ރައްޔިތުންގެ މަޖިލިސް

ޑަބްލިއުޓީއޯގެ ޕްރޮޓޮކޯލްއެއްގައި ބައިވެރިވާން މަޖިލީހަށް

ދުނިޔޭގެ ވިޔަފާރީގެ ޖަމިއްޔާ ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިއުޓީއޯ) ގެ ޕްރޮޓޮކޯލްއެއްގައި ބައިވެރިވާން ރުހުން ހޯދަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި ބައިވެރިވުމަށް މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީ މަޖިލީހުގެ އަމީން އާންމު ވަނީ އިއްވަވައިފަ އެވެ.

މަޖިލީހަށް ހުށަހެޅީ ޑަބްލިއުޓީއޯގެ ޓްރޭޑް ރިލޭޓަޑް އެސްޕެކްޓްސް އޮފް އިންޓެލެކްޗުއަލް ޕްރޮޕަޓީ ރައިޓްސް (ޓްރިޕްސް) ގެ އެއްބަސްވުމަށް ބަދަލު ގެނައުމަށްޓަކައި އެކުލަވާލައިފައިވާ ޕްރޮޓޮކޯލް، ޕްރޮޓޮކޯލް އެމެންޑިން ދަ ޓްރިޕްސް އެގްރީމެންޓް ރާއްޖެއިން ބަަލައިގަނެ ތަސްދީގު ކުރުމަށެވެ.

މި ސިޓީ ބަލައިގަނެ ޕްރޮޓޮކޯލާމެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީއަށް މިއަދު ވަނީ ފޮނުވައިފަ އެވެ.

ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 93 ވަނަ މާއްދާގައިވާ ގޮތުން ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަގުވާމީ މުއާހަދާތަކަށް އަމަކުކުރަންވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުން އެކަން ފާސް ކުރުމަށް ފަހު އެވެ.