ޔުކްރެއިންއާއި އިންޑިއާގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް ކުރިމަތިވެފައިވާ މައްސަލަތަކާ ގުޅޭ ގޮތުން ހައްލެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.
ޔުކްރެއިންއާއި ރަޝިއާއާ ދެމެދު ދެންމެ ދެންމެ ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ހީވެފައިވާއިރު ޔުކްރެއިންގައި ކިޔަވަމުންދާ ދިވެހި ދަރިވަރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން ނެވެ. ހަމަ އެހެންމެ އަވަށްޓެރި އިންޑިއާގައި މުސްލިމް ދަރިވަރުންނަށް ބުރުގާ އަޅައިގެން ސްކޫލަށް ދިއުން ހުއްޓުވާފައިވާތީ މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ.
އެހެންވެ އެ ދެ ގައުމުގައި ކިޔަވަމުންދާ ދަރިވަރުންގެ ކަންބޮޑުވުންތައް ހާމަކޮށް ހައްލެއް ހޯދުމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) މިއަދު ވަނީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ވަނީ ހުށަހަޅުއްވައިފަ އެވެ.
ނަމަވެސް މި މައްސަަލަ ބަލައިގަންނަން ވޯޓު ދެއްވީ އެންމެ ހަތް މެމްބަރުން ނެވެ. ނުފެންނަކަމަށް 17 މެމްބަރުން ވޯޓު ދެއްވި އިރު ވަކިކޮޅަކަށް އެއް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ. އެހެންކަމުން މި މައްސަލަ ބަލައިގަންނަން ފާހެއް ނުވި އެވެ.
މައްސަލަ ހުށަހަޅުއްވަމުން މޮސްޓާ ވިދާޅުވީ މިހާރުވެސް ގިނަ ގައުމުތަކުން ޔުކްރޭންގައި ތިބި އެގައުމުގެ ރައްޔިތުން ބާލަމުންދާ ކަމަށާއި އެހެންކަމުން ޔުކްރޭންގައި ކިޔަވަމުންދާ 50 އެއްހާ ދިވެހި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށް ރައްކާތެރި މަންޒިލަކަށް ގެންދިއުމަށް މަސައްކަތް ކުރުމުމަށް އޭނާ ގޮވާލެއްވި އެވެ.
ބުރުގާއެޅި ގިނަ އަދަދެއްގެ އަންހެންކުދިން އިންޑިއާގައި ކިޔަވަމުންދާ އިރު ހަރުކަށި ހިންދޫން އެފަދަ ދަރިވަރުންނަށް ފުރައްސާރަކޮށް ތައުލީމު ދޭ ތަންތަނުގައި ބުރުގާ ނެގުން މަޖުބޫރުކުރަމުންދާތީ އެ ކުދިންގެ ދީނީ ހައްގުތައް ނިގުޅައިގަތުން ހުއްޓުވުމަށް މަސައްކަތް ކުރުމަށް ވެސް މޮސްޓާ ގޮވާލެއްވި އެވެ.