ހުސައިން ނިޔާޒީ

އޮޑިޓާ ޖެނެރަލް ކަމަށް ނިޔާޒީ އައްޔަން ކުރައްވައިފި

Jul 13, 2021

ހުސްވެފައިވާ އޮޑިޓާ ޖެނެރަލްގެ މަގާމަށް ގ. އައިފާ، ހުސައިން ނިޔާޒީ މިއަދު އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ނިޔާޒީ އަށް މަގާމުގެ ލިޔުން ހަވާލު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ.

އޮޑިޓާ ޖެނަރަލްގެ މަގާމަށް ނިޔާޒީ އައްޔަން ކުރަން މަޖިލީހުގެ 63 މެންބަރުންގެ އިއްތިފާގުން ރުހުން ދިނީ މި މަހުގެ އަށްވަނަ ދުވަހު އެވެ.
ނިޔާޒީ އޮޑިޓާ ޖެނަރަލްގެ މަގާމަށް އައްޔަންކުރަން ރުހުން ހޯދުމުގެ މައްސަލަ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅީ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު އެވެ.

ހުސައިން ނިޔާޒީ އަކީ 18 އަހަރު އޮޑިޓާ ޖެނެރަލްގެ އޮފީހަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޮޑިޓް އޮފީހުގެ އެކިއެކި މަގާމުތަކުގައި މަސައްކަތް ކުރެއްވި އިރު ފާއިތުވެދިޔަ ނުވަ އަހަރު އޭނާ ހުންނެވީ އެސިސްޓަންޓް އޮޑިޓާ ޖެނެރަލްގެ މަގާމުގަ އެވެ. މި މުއްދަތުގައި ނިޔާޒީ ވަނީ ހަތަރު އޮޑިޓާ ޖެނެރަލުންނާއެކު މަސައްކަތް ކުރައްވާފަ އެވެ.

ނިޔާޒީ އަކީ ޗާޓަޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓަންޓްސްގެ (ސީއައިއެމްއޭ) ގެ އެސޯސިއޭޓް މެމްބަރެކެވެ. އަދި ދިވެހިރާއްޖޭގެ އެކައުންޓަންސީ ޕްރޮފެޝަން ކުރިއަރުވާ ރެގިއުލޭޓް ކުރުމަށް ގާނޫނަކުން އެފެއްދި އިންސްޓްޓިއުޓް އޮފް ޗާޓަޑް އެކައުންޓަންޓްސް އޮފް ދަ މޯލްޑިވްސްގެ ފެލޯ މެމްބަރެއް އަދި އެ އިންސްޓިޓިއުޓްގެ ކައުންސިލް މެމްބަރެކެވެ. އްޖޭގެ ޕްރައިވެޓް ސެކްޓާ އެކައުންޓަންސީ އަދި އޮޑިޓް ޕްރޮފެޝަން ތަރައްގީކޮށް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގައި ވެސް ނިޔާޒީއަކީ މުހިއްމު ދައުރެއް އަދާކުރައްވާ ބޭފުޅެކެވެ.

އޮޑިޓާ ޖެނަރަލްގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ހަސަން ޒިޔަތުގެ ނަން އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ލިސްޓްގައި ހިމެނުމާ ގުޅިގެން މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވީ މެއި 12 ވަނަ ދުވަހު އެވެ.