްފައިވަނީ ހޮސްޕިޓަލަށް ޕިކަޕެއް ހޯދުމުގެ މަސައްކަތެވެ. ހޮސްޕިޓަލަށް 295،000 ރުފިޔާއަށް ޕިކަޕެއް ގަނެފައިވަނީ ޕިކަޕެއް ފޯރުކޮށްދިނުމަށް ޝައުގުވެރިވާނެ އެހެން ފަރާތްތަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު ގެއްލޭ ގޮތަށް ކަމަށް އޮޑިޓްގައި ވަނީ ފާހަގަކޮށްފަ އެވެ. އެހެންވެ ވާދަވެރި ބީލަމެއްގެ ފުރުސަތު ގެއްލޭ ގޮތަށް ކޮށްފައިވާ އެ ކަންތައް އިސްލާހު ކުރުމަށް އޮޑިޓ ޖެނެރަލް ވަނީ ލަފާ ދެއްވާފަ އެވެ.
އޮޑިޓުގައި ފަހު ކަމެއްގެ ގޮތުން ފާހަގަކޮށްފައިވަނީ ހޮސްޕިޓަލް ފޮޅާ ސާފުކުރުމުގެ އެއްބަސްވުމާ ގުޅޭ މައްސަލަ އެކެވެ. ހޮސްޕިޓަލް ފޮޅާ ސާފު ކުރުމުގެ މަސައްކަތުގައި ކޮންމެ ދުވަހަކުވެސް 47 މުވައްޒަފުން ހަރަކާތްތެރިވާނެ ކަމަށް އެއްބަސްވުމުގައިވެ އެވެ. ނަމަވެސް އޮޑިޓަރުން ބެލި ބެލުމުން އެވްރެޖުކޮށް އެ މަސައްކަތުގައި އުޅެނީ 25 މުވައްޒަފުންކަން އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
އޮޑިޓް ރިޕޯޓުގައިވާ ގޮތުން އެއީ އެއްބަސްވުމުގައިވާ އަދަދަށްވުރެ 22 މުވައްޒަފުން މަދު އަދަދެކެވެ. އެހެންނަމަވެސް އެ މަސައްކަތަކަށް ކޮންމެ މަހަކު، ހޮސްޕިޓަލުން 497،140 ރުފިޔާ ހަރަދު ކުރާކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. މިކަންވެސް އިސްލާހު ކުރުމަށް އޮޑިޓާ ޖެނެރަލް ވަނީ ލަފާ ދެއްވާފަ އެވެ.
އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ސޮއި ކުރައްވައި، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ 2021 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓް ނެރުއްވާފައިވަނީ މިދިޔަ ހަފްތާ ގައެވެ. އޮޑިޓާ ޖެނެރަލް ވަނީ މި ރިޕޯޓް ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށްވެސް ހުށަހަޅުއްވާފަ އެވެ.