ނަފްސާނީ ބަލިތަކަށް ބޭނުން ކުރަމުންދާ ބޭހެެއްގެ ބެޗެއް ރާއްޖޭގައި ވިއްކުމާއި ބޭނުންކުރުން މަނާކޮށްފި އެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ރާއްޖެ އެތެރެކޮށް ވިއްކާ ޑޮކްޓަރީ ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރު ކުރުމުގެ ގޮތުން ބޭސް ތަހުލީލު ކުރުމުގެ މަސައްކަތް އެ އޮތޯރިޓީން ކުރާ ކަމަށެވެ.
މިގޮތުން ކުރި ތަހުލީލުތަކުގެ ނަތީޖާ އިން "އިމީޕްރާމީން ހައިޑްރަކްލޮރައިޑް" ކިޔާ ބޭހުގެ އެކްޓިވް އިންގްރީޑިއަންޓްގެ މިންވަރު ދަށްކަމަށް ދައްކާ ކަމަށެވެ.
އެމްއެފްޑީއޭއިން ކުރި އިއުލާނުގައި ބުނެފައި ވަނީ އެ ބޭހުގެ '2141H003' ބެޗު ވިއްކުމާއި ބޭނުންކުރުމަކީ މަނާކަމެއް ކަމަށެވެ. އަދި މިހާރު ބާޒާރުގައި ވިއްކަން ހުރި މި ބެޗުގެ ބޭސްތައް އެ އޮތޯރިޓީން ނަގަމުން ގެންދާނެ ކަމަށެވެ.
އިންޑިއާގެ ޓޮރެންޓް ފާމަސޫޓިކަލްސް އިން އުފައްދާ މި ބޭހުގެ މުއްދަތު ހަމަވާ ތާރީހަކީ 2025، ޖުލައި އެވެ.