އަލީ ހާޝިމް

އަލީ ހާޝިމް ވަކިކުރަން ރައީސަށް ލަފާ ދޭން މަޖިލީހުން ފާސްކޮށްފި

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ އެރުވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން ރައީސްއަށް ލަފާ އެރުވުމަށް ފެންނަ ކަމަށް 63 މެންބަރުން ވޯޓު ދެއްވި އެވެ. ދެކޮޅަށް ވޯޓު ދެއްވީ ނުވަ މެންބަރުންނެވެ.

އަލީ ހާޝިމް މަގާމުން ވަކިކުރުމަށް ރައީސަށް ލަފާއެރުވުމަށް މަޖިލީހަށް ހުށަހެޅުއްވީ މަޖިލީހުގެ ނައިބް ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމެވެ.

ނާޒިމު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ އެމްއެމްއޭގެ ގާނޫނުގައި ބުނާ މައިގަނޑު މަގުސަދުތައް ހާސިލްކުރުމަށްޓަކައި، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ދުވަހުން ފެށިގެން މިދިޔަ މުއްދަތުގެ ތެރޭގައި ސަރުކާރަށް ލަފާ ދިނުމާއި ގާނޫނުގައިވާ މަގުސަދުތައް ހާސިލްކުރުމަށްޓަކައި އަމަލީގޮތުން ހަރުދަނާ މަސައްކަތްތަކެއް ކުރައްވާފައި ނުވާ ކަމަށެވެ.

"އިސްވެ ދެންނެވުނު ސަބަބުތައް ފުރިހަމައަށް ރިއާޔަތްކޮށް ދިވެހި ގައުމުގެ އިގްތިސާދު ހީނަރުވެ ގައުމު ބޮޑު އިގްތިސާދީ ކާރިސާއަކުން ސަލާމަތްކުރުމަށްޓަކައި އެމްއެމްއޭ އަކީ މުހިއްމު މަސައްކަތްތަކެއް ކުރަންޖެހޭ މުއައްސަސާއަކަށް ވީހިނދު، އެމްއެމްއޭގެ އިސްވެރިޔާގެ ހައިސިއްޔަތުން ގަވަރުނަރު އެ މަސްއޫލިއްޔަތުތައް އޭގެ އެންމެ އެންމެ ފުރިހަމަ ގޮތުގަިއ އަދާކޮށްފައި ނެތް،" މައްސަލައިގައިވެ އެވެ.

މައްސަލައިގައި އިތުރަށް ބުނެފައިވަނީ މި ދަނޑިވަޅަކީ މަރުކަޒީ ބޭންކުގެ ފަރާތުން ގައުމުގެ މަނިޓަރީ ޕޮލިސީގެ މިސްރާބު ބަދަލުކުރަންޖެހޭ ނަމަ އެކަންކުރުމުގެ ވަގުތު ކަމުން މަރުކަޒީ ބޭންކު ހިންގުމަށް ތާޒާ އާރޯ ލީޑަޝިޕެއް ބޭނުންވާ ވަގުތު ކަމަށެވެ.

"މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނުގެ ހަވަނަ މާއްދާގެ (3)ގައިވާ ގޮތުގެ މަތިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަލީ ހާޝިމް އެ މަގާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށް ހުށަހަޅަމެވެ." މައްސަލައިގެ ލިޔުމުގައިވެ އެވެ.

މަގާމުން ވަކިކުރުމުގެ މައްސަލައިގައި ޖަވާބުދާރީވުމަށް މާލިއްޔަތު ކޮމިޓީން އަލީ ހާޝިމަށް ދެ ފަހަރު ފުރުސަތު ދެއްވުމުންވެސް އާލާސްކަންފުޅާ އުޅުއްވާ ކަމަށް ވިދާޅުވެ މައްސަލަ ދިރާސާކުރި މާލިއްޔަތު ކޮމިޓީއަށް ވަޑައިގަތުމަށް އަލީ ހާޝިމް ވަނީ އުޒުރުވެރިވެވަޑައިގެންފަ އެވެ.

އަލީ ހާޝިމް ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2008 އިން 2010 އަށް ފިނޭންސް މިނިސްޓަރު ކަންވެސް ކުރައްވާފަ އެވެ. އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް އަލީ ހާޝިމް އައްޔަނުކުރީ ސެޕްޓެމްބަރު 8, 2019 ގައެވެ.