މިނިސްޓްރީ އޮފް ހެލްތު

ނިއުޓްރޮލިން ބީ ސިރަޕް އަދި ކެޕްސޫލް ނުލިބޭ ކަމުގެ ޝަކުވާ

ނިއުޓްރޮލިން ބީ ސިރަޕް އަދި ކެޕްސޫލް ރާއްޖެއަށް ނުލިބޭތާ އަހަރެއް ވެއްޖެ އެވެ.

މިއީ ބޭރަށް ހިންގުމާއި ހޮޑުލުން ހުއްޓުވަން ހާއްސަކޮށްގެން ދޭ ބޭހެކެވެ. އެކަމަކު މި ބޭސް ރާއްޖޭގެ ފާމަސީ ތަކުން ނުލިބޭތީ އާންމުން ގެންދަނީ އެކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އަވަސްއާ ވާހަކަ ދެއްކެވި ބައެއް ފާމަސިސްޓުން ބުނީ ފާމަސީތަކަށް ނިއުޓްރޮލިން ބީ ސިރަޕް ނުލިބޭތާ އަށެއްކަ މަސް އަދި ކެޕްސޫލް ނުލިބޭތާ ގާތްގަނޑަކަށް އަހަރެއް ވެފައިވާ ކަމަށެވެ.

ބޭސް ފިހާރައެއްގައި ހިންގާ މީހަކު އަވަސްއަށް މައުލޫމާތު ދެމުން ބުނީ އެ ބޭސް ގެންނަން ލިސްޓްގައި ހިމެނި ނަމަވެސް އެއްގޮތަކަށްވެސް އެ ބޭސް ލިބޭ ގޮތް ނުވި ކަމަށެވެ. އެ ބޭސް ނުލިބޭ ސީދާ ސަބަބެއް ސާފު ނުވާ ކަމަށްވެސް ބުންޏެވެ.

"އަޅުގަނޑުމެން މި ގެންނަ ބޭހަކީ ކަމާ ގުޅޭ އިދާރާތަކުން އެޕްރޫވްކޮށްގެން ގެންނަ ބޭހެއް. އެކަމަކު ނިއުޓްރޮލިން ބީ ސިރަޕް އަދި ކެޕްސޫލް ލިސްޓްގައި ޖެހި ނަމަވެސް އެ ނުލިބެނީ ކީއްވެ ކަމެއް އެއްވެސް ފަރާތަކުން ނާންގާ،" އޭނާ ބުންޏެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީގެ އޮފިޝަލަކު ވިދާޅުވީ ނިއުޓްރޮލިން ބީ ސިރަޕް އަދި ކެޕްސޫލް ގެނައުން މަނާކޮށްފައި ނުވާނެ ކަމަށެވެ. އެކަމަކު އެ ބޭސް މާލެ އިން ގަންނަން ނުލިބޭ ކަމުގެ ޝަކުވާ އެ އިދާރާއަށް ވެސް ލިބެމުންދާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ތި ދަންނަވާ ބޭސް ނުލިބެގެން ނޫނީ ލިބުން ދަތިވެގެން ބޭސް އެތެރެ ކުރާ އަދި ރާއްޖޭގައި ބޭސް ވިއްކާ މީހުންގެ ފަރާތުން ޝަކުވާއެއް ނުލިބޭ،" އޮފިޝަލް ވިދާޅުވި އެވެ.