އެގްރޯ ނޭޝަނަލް ކޯޕަރޭޝަން

އެގްރޯނެޓްގެ މަސައްކަތް އަލުން ފަށަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އުވާލުމަށް ނިންމާފައި އޮތް އެގްރޯ ނެޝަނަލް ކޯޕަރޭޝަން ލިމިޓެޑް (އެގްރޯނެޓް)ގެ މަސައްކަތް އަލުން ފެށުމަށް ސަރުކާރުން ނިންމައިފި އެވެ.

ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވިލަރެސްކޮށް، އަމާޒުތައް ކަނޑައަޅާ ގޮތަށް، އެގްރޯނެޓްގެ މަސައްކަތް އަލުން ފެށުމަށް ކެބިނެޓުން ނިންމާފައިވާ ކަމަށް ހާމަކޮށްފައިވަނީ ސަރުކާރުގެ ހަބަރުތައް ގެނެސްދޭ "ސަރުކާރު" ނޫހުގައެވެ.

އެގްރޯނެޓް ކުންފުންޏަކީ ސަރުކާރުން ދަނޑުވެރިކަމުގެ ވިޔަފާރިކުރަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި 2020 ވަނަ އަހަރު އުފައްދާފައި އޮތް ކުންފުންޏެކެވެ.

އެގްރޯނެޓް އުވާލައި އެ ކުންފުނިން ކުރަމުން ދިޔަ މަސައްކަތްތައް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީ ޒޯން (އެމްއައިޑީއެފްސީޒެޑް)ގެ ދަށަށް ގެންދިއުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ނިންމީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ.

މި ނިންމުމާ ގުޅިގެން އެގްރޯނެޓް ކުންފުނިން ރާއްޖޭގެ އެކި ސަރަހައްދުގެ ދަނޑުވެރިންނާ އެކު ކުރިން ހިންގަމުން ދިޔަ މުއާމަލާތްތައް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން އޮތީ ހުއްޓާލާފަ އެވެ.

ދަނޑުވެރިކަމާ ބެހޭ ވުޒާރާ އިން ބުނީ އެގްރޯނެޓް އުވާލަން ނިންމާފައި އޮތް މައްސަލަ ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް ހުށައަޅުއްވައި، ކުރީގެ އެ ނިންމުމަށް ބަދަލު ގެންނަވައި، އެގްރޯނެޓަކީ އެމްއައިޑީއެފްސީޒެޑްގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހަމަޖެއްސެވުމަށް މިހާރު ނިންމަވާފައިވާ ކަމަށެވެ.

އެމްއައިޑީއެފްސީޒެޑް އަކީ ގައުމުގެ އުފެއްދުނަތެރިކަން އިތުރުކޮށް، އިގްތިސާދު ހަރުދަނާ ކުރުމަށް ޖެނުއަރީ 2، 2024 ގައި އުފައްދަވާފައިވާ ކުންފުންޏެކެވެ.

އެމްއައިޑީއެފްސީޒެޑްގެ ސަބްސިޑަރީއެއްގެ ގޮތުގައި އެގްރޯނެޓްގެ މަސައްކަތް އަލުން ފެށުމުގެ މަގުސަދަކީ ދަނޑުވެރިކަމުގެ ސިނާއަތުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ދަނޑުވެރިން ހައްދާ ތަކެތި ވިއްކޭނެ އިތުރު މަގުތައް ފަހިކޮށް، ދަނޑުވެރިކަމުން އިތުރު އާމްދަނީ ހޯދޭނެ ގޮތްތައް ފަހިކުރުން ކަމަށްވެސް ދަނޑުވެރިކަމާ ބެހޭ ވުޒާރާ އިން ބުންޏެވެ.