ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ކޮވިޑް ތަޖުރިބާ އިންތިހާއަށް ބިރުވެރި: ކާޖަލް

ޓީވީ ސިލްސިލާ "ނާގިން 5" ގެ ބަތަލާ ކާޖަލް ޕިސަލް އަށް ކޮވިޑް-19 ޖެހިގެން ކުރެވުނު ތަޖުރިބާއަކީ މިހާތަނަށް އޭނާގެ މުޅި ހަޔާތުގައި ވެސް ކޮށްފައި ނެތްވަރުގެ ބިރުވެރި ތަޖުރިބާއެއް ކަމަށް އޭނާ ބުނެފި އެވެ. ކާޖަލް ޕޮޒިޓިވްވީ މި މަހުގެ ކުރީކޮޅު އެވެ.

ކާޖަލް ބުނީ މި ނުރައްކާތެރި ހަނގުރާމަކޮށް މިހާރު އެ ބަލިން ނަޖާވެފައި ވިޔަސް މިފަދަ ބިރުވެރި ދަތުރެއް އޭނާގެ ހަޔާތުގައި ނުކުރާ ކަމަށެވެ.

ނެގެޓިވް ރިޕޯޓު ލިބުމަށްފަހު އިންޑިއާ ނޫހަކަށް ދިން އިންޓަވިއު އެއްގައި ކާޖަލް ބުނީ އޭނާއަށް ބައްޔަށް ޕޮޒިޓިވް ކަން އެނގުމުގެ ކުރިއްސުރެ ބަލީގެ އަލާމާތްތައް ކޮންމެވެސް ވަރަކަށް ފެނުނު ކަމަށެވެ.

"ބަލި ހުއްޓަސް އެހާ ބޮޑުވަރެއް ނުވޭ. ޑޮކްޓަރުން ބުނި މަހެއްހާ ދުވަހު ރެސްޓް ކުރާށޯ. ނަމަވެސް އާއިލާގެ މީހުން ބުނަނީ ހަފުތާ ދެ ހަފުތާ އިން މުޅިން ރަނގަޅުވާނޭ. ނަމަވެސް ބަލީގައި ހޭދަކުރި ދެ ހަފުތާގައި އަހަރެންގެ ފުރާނަ ނުދިޔައީ ހަމަ ކިރިޔާ،" ކާޖޮލްގެ ތަޖުރިބާތައް ކިޔައިދެމުން ބުންޏެވެ.

"އަހަރެންނަށް ވާޓިގޯގެ އުނދަގޫތައް ވާން ފެށި. ކޮޅަށް ތެދުވާއިރަށް ބޯ އަނބުރާ ވަރުން ކޮޅަށް ނުހުރެވި ވެއްޓޭ. އަމިއްލަ ހަށިގަނޑުގެ ކޮންޓްރޯލް ގެއްލުނު. މިފަދަ ނާޒުކު ހާލަތަކަށް ބަލިމަޑުކަން ދިޔުމުން ނަފްސާނީ ގޮތުން ވެސް މީހާ އަށް އުނދަގޫތައްވޭ. އެހެން މީހުންނާ މުޅިން ވަކިން ބަލި އެނދުގައި އޮންނަން ޖެހުމުން ހީނުކުރާ ކަހަލަ ހިތްދަތި އިހްސާސް ތަކެއް ކުރެވި ދެން މި މަރުވަނީއޭ ހީވާ ފަހަރު ފަހަރު ވެސް އާދޭ،" ކާޖަލް ބުންޏެވެ.

ކާޖަލް އޭނާގެ ފޭނުންނަށް އިންތިޒާރު ދެނީ މިއީ އާދައިގެ ބަލި މަޑުކަމެކޭ ހީކޮށް ފަރުވާ ކުޑަކޮށް ނޫޅުމަށެވެ. އެމީހަކަށް ވެވުނު މިންވަރަކުން ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން ކުރުމަށެވެ. ސަބަބަކީ މި ބަލީގެ ބިރުވެރިކަން ބަލި ޖެހުނު މީހަކަށް ނޫނީ ބުނެދޭން ވެސް ނޭނގޭނެތީ އެވެ.

"މީހުން ހީކޮށްފާނެ މިއީ އާދައިގެ ބައްޔެކޭ. ބަލި ޖެހުނީމަ ކަރަންޓީނުގަ ހުރެލާފަ ރަނގަޅުވެލައިގެން ނުކުމެވޭނޭ. އެފަދަ މީހުން ކައިރީ އަހަރެން ބުނާނީ މިއީ ތި ހީކުރާ ކަހަލަ ގޮތަކަށް އޮތް ކަމެއް ނޫނޭ. މިއީ އިންތިހާއަށް ބިރުވެރިކަމެކޭ. ބިރުވެރި ހުވަފެނެއް ފަދަ ބައްޔެކޭ. އަހަރެންގެ މުޅި ހަޔާތުގައި ވެސް މިހާ ގިނަ ދުވަހު ބަލިވެ އެނދުމަތީގައި ނޯންނަން،" ކާޖަލް ބުންޏެވެ.

ކާޖަލް ޓީވީގެ ދުނިޔެއަށް ނުކުތީ 2007 ގައި ދެއްކި "ކުޗް އިސް ތަރާ" އިންނެވެ. އޭގެ ފަހުން "އޭކް ހަޒާރޯންމޭ މޭރީ ބެހެނާ ހޭ"، "ބަޅޭ އައްޗޭ ލަގްތޭ ހޭ"، "ސާތު ނިބާނާ ސާތިޔާ" އަދި "އުޅާން"ގައި މުހިއްމު ރޯލުތަކެއް އޭނާ ވަނީ ކުޅެފަ އެވެ.

މިހާރު އޭނާ މަސައްކަތްކުރަމުން ދަނީ "ނާގިން 5" އާއި "ދުރުގާ" ކިޔާ ސިލްސިލާއެއްގަ އެވެ.