ޑަކްޓަރީ ބޭހުގެ މެކްސިމަމް ރީޓެއިލް ޕްރައިސް (އެމްއާރްޕީ) ކަނޑައެޅުމުގެ މަސައްކަތުގެ ތެރެއިން މިހާރު އެންމެ މަތީ އަގު ކަނޑައަޅާފައިވާ އަސާސީ ބޭހުގެ ލިސްޓް ބޭސް އެތެރެކުރާ ފަރާތްތަކާއި އަދި ފާމަސީ ތަކުގެ ވެރިންނާއި ހިއްސާކޮށްފި އެވެ.
މެކްސިމަމް ރީޓެއިލް ޕްރައިސްއަކީ ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެ މަތީ އަގެވެ. މި ޕޮލިސީ ތަންފީޒް ކުރަން ފެށުމުން ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑުއަގުގައި ބޭސްވިއްކުމަކީ މަނާކަމެކެވެ.
ސަރުކާރުން ދެންމެ ބުނީ ޑަޑަކްޓަރީ ބޭހުގެ މެކްސިމަމް ރީޓެއިލް ޕްރައިސް (އެމްއާރްޕީ) ކަނޑައެޅުމުގެ މަސައްކަތުގެ ތެރެއިން މިހާރު އެންމެ މަތީ އަގު ކަނޑައަޅާފައިވާ އަސާސީ ބޭހުގެ ލިސްޓް ބޭސް އެތެރެކުރާ ފަރާތްތަކާއި އަދި ފާމަސީ ތަކުގެ ވެރިންނާއި ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އަސާސީ ބޭސްތަކުގެ އެމްއާރްޕީ ކަނޑައެޅުމުގެ ކުރިން މިހާރު ކަނޑައަޅަފައިވާ އަގުތަކާ މެދު ފާމަސީ އަދި ބޭސް އެތެރެކުރާ ފަރަތްތަކުގެ ޝަކުވާ އެއް ވާނަމަ އެކަން ލިއުމުން ހިއްސާކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މިގޮތަށް ހުށައެޅޭ ޝަކުވާތައް އިވެލުއޭޓް ކުރުމަށްފަހު ކަނޑައަޅަފައިވާ އަގަށް ބަދަލެއް ގެންނަޖެހޭނަމަ ކަނޑައެޅިފައިވާ ގަވާއިދުގެ މަތިން އެބަދަލެއް ގެންނާނެ ކަމަށްވެސް ބުންޏެވެ.
މިހާރު ކަނޑައެޅިފައިވާ އެމްއާރްޕީ ކަލްލިއުލޭޓް ކޮށްފައިވަނީ ރާއްޖެއަށް ބޭސް އެތެރެކުރާ އިންވޮއިސްގެ އެފްއޯބީ އަގަށް 100 ޕަސެންޓް މާކަޕް އެއް ހިމަނައިގެންނެވެ. މިގޮތަށް އިންވޮއިސްގެ އެފްއޯބީ ނެގުމުމަށްޓަކައި މައުލޫމާތު ނަގާފައިވަނީ ފާއިތުވި ފަސް އަހަރު ރާއްޖެއަށް އެތެރެކޮށްފައިވާ ބޭހުގެ ޑޭޓާ އިންނެވެ.
ފާއިތުވި ފަސްއަހަރުގެ އިމްޕޯޓް މައުލޫމާތު ނެގި ނަމަވެސް ކޮވިޑްގެ ހާލަތަށް ރިއާޔަތް ކޮށް 2020 އަދި 2021 ގައި އިމްޕޯޓް ކޮށްފައިވާ ބޭހުގެ އެފްއޯބީ އަގު ނަގާފައި ވަނީ މި ދެ އަހަރުގެ މައުލޫމާތަށް ބިނާކޮށް ކަމަށްވެސް ސަރުކާރުން ބުންޏެވެ.
ޖެނުއަރީ 1، 2022 ގައި ތަންފީޒް ކުރުމަށް ކަނޑައެޅިފައިވާ ޕޮލިސީ ތަންފީޒުކުރުމުގެ ފުރަތަމަ މަރުހަލާގެ ދަށުން މިހާރު އެމްއާރްޕީ ކަނޑައަޅަފައި ވަނީ މިވަގުތު އެމްއެފްޑީއޭއިން އެޕްރޫވް ކޮށްފައިވާ ދިވެހިރާއްޖޭގެ އަސާސީ ބޭސް ލިސްޓްގައި ހިމެނޭ ހުރިހާ ބޭހެއްގެ ހުރިހާ ބްރޭންޑަކަށެވެ. މިސިޔާސަތުގެ ސަބަބުން ދިވެހިރާއްޖޭގައި ޑޮކްޓަރީ ބޭސް ވިއްކުމުގައި ހުރި ގިނަ މައްސަލަތަކަށް ހައްލު ލިބިގެން ދާނެ ކަމަށް ސަރުކާރުން ދެކެއެވެ.
އޭގެ ތެރޭގައި އާސަންދަ ނުލިބޭ ބޭސްތަކަށް އާންމު ފަރުދުންގެ ޖީބުން ކުރާ ހޭދަ ކުޑަވުމާއި ތަފާތު އަގުތަކުގައި އެއް ބޭހެއް (އެއް ބްރޭންޑް) ވިއްކުން ކޮންޓްރޯލް ކުރުމުގެ އިތުރުން ފާމަސީގެ ވެރިފަރާތުން ކަނޑައަޅާފައިވާ އަގާއި އަދި މިންގަނޑެއް ނެތި ބްލެކް މާކެޓްގައި ބޮޑު އަގުގައި ބޭސް ވިއްކުން ހުއްޓުވިގެން ދާނެއެވެ.
މިސިޔާސަތުގެ މަސައްކަތް ކުރިއަށް ގެންދިޔައިރު ފާހަގަ ކުރެވިފައިވާ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ބޭސްސިޓީ އާ ނުލާ ވިއްކޭ ބައެއް އާދައިގެ ބޭސް ( އެއް ކުންފުންޏެއް/ސްޓްރެންތް/ޑޯޒް ) އެއް ތަފާތު އަގުތަކުގައި އެކި ފާމަސީތަކުން ވިއްކާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ. އޭގެ ބައެއް ތަފްސީލުތައްވެސް އެ އޮތޯރިޓީން ވަނީ ހިއްސާކޮށްފައިވެއެވެ.
މާކެޓްގައި އެއް ބްރޭންޑެއްގެ އެއް ބޭހެއް ވިއްކާ އަގު އެތައް ގުނައަކުން ތަފާތުކަން ފާހަގަ ކުރެވެއެވެ. މިސާލެއްގެ ގޮތުން ރާއްޖޭގައި އެންމެ ގިނައިން މީހުން ބޭނުންކުރާ އެއްބޭސް ކަމުގައިވާ "އިސެމެޕްރަޒޯލް" ޖެނެރިކް ގެ ބްރޭންޑެއް ކަމުގައިވާ "އިސޯޒް" ގެ އަގަށް ބަލާއިރު 3.25 ރުފިޔާ އިން ފެށިގެން 6 ރުފިޔާ އާއި ހަމައަށް މާކެޓްގައި ބޭހުގެ އަގު ތަފާތު ހުރިކަން ފާހަގަ ކޮށްފައިވެއެވެ. އަދި ބޭސް ސިޓީއާއި ނުލާ ވިއްކޭ މިފަދަ ބޭހުގެ އަގުގެ ތަފާތު ބޮޑުވުމަކީ ބޭސްގަތުމަށް ރައްޔިތުމީހާގެ ޖީބުން ކުރަންޖެހޭ ހަރަދު އިރުތުވެގެންދާނެ ކަމެއްކަން ސަރުކާރުން ފާހަގަކުރެއެވެ.
އެމްއާރްޕީ ސިޔާސަތު ތަންފީޒްކޮށް ނިމޭއިރު ރާއްޖޭގެ އެޕްރޫވް ޑްރަގް ލިސްޓްގައި ހިމެނޭ ހުރިހާ ބޭހެއް ވިއްކޭނެ އެންމެ މަތި އަގު ކަނޑައެޅިގެން ދާނެއެވެ. އަދި ބޭހުގެ އަގަށް އަންނާ ބަދާލާއިއެކު ބޭހުގެ ރައްކާތެރިކަމާއި ފެންވަރަށް އެއްވެސް ބަދަލެއް ނާންނާނެ އެވެ.
މިވަގުތު އަގު ކަނޑައަޅާ ބޭސްތަކަކީ މިހާރުވެސް މާކެޓްގައި ހުރި ބޭހެވެ. މި ތަކެތި ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ދީފައިވަނީ ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ހުރިހާ މަރުހަލާ ތަކެއް ފުރިހަމަ ކުރުމަށްފަހުގައެވެ.
އަދި މުސްތަގުބަލުގައި ވެސް ރާއްޖޭއަށް ބޭސް އެތެރެކުރެވޭނީ ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ޔަގީން ކުރުމުގެ ހުރިހާ މަރުހަލާތަކެއް ފުރިހަމަ ކުރުމަށްފަހުގައި ކަމަށް އެމްއެފްޑީއޭއިން ބުނެއެވެ.
ބޭސް ޓެސްޓް ކުރުން ހަރުދަނާ ކުރުމުގެ ގޮތުން ނެޝަނަލް ހެލްތް ލެބޯޓްރީ އަޕްގްރޭޑް ކުރުމުގެ ގިނަމަސައްކަތް ތަކެއް ކުރަމުންދާއިރު މިހާރުވެސް 60 ވުރެ ގިނަ ޖެނެރިކް ޓެސްޓް ކުރެވޭނެ ކަމަށާ މި ވަގުތު ރާއްޖެއިން ނުކުރެވޭ ޓެސްޓް ތައް ކުރުމަށް ޓަކައި ސިންގަޕޫރުގެ ލެބޯޓްރީ އަކަށް ސާމްޕަލް ފޮނުވައިގެ ޓެސްޓް ކޮށް ބޭހުގެ ކޮލިޓީ މޮނިޓާ ކުރަމުންދާ ކަމަށްވެސް ބުންޏެވެ.