ކޮމެޑީ ޝޯތައް ބަލާ މީހުންނަށް ސުނިލް ގްރޯވަރަކީ ކާކުކަން ވަރަށް ރަނގަޅަށް އެނގޭނެ އެވެ. "ދަ ކަޕިލް ޝަރުމާ ޝޯ"ގެ ވިންދަކީ ކޮމޭޑިއަން ސުނިލް އެވެ. ކަޕިލް އާ މައްސަލަތަކެއް ޖެހި އޭނާ ޝޯ އާ ވަކިވުމުން ކަޕިލްގެ ޝޯއަށް އައި ފަޅުކަން އަދިވެސް އޮތީ އެގޮތުގަ އެވެ.
މޮޅު ކޮމޭޑިއަނެއްގެ ހައިސިއްޔަތުން ގިނަ ބަޔެއްގެ މޫނަށް ހިނިތުންވުމާއި އުފާވެރިކަން ގެނެސްދިން ސުނިލް ދާދިފަހުން ވަނީ ހިތުގެ މައްސަލަތަކެއް ދިމާވެގެން ހަތަރު ބައިޕާސް ސާޖަރީ ހަދާފަ އެވެ.
ސާޖަރީއަށް ފަހު ސުނިލް ފުރަތަމަ ފަހަރަށް ކުރި ޓުވީޓްގައި ވެސް ވަނީ އޭނާގެ ވާހަކަ ދެއްކުމުގައި ގެންގުޅޭ މަޖާ ގޮތެވެ.
"ފަރުވާއިން ވަރަށް ރަނގަޅުވެއްޖެ. މިހާރު އެބަ ރަނގަޅުވޭ. ތި އެންމެންގެ ހެޔޮއަށް އަހަރެންގެ ހިތް ވަނީ ޝުކުރުން ފުރިފައި،" ސުނިލްގެ ޓުވީޓްގައި ބުނެފައި ވެއެވެ.
ސުނިލްގެ ޑޮކްޓަރުން ބުނެފައިވާ ގޮތުގައި އޭނާ ހޮސްޕިޓަލަށް ދިޔަ އިރު ހިތަށް ލޭ ފޮނުވައިދޭ މުހިއްމު ތިން ނާރެއްގެ ތެރެއިން ދެ ނާރެއް އިނީ 100 ޕަސެންޓް ބްލޮކް ވެފަ އެވެ. ތިން ވަނަ ނާރު ވެސް އިނީ 70-90 ޕަސެންޓް ބްލޮކް ވެފަ އެވެ. ނަސީބަކުން ހިތުގެ މަސްތަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ވެސް ޑޮކްޓަރުން ބުންޏެވެ.
ސުނިލް ބަލިވުމުން އޭނާގެ އެކުވެރި ކަޕިލް އާއި ގިނަ އަދަދެއްގެ ފަންނާނުން ވަނީ އެކަމާ ކަންބޮޑުވެ، ހެޔޮއެދުމުގެ މެސެޖުތައް ސޯޝަލް މީޑިއާގައި ޝެއާ ކޮށްފަ އެވެ.
ކަޕިލްގެ ޝޯގެ ކުރިން ވެސް އަދި ފަހުން ވެސް ސުނިލް ފިލްމުތަކާއި ޝޯތަކުގައި ކޮމެޑީ ރޯލުތައް އަދާ ކޮށްފައި ވެއެވެ. ނަމަވެސް ކަޕިލްގެ ޝޯ އިން ލިބުނު ވަރުގެ މަގްބޫލުކަމެއް އެއްވެސް ޝޯ އަކުން އަދި ފިލްމަކުން ވެސް ނުލިބެ އެވެ.
ކަޕިލް ޝޯގައި އޭނާ ކުޅުނީ ގުއްތީ ކިޔާ އަންހެނެއްގެ ކެރެކްޓާ އާއި ޑރ. މަޝްހޫރު ގުލާޓީ ކިޔާ ފޭކް ޑޮކްޓަރެއްގެ ކެރެކްޓާ އަކީ މިހާރުވެސް ގިނަ ބަޔަކު އެ ކެރެކްޓާތަކެއް މަތިން ހަނދާން ކުރާ ވަރަށް ތާރީޚީ ކެރެކްޓާ ތަކެކެވެ. ނަމަވެސް އަލުން އެނބުރި ކަޕިލްގެ ޝޯ އަށް އައިސް މި ކެރެކްޓާތައް ކުޅެން ސުނިލް އަދިވެސް ތައްޔާރެއް ނޫނެވެ.