ކެބިނެޓް

ފެންވަރު ރަނގަޅު ބޭސް ހޯދުމާ ގުޅޭ ސިޔާސަތުތައް ކަނޑައަޅުއްވައިފި

ރާއްޖެއިން ލިބޭ ބޭހަކީ ފެންވަރު ރަނގަޅު ބޭސްކަމުގައި ހެދުމަށް ބޭނުންވާ ސިޔާސަތުތައް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މި ސިޔާސަތުތައް ކަނޑައެޅުއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހެލްތުން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހު އެވެ.

ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަންކަމުގެ ތެރޭގައި ބޭސް ގަތުމަށް "ބަލްކް ޕްރޮކިއުމަންޓް ނިޒާމު" ފުޅާކުރުމުގެ ގޮތުން އަސާސީ ބޭސް ގަނޑުކޮށް ގަތުމަށް ނިންމެވުން ހިމެނެ އެވެ.

މި ނިޒާމުގެ ތެރެއިން ސަރުކާރުން އަސާސީ ބޭސް މެދުނުކެނޑި ފޯރުކޮށްދިނުމަށް ހަވާލުކޮށްފައިވާ ކުންފުނިކަމުގައިވާ އެސްޓީއޯ އިން ސިއްހީ ހިދުމަތްދޭ ހުރިހާ ހޮސްޕިޓަލްތަކާއި މަރުކަޒުތަކަކުންނާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގާއިމުކޮށްފައިވާ ބޭސްފިހާރަތަކުން މި ބޭސްތައް މެދުނުކެނޑި ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށްވެސް ނިންމެވި އެވެ.

މި ނިޒާމަށް ބޭނުންވާ ކަނޑައެޅިފައިވާ މިންގަޑުތަކަށް ފެތޭ ބޭސް ރައްކާކުރާ ގުދަންތައް ގާއިމުކުރުމާއި، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މި ގުދަންތައް ސެންޓްރަލީ މޮނިޓަ ކުރާނެ ނިޒާމެއް ގާއިމުކުރުމަށްވެސް ނިންމެވި އެވެ.

ބޭހެއް އުފެއްދުމަށް ބޭނުންކޮށްފައިވާ އެކިއެކި މާއްދާތަކުގެ މިންވަރު (ކުއަންޓިޓީ) ދެނެގަތުމަށް ކުރަންޖެހޭ ތަހުލީލުތައް ހަރުދަނާކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށާއި ބޭހުގެ ފެންވަރު ކަށަވަރުކޮށް އެއްހަމައެއްގައި ހިފެހެއްޓުމަށްޓަކައި ގާބިލުކަން އިތުރުކޮށް، އިންސާނީ ވަސީލަތް އިތުރުކޮށް ތަރައްގީ ކުރުމަށްވެސް ވަޒީރުންގެ މަޖީލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވެ އެވެ.