ރަޝިޔާ

ރަޝިއާ މަނަވަރުތައް މެޑިޓަރޭނިއަނަށް

ރަޝިއާގެ ހަނގުރާމަމަތީ މަނަވަރުތައް މެޑިޓަރޭނިއަންއަށް ވަދެއްޖެ އެވެ. އިންޓަފެކްސް ނޫސް އޭޖެންސީން ބުނާ ގޮތުން ރަޝިއާ ކަނޑުގެ ސިފައިން މެޑިޓަރޭނިއަންގައި ހަނގުރާމަމަތީ ފަރިތަ ކުރުންތަކެއް ފުރިހަމަ ކުރާނެ އެވެ.

މުޅި ދުނިޔެ މިހާރު އޮތީ ރަޝިއާއަށް ފާރަލައިގެނެވެ. އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ނޭޓޯ ގައުމުތަކުން ރަޝިއާއަށް އަޅާފާނެ ފިޔަވަޅަކާ މެދު ގައުމުތަކުން ކަންބޮޑުވެފައި ވާއިރު ރަޝިއާ ވެސް ގެންދަނީ ދޫދިނުމެއް ނެތި ވަށައިގެން އޮތް ސަރަހައްދުގައި އަސްކަރީ ގާބިލުކަން އިތުރު ކުރަމުންނެވެ.

ޔުކްރޭންއާ ވަރަށް ގާތުގައި ރަޝިއާގެ އަސްކަރީ ފައުޖުތައް ހަނގުރާމައަކަށް ތައްޔާރުވެ ތިބިހެން ޖަމާވެފައި ތިބުން އެމެރިކާ އާއި ބައިވެެރިން ކުށްވެރި ކުރިި ނަމަވެސް ރަޝިއާ ބުނާ ގޮތުން ޔުކްރޭނަށް އަރައި ގައުމު ހިސޯރު ކުރުމުގެ ވިސްނުމެއް ނެތެވެ.

އިންޓަފެކްސް ބުނާ ގޮތުން ރަޝިއާގެ ހަރަކާތްތައް ވައްތަރީ ހަނގުރާމައަށް ތައްޔާރުވުމާ އެވެ. އަދި ބުނީ ކަނޑުގެ ސިފައިން ފަރިތަ ކުރުން ތަކުގައި ބޭނުންކުރަނީ ހަމަލާ ދިނުމަށް އެންމެ އެކަށީގެންވާ އަސްކަރީ އުޅަނދު ކަމަށެވެ.

ރަޝިއާ ބުނާ ގޮތުން ޔުކްރޭންގެ ހިމާޔަތުގައި ކަމަށް ބުނެ ނޭޓޯ ސިފައިންނަށް ޔުކްރޭންގައި ތިބެވިގެން ނުވާނެ އެވެ. އެހެން ނަމަވެސް ނޭޓޯ ބުނާ ގޮތުން ގޯސް ހަދަނީ ރަޝިއާ އެވެ. އަދި މަޝްރަހުގައި ހަނގުރާމައެއްގެ ސިފަ ޖައްސާފައި ވަނީ ވެސް ރަޝިއާ އެވެ.

ޔުކްރޭން އާއި ރަޝިއާ ދެމެދު އޮތް ނުތަނަސްކަން ހަނގުރާމައަކަށް ބަދަލުވިއަ ނުދިނުމަށް މުޅި ދުނިޔެ ގެންދަނީ މަޝްވަރާ ކުރައްމުންނެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އިސްވެ ހުންނަވައި ރަޝިއާ އާއި ޔުކްރޭން ސުލްހަކުރަން ވަނީ މަސައްކަތް ފައްޓަވާފަ އެވެ. ތުރުކީގެ މިއިސްނެގުމަށް އެމެރިކާ އާއި ނޭޓޯއިން ވެސް ވަނީ މަރުހަބާ ކިޔާފަ އެވެ.

ޚަބަރުތައް ބުނާ ގޮތުން މެޑިޓަރޭނިއަންގައި މިހާރު ހަރަކަތްތެރިވާ އަސްކަރީ އުޅަނދުތައް ކަޅުކަނޑުގައި ހަރަކާތްތެރިވާ އުޅަނދުތަކާ ބައިވެރިވާނެ އެވެ. އަދި ފަރިތަކުރުންތައް ގުޅިގެން ފުޅާކުރާނެ އެވެ.