ލައިފްސްޓައިލް

ޗަވީ: ކެންސަރާ ކުރިމަތިލީ ހިތްވަރާއެކު

ޓީވީ ބަތަލާ ޗަވީ މިއްޓަލް އަކީ ބޮޑެތި ބަލިބައްޔާ ހަނގުރާމަކުރަމުންދާ ނަމޫނާ އެކެވެ. ޗަވީ އަށް ބްރެސްޓް ކެންސަރ ޖެހިފައިވާކަމާއި ވަރަށް އަވަހަށް ސާޖަރީ ހަދަން ޖެހޭކަން އެނގުނަސް އޭނާ އެކަމާ ހިތާމަކޮށް ރޮއިހަދާކަށް ބޭނުމެއް ނުވި އެވެ.

ސާޖަރީ ހަދަން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތްއިރު އޭނާ ނަށާ މަންޒަރުގެ ވީޑީއޯއެއް މިހާރު ސޯޝަލް މީޑިއާގައި ވައިރަލް ވެފައިވެ އެވެ. އަދި މި ވީޑިއޯ ބަލާފައި ޗަވީގެ ހިތްވަރުގަދަކަން ގިނަ ބަޔަކު ފާހަގަ ކުރި އެވެ.

"ނާގިން" ސީރިޒްގައި ބަތަލާގެ ބައި ކުޅެފައިވާ ޗަވީގެ ސާޖަރީ މިދިޔަ އަންގާރަ ދުވަހު ވަނީ ހަދާފަ އެވެ. އަދި ހޮސްޕިޓަލުގައި މިހާރު ވެސް އޭނާއަށް ދަނީ ފަރުވާ ދެމުންނެވެ.

ސާޖަރީގެ ކުރިން ޗަވީ ނަށާތަން ފެނުނު ވީޑިއޯ އަކީ ޗަވީގެ ފިރިމީހާ މޯހިތު ހުސެއިން ނަގާފައިވާ ވީޑީއޯ އެކެވެ.

"ޑޮކްޓަރު ބުނި ޗަވީ އޭ ރަނގަޅަށް ޗިލް ކޮށްލާށޭ. އެހެންވެ އަހަރެން މި ޗިލް ކޮށްލަނީ،" ވީޑިއޯގެ ކެޕްޝަންގައި ޗަވީ ލިޔެފައިވެ އެވެ.

ޗަވީ ބުނި ގޮތުގައި ސާޖަރީގެ ކުރިން އޭނާ ހާސް ނުވާކަން ދެއްކި ނަމަވެސް ހަގީގަތުގައި އޭނާ ވަރަށް ހާސްވެ އެވެ. މި ވީޑިއޯ އަކީ ހަމައެކަނި ހާސްނުވާ ކަމަށް ހެދެން ވެގެން ނަގާފައިވާ ވީޑިއޯ އެކެވެ.