ފުޑް އެންޑް ޑްރަގް އޮތޯރިޓީ

ހަލާލު ނޫން މާއްދާއެއް ހިމެނޭ ސޯހެއް ވިއްކުން ހުއްޓާލައިފި

ހަލާލު ނޫން ބާވަތެއް ހިމެނޭ ކަމަށް ބުނެ ރާއްޖޭގައި ވިއްކަމުންދިޔަ ސޯހެއް ވިއްކުން ހުއްޓާލައިފި އެވެ.

ވިއްކުން ހުއްޓާލައިފައި ވަނީ އެމްޔޫ ސްޓޯރުން ރާއްޖެއަށް އެތެރެކޮށް ވިއްކަމުންދިޔަ "ކަމްޕާނިއާ ބޮލޮނީސް" ސޯސް އެވެ. މިއީ ޕާސްތާ ކެއްކުމުގައި ބޭނުންކުރާ ސޯސް އެކެވެ.

އެމްޔޫ ސްޓޯރުން މިކަމާ ގުޅޭ ގޮތުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ކަމްޕާނިއާ ބޮލޮނީސް ސޯސްއަކީ އަލަަށް އެތެރެ ކުރަން ފެށި ބްރޭންޑެއް ކަަމަށާއި އަދި އެ ސޯސް އުފެއްދުމަށް ބޭނުންކުރި މާއްދާތަކުގެ ތެރޭގައި ކޮންމެވެސް ވަރަކަށް ހަލާލު ނޫން ބާވަތްތަކެއް ހިމެނޭ ކަމުގެ މައުލޫމާތު ލިބުމާއެކު ސޯސް ވިއްކުން ހުއްޓާލައިފައިވާ ކަމަށެވެ.

އެކަން އެ ކުންފުނީގެ ސަމާލުކަމަށް އައުމާއެކު މުދާ ހަރުގަނޑުތަކުން ނަގައި ރީޓެއިލްކޮށް މި ސޯސްގަތް ފަރާތްތަކުގެ އަތުން މުދާ ނެގުމުގެ މަސައްކަތް މިހާރު ފަށައި ބަދަލު ދެމުން އަންނަ ކަމަށް ވެސް އެމްޔޫ ސްޓޯރުން ބުނެއެވެ. އެމްޔޫ ސްޓޯރުން ވަނީ އެކަމާ މާފަށް ވެސް އެދިފަ އެވެ.