އިމާރާތް ކުރުމުގެ ދާއިރާގައި ހުރި މައްސަލަތަކަށް ހައްލެއް ހޯދަން މަޝްވަރާ ކުރަން، މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) އިން އިކޮނޮމިކް މިނިސްޓަރާ ބައްދަލު ކޮށްފި އެވެ.
ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާ ތަމްސީލް ކުރާ މައި ޖަމިއްޔާ ކަމަށްވާ އެމްއެންއޭސީއައި އިން ބުނި ގޮތުގައި މި ދާއިރާގައި ހުރި މައްސަލަތަކަށް ހައްލެއް ހޯދުމުގެ ގޮތުން އެ ޖަމިއްޔާ އިން ވަނީ މިއަދު އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްއާ ބައްދަލު ކޮށްފަ އެވެ.
މި ބައްލުވުމުގައި އެމްއެންއޭސީއައި އަދި އިފޮޕްކާގެ ރައީސް މުހައްމަދު އަލީ ޖަނާހު އާއި އެމްއެންއޭސީއައިގެ ނައިބް ރައީސް ދަމާސް ކުންފުނީގެ ވެރިޔާ އަބްދުﷲ ސޯލިހުގެ އިތުރުން އެ ޖަމިއްޔާގެ ބޯޑު މެންބަރުން ބައިވެރިވި އެވެ.
މި ބައްދަލުވުމުގައި މަޝްވަރާ ކުރި ކަންތައްތަކުގެ ތެރޭގައި ބާޒާރުގައި އަގަށް އަންނަ ބަދަލުތައް އިމާރާތް ކުރުމުގެ ދާއިރާގެ ކޮންޓްރެކްޓްތަކަށް ނުގެންނަ މައްސަލައާއި ލޭބަރުންގެ މައްސަލަތައް ހިމެނެ އެވެ. މީގެ އިތުރުން ކުންފުނިތަކަށް ޕޭމަންޓްތައް ލިބުން ލަސްވުން ފަދަ ގިނަ މައްސަލަތައްވެސް ހިމެނެ އެވެ.
އިމާރާތް ކުރުމުގެ ދާއިރާއަކީ ޓޫރިޒަމް ނަގާފައި އެންމެ ބޮޑު އެއް ދާއިރާ އެވެ. ނަމަވެސް ކޮވިޑް-19 އަށްފަހު އެންމެ ލަހުން ކުރިއެރުން ލިބެމުން އަންނަނީ މި ދާއިރާއަށް ކަމަށް ދިރާސާތަކުން ދައްކަ އެވެ.