ޑރ. މުހައްމަދު މުއިއްޒު

ބޮޑު އަގުގައި ބޭސް ވިއްކުން ހުއްޓުވަން ރައީސް އަންގަވައިފި

ރާއްޖޭގެ ފާމަސީއެއްގައި ބިދޭސީއަކު މަސައްކަތް ކުރަނީ -- ފޮޓޯ: އަވަސް
0%
100%
0%

ޑޮކްޓަރީ ބޭސް ރާއްޖެ އެތެރެކޮށް ވިއްކާ އަގުތައް ރާއްޖޭގެ ބާޒާރުގައި އާދަޔާ ހިލާފަށް ބޮޑު ކަމަށް ގަބޫލުކުރައްވާތީ އެކަން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތއް އެޅުއްވުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އަންގަވައިފި އެވެ.

ރާއްޖޭގައި ޑޮކްޓަރީ ބޭހުގެ އަގާއި ހޮސްޕިޓަލްތަކުން ދޭ ހިދުމަތްތަކުގެ އަގު ބޮޑު މައްސަލައަކީ އާންމުން އަބަދުވެސް ކަންބޮޑުވުން ފާޅުކުރަމުންދާ މައްސަލަ އެކެވެ.

ރައީސް މުއިއްޒު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑޮކްޓަރީ ބޭސް ރާއްޖެ އެތެރެކޮށް ވިއްކާ އަގުތައް ރާއްޖޭގެ ބާޒާރުގައި މިހާތަނަށް ހުރީ 200 ޕަސަންޓުން ފެށިގެން 2000 ޕަސަންޓާ ދެމެދުގެ ފައިދާއެއް ނަގާ މިންވަރުގައި ކަމަށެވެ.

"ބޭސް ވިއްކުމުގައި މިވަރުގެ ބޮޑު ފައިދާއެއް ނެގުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާގުޅުންހުރި އެންމެހައި މުއައްސަސާތަކަށް މިހާރު ވާނީ އަންގާފައި،" ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވީ މިބަދަލު ގެނައުމުގެ ސަބަބުން، ބޭހުގެ ބާޒާރު އަގާއި އާސަންދަ އިން ޗާޖުކުރާ އަގު ދަށްކުރެވިގެންދާނެ ކަމަށެވެ.

"މި ބަދަލު ގެނައުމަށް ހަމަޖެހިފައިވާ ގޮތުގެ ތާވަލާއި ތަފްސީލު ވަރަށް އަވަހަށް އާންމުކޮށް އިޢުލާންކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ މި ބަދަލުގެ ނަތީޖާއެއްގެ ގޮތުން، އާސަންދައިން އިސްރާފުވަމުންދާ އެތައް ސަތޭކަ މިލިއަން ރުފިޔާ ސަލާމަތްކުރެވި، ސިއްހީ ހިދުމަތުގެ ފެންވަރު މަތިކުރުމަށް އެ ފައިސާ ބޭނުންކުރެވޭނެ މަގު ތަނަވަސްވެގެންދާނެ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345