ފުޑް އެންޑް ޑްރަގް އޮތޯރިޓީ

ޕެސްޓިސައިޑް ހުރި ފިޔާތަކެއް ބޭނުންކުރުން މަނާކޮށްފި

ރާއްޖެ އެތެރެކުރި ފިޔާތަކެއްގައި ޕެސްޓިސައިޑް ހުރުމުން އެފަދަ ފިޔަވާ ވިއްކުން ހުއްޓާލަައި ބޭނުން ނުކުރަން އަންގައިފި އެވެ.

ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޕެސްޓިސައިޑުން ތަޣައްޔަރުވެފައިވާ އުފެއްދުމެއް ކަމުގައިވާ "ސްޓާސް" ބްރޭންޑުގެ "ސްރިންގް އަނިއަން" ރާއްޖެއަށް އެތެރެވެފައިވާ ކަމުގެ މައުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް އިން އެ އޮތޯރިޓީއަށް އަންގާފައިވާ ކަމަށެވެ.

އެއީ މިސްރުގެ އުފެއްދުމެއް ކަމަށާއި އަދި އެ އުފެއްދުން ހޯލްސޭލް ކޮށްފައިވަނީ ނެދަލޭންޑްސްގެ ކުންފުންޏެއް ކަމުގައިވާ ގްލޯބަލް ގްރީން ޓީމުން ކަމަށްވެސް އެފްޑީއޭ އިން ބުނެ އެވެ.

އެފްޑީއޭ އިން ބުނީ ތަޣައްޔަރުވެފައިވާ މިބާވަތުގެ ފިޔަލުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ނުރައްކަލުގެ މިންވަރު ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

"ވީމާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިސްރުގެ 'ސްޓާސް' ބްރޭންޑުގެ ސްޕްރިން އަނިއަން މި އޮތޯރިޓީން ވަކި ގޮތެއް އަންގަންދެން ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އަންގަމެވެ." ބަޔާނުގައިވެ އެވެ.

މީގެ ކުރިން ވެސް ތަޣައްޔަރުވެފައިވާ ތަފާތު ބާވަތްތަކުގެ ކާނާތައް އެތެރެވެ އޭގެ މައުލޫމާތު ލިބުމާއެކު އެފަދަ ބާވްތަތައް ވިއްކުން އެފްޑީއޭ އިން ހުއްޓުވާފައިވެ އެވެ.