އަބްދުއްރަހީމް އަބްދުﷲ

ރިޔާސީ އިންތިހާބު ކާމިޔާބުވާނެކަން ޔަގީންވެއްޖެ: އަދުރޭ

Feb 6, 2022
3

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ނަތީޖާއިން ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން ލިބިއްޖެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ އިއްޔެ ބޭއްވި އިންތިހާބުގެ ނަތީޖާ އަށް ފަހު ފުރަތަމަ ފަހަރަށް ކުރެއްވި ޓްވީޓެއްގަ އެވެ.

އަބްދުއްރަހީމް ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުން ކަށަވަރުވަނީ 2023ގެ ރިޔާސީ އިންތިހާބުގައި އިިދިކޮޅު ކޯލިޝަނަށް ކާމިޔާބު ކުރެވޭނެ ލިބޭނެ ކަމެވެ.

"ވަރުބަލިވުމެއްނެތް. ދެން ނުކުންނާނީ އަދި މާވަރުގަދަކޮށް. މަސައްކަތް ނިންމާނީ ރައީސް ޔާމީން 2023ގައި ވެރިކަމަށް ހޮވާފައި،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދާ ވާދަކޮށް ޕީޕިީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ 240 ވޯޓުން ބަލިވުމަކީ "ބޮޑު ނަސްރެއް" ކަމަށް އިދިކޮޅު ކޯލިޝަނުން ރޭ ބުނެފައިވެ އެެވެ.

އިދިކޮޅު ކޯލިޝަނުން ބުނާ ގޮތުގައި ޕީޕީއެމްގެ ކެންޑިޑޭޓް ބަލިވީ ސަރުކާރުން ދައުލަތުގެ ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްގެން އިންތިހާބަށް ނުފޫޒު ފޯރުވުމާއި އިންޑިއާ ސަރުކާރުން ވެސް އެމްޑީޕީ އަށް އެހީތެރިކަން ފޯރުކޮށްދިނުމުންނެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް ޕީޕީއެމް އާއި ޕީއެންސީގެ އިސްވެރިން ވިދާޅުވަމުން ގެންދެވި ނަމަވެސް ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން އިންތިހާބުގައި ވާދަކުރެއްވުމާ މެދު އަދި ވަކި ގޮތެއް ނުނިންމަވާ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީގެ ކެންޑޭޓް މުހައްމަދު ރާޝިދު އިންތިހާބު ކާމިޔާބު ކުރެއްވީ އޭނާއާ އެންމެ ގާތުން ވާދަ ކުރެއްވި ފަތުހީ އަށް ވުރެ 240 ވޯޓު އިތުރަށް ހޯއްދަވައިގެނެވެ. އިންތިހާބުގައި ރާޝިދަށް 1،401 ވޯޓު ލިބިވަޑައިިގެންނެވިއިރު ފަތުހީ އަށް ލިބިވަޑައިގަތީ 1،161 ވޯޓެވެ. އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލްހަންނާނަށް 232 ވޯޓެވެ.