ރައްޔިތުންގެ މަޖިލިސް

ކުންފުންޏާ ބެހޭ އާ ބިލެއް މަޖިލީހުން ފާސްކޮށްފި

ކުންފުންޏާ ބެހޭ އާ ބިލެއް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މިހާރު އަމަލުކުރަމުންދާ ކުންފުންޏާ ބެހޭ ގާނޫނަކީ މީގެ 26 އަހަރު ކުރިން -- ޖުލައި 1، 1997 އިން ފެށިގެން އަމަލުކުރަމުންދާ ޒަމާނީ އުސޫލުތައް އެއްގޮތަކަށްވެސް ގާނޫނެކެވެ.

ކުންފުންޏާ ބެހޭ ޒަމާނީ ބިލެއް މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީއަށް ނިސްބަތްވާ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހްމަދު އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުންފުންޏާ ބެހޭ ބިލް ފާސްކުރުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ރިޔާސަތުން ފުރުސަތު ހުޅުވާލުމުން ބިލް ފާސްވީ 53 މެންބަރުންގެ ތާއީދާ އެކު އެވެ. ބިލް ފާސްކުރަން ފެނިވަޑައިނުގަންނަވާ ކަމަށް އެއް މެންބަރަކު ވޯޓު ދެއްވި އެވެ.

މިހާރު އަމަލުކުރަމުންދާ ގާނޫނުގައި 104 މާއްދާ އޮތް ނަމަވެސް މިއަދު ފާސްކުރި ބިލްގައި 248 މާއްދާ ހިމެނެ އެވެ.

އިސްމާއީލް ހުށަހެޅުއްވި ބިލްގައި ކުންފުނި އުފެއްދުމާއި ރަޖިސްޓަރީކުރުމާއި ހިންގަންވީ ގޮތާއި އުވާލުމުގެ ހަމަތަކާއި އަދި ކުންފުނިތަކާ ގުޅޭ ގޮތުން މައްސަލައެއް ހުށަހެޅޭ ހިނދުނު އަމަލުކުރެވޭނެ ގޮތްތައްވެސް ހިމަނާފައިވެ އެވެ.

މަޖިލީހުން މިއަދު ބިލް ފާސްކުރި ނަމަވެސް މިބަލަށް އަމަލުކުރަން ފަށާނީ ރައީސުލްޖުމްހޫރިއްޔާ މިބިލް ތަސްދީގުކުރެއްވުމުންނެވެ.

ބިލް ތަސްދީގު ކުރުމާ އެކު މިހާރު އަމަލުކުރަމުންދާ ކުންފުންޏާ ބެހޭ ގާނޫނު އުވިގެންދާނެ އެވެ. އާ ގާނޫނާ އެއްގޮތަށް ކުންފުނިތަކުގެ ކަންކަން ފުރިހަމަ ކުރުމަށް ކުންފުނިތަކަށް އެއް އަހަރު ދުވަހުގެ މުއްދަތެއް ދިނުމަށްވެސް މިއަދު ފާސްކުރި ބިލްގައި ހިމަނާފައިވެ އެވެ.