ނެޝަނަލް ފުޑްސޭފްޓީ އެންޑް ކޮލިޓީ ބޯޑަށް ތިން މެންބަރަކު ހޯދުމަށް ހެލްތު މިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ.
ހެލްތު މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ނެޝަނަލް ފުޑްސޭފްޓީ އެންޑް ކޮލިޓީ ބޯޑަށް ފުޑް ސައިންސްގެ މާހިރަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ތަމްސީލުކުރާ ފަރާތުން މީހަކާއި އަދި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ތަމްސީލް ކުރާ މީހުންގެ ފަރާތުން މީހަކު ހޯދުމަށް އިއުލާންކޮށްފަ އެވެ.
ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ހޮވާ މިބޯޑު މެމްބަރުންގެ ޒިންމާއަކީ ކާބޯތަކެތީގެ ފެންވަރާއި ރައްކާތެރިކަން ކަށަވަރު ކުރުމެވެ.
މީގެ އިތުރުން ފުޑްއެންޑް ޑްރަގު އޮތޯރިޓީއަށް ލަފައާއި މަޝްވަރާ ދިނުމާއި، ފަންނީ އެހީތެރިކަން ފޯރުކޮށްދިނުންވެސް ހިމެނެ އެވެ. އަދި ގާނޫނު ތަންފީޒު ކުރުމުގައި ދިމާވާ ދަތިތައް ހައްލުކޮށްދިނުމުގައި ފުޑް އެންޑް ޑްރަގު އޮތޯރިޓީއަށް ލަފާ ދިނުންވެސް ބޯޑުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެ އެވެ.
މިބޯޑުގައި ހިމެނޭ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ތަމްސީލުކުރާ ފަރާތެއްގެ މެމްބަރުކަމަށް ވަކި ހާއްސަ ޝަރުތުތަކުގެ ތެރޭގައި ، ކާބޯތަކެތީގެ ވިޔަފާރި އެއް ނުވަތަ އެފަދަ މަސްލަހަތެއް އޮތް ތަނެއްގެ މީހަކު ކަމުގައި ވެގެންނުވާނެ ކަމަށް މިނިސްޓްރީގެ އިއުލާނުގައިވެ އެވެ.
ނެޝަނަލް ފުޑްސޭފްޓީ އެންޑް ކޮލިޓީ ބޯޑުގެ މެންބަރު ކަމަށް ފުރުސަތު ހުޅުވާލާފައިވަނީ ކުރިއަށް އޮތް އޮކްޓޫބަރު 10 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަން ޖެހެނީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭހެން ތައްޔާރުކޮށްފައިވާ ސީވީ އެކެވެ. މީގެ އިތުރުން ތައުލީމާއި ތަޖުރިބާ ލިބިފައިވާކަމުގެ ލިޔުންތައްވެސް ހުށަހަޅަން ޖެހެ އެވެ.