މަރުކަޒީ ބޭންކްގެ ގަވަރުނަރު އަލީ ހާޝިމާއި އޮޑިޓާ ޖެނަރަލް ހަސަން ނިޔާޒީ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފި އެވެ.
ގައުމުގެ މާލީ ހާލަތު އޮތް ގޮތް ސާފުކޮށްދިނުމަށް މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވަޑައިގަންނަވާ ގޮތަށް ކުރިން ހަމަޖެހިފައި އޮތެވެ. ނަމަވެސް މިނިސްޓަރު އާލާސްކަންފުޅާ އުޅުއްވާތީ މިބައްދަލުވުމަށް މިނިސްޓަރު ވަޑައިނުގަންނަވަ އެވެ. އެކަމަކު ކަމާ ގުޅޭ ލިޔުންތައް ކޮމިޓީއަށް ފޮނުއްވި އެވެ.
މާލިއްޔަތު ކޮމިޓީގެ މިއަދު ބައްދަލުވުމަށް ފިނޭންސް މިނިސްޓްރީން ލިޔެކިޔުންތައް ފޮނުވާފައި ހުރީ އެ މައުލޫމާތު ސިއްރު ކުރާ ގޮތަށެވެ. އެހެންވެ ކޮމިޓީގެ މިއަދުގެ ބައްދަލުވުން ފެށުމަށްފަހު ވަނީ ކޮމިޓީ ސިއްރުކުރި އެވެ.
މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ގައުމުގެ މާލީ ހާލަތު އޮތް ގޮތް އޮޅުންފިލުވުމަށް އެމްއެމްއޭގެ ގަވަރުނަރާއި އޮޑިޓާ ޖެނަރަލް ކޮމިޓީއަށް ހާޒިރުކުރަން ހުށަހެޅުއްވީ މަޖިލީހުގެ ނައިބް ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް އެެވެ.
ނާޒިމުގެ ހުށަހެޅުއްވުމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ތާއީދުކުރެއްވުމުން ކޮމިޓީން ވަނީ އެ ހުށަހެޅުން ފާސްކޮށްފަ އެވެ.