ފުޑް އެންޑް ޑްރަގް އޮތޯރިޓީ

ދެ ބޭހަކުން ކެމިކަލް ފެނުމުން އެތެރެކޮށް ވިއްކުން މަނާކޮށްފި

ތަދުކަނޑުވަން ބޭނުންކުރާ ދެ ބޭހެއްގައި ނުރައްކާތެރި ދެ ކެމިކަލެއް ހުރުމާ ގުޅިގެން އެ ދެ ބޭސް ރާއްޖެ އެތެރެކުރުމާއި ވިއްކުން މަނާކޮށްފި އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު އާންމުކުރި އެލާޓެއްގައި މަނާކުރި ދެ ބޭހަކީ މެލޭޝިއާގެ ކޮޓްރާ ފާމާގެ އެކްސެލް މެފެނެމިކް އެސިޑް ސަސްޕެންޝަން ސިރަޕާއި ޕާކިސްތާންގެ އެފްރޯޒާ ކެމިކަލް އިންޑަސްޓްރީގައި އުފައްދާ މެފްނެކް ސަސްޕެންޝަން ސިރަޕެވެ.

މި ދެ ބޭހުން ފެނުނީ ޑައިތީލައިން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލް ކިޔާ ކެމިކަލެކެވެ.

އެމްއެފްޑީއޭ އިން ބުނީ މި ދެ ބޭހުގައި ކެމިކަލް ހުރިކަން އެނގުނީ ރާއްޖެ އެތެރެކުރާ ބޭހަކީ ފެންވަރު ރަނގަޅު ރައްކާތެރި ބޭސްކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ބޭހުގެ ސާމްޕަލް ނަގާ ސްކްރީން ކުރުމުން ކަމަށެވެ. މި ދެ ބޭހުގެ ކޮންފަމޭޓްރީ ޓެސްޓް ހެދުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުންޏެވެ.

އެމްއެފްޑީއޭ އިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި ދެ ބޭހުގެ އެއްވެސް ބެޗެއް އެ އޮތޯރިޓީން ވަކި އެއްޗެއް އަންގަންދެން ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުން މަނާކޮށްފަ އެވެ.

"އެހެންކަމުން މިވަގުތު ބޭސް ފިހަރާތަކާއި ބޭސް ގުދަންތަކުގައި ހުރި މި ދެ ބޭސް ސްޓޮކާއި ވަކިކޮށް ބެހެއްޓުމަށް ދަންނަވަމެވެ. އަދި ބޭސް ވިއްކާ، ބޭސް ގަންނަ އެންމެހާ ރައްޔިތުން މިކަމަށް ސަމާލުވުމަށް ދަންނަވަމެވެ" އެމްއެފްޑީއޭގެ ބަޔާނުގައިވެ އެވެ.