މާލޭ ސިޓީ

މާލޭ މީހުނަށް ގޯތިދޭ އުސޫލު މެންބަރުންނާ ހިއްސާކުރަނީ

Feb 16, 2022

މާލޭގެ ރަށްވެހިންނަށް ގޯތި ދޫކުރެވޭނެ އުސޫލު އަންނަ ހަފްތާ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ނިސްބަތްވާ މާލޭގެ މެންބަރުންނާ ހިއްސާކުރައްވާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އަސްލަމް އެ މައުލޫމާތު ހިއްސާކުރެއްވީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ކުރެއްވި ސުވާލެއްގައި ޖަވާބުގަ އެވެ.

މީކާއީލް ސުވާލުކުރެއްވީ މާލޭގެ ރަށްވެހިންނަށް ގޯތި ދޫކުރެވޭނެ އުސޫލު އާންމުކުރާނެ ތާރީހެއް އޮޅުންފިލުއްވުމަށެވެ.

ސުވާލުގެ ޖަވާބުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އަންނަ ހަފްތާގެ ތެރޭގައި އެ އުސޫލާ މެދު މަޝްވަރާކޮށްލުމަަށް މާލޭގެ މަޖިލިސް މެންބަރުންނާ ބައްދަލުކުރެއްވުމަށް ދަންނަވާލާނެ ކަމުގައި ވިދާޅުވި އެވެ.

އެ އުސޫލާމެދު މަޝްވަރާ ކުރުމަށް އަންނަ ހަފުތާތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މާލޭސިޓީގެ ދާއިރާތައް ތަމްސީލުކުރާ މެންބަރުންނަށް އެ އުސޫލުތައް ހުށަހަޅުއްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ސަރުކާރުން މިޒާތުގެ ކަމެއް ކުރުމުގައި ހާއްސަކޮށް މާލޭގެ ރަށްވެހިންނަށް ގޯތި ދިނުމުގެ ކަމެއް ކުރުމުގައި މާލޭގެ ރައްޔިތުން ތަމްސީލް ކުރައްވާ މެންބަރުން މިކަމުގައި ދެކެވަޑައިގަންނަވާ ގޮތް އަޅުގަނޑު ގަބޫލުކުރަނީ މީގެތެރޭގައި ޝާމިލްވާންޖެހޭނެ ކަމަށް،" އަސްލަމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާންގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ ބޯހިޔާވަހިކަމުގައި މާލޭގެ ރައްޔިތުންނަށް އޮތް "ދައްޗާއި ތަކުލީފް ވަނީ އޭގެ ލާނިހާޔަތުގައި" ކަމަށެވެ.

"މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމާ ގުޅޭގޮތުން ކުރެވުނު ކަންތަކަށް ވުރެ ގިނަ ވާހަކަ ދެއްކޭކަމުގެ އިހްސާސް އަބަދުވެސް އަޅުގަނޑަށްވޭ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މާލޭ ރަށްވެހިންނަށް ހުޅުމާލެއިން މަދުވެގެން 1,000 ގޯއްޗާއި، ގުޅީފަޅުން މަދުވެގެން 2,000 ގޯއްޗާއި އަދި ގިރާވަރު ފަޅު ހިއްކައި، އެ ބިމުންވެސް މަދުވެގެން 2,000 ގޯތި ދޫކޮށް ތިލަމާލެ ބްރިޖު ގިރާވަރަށް ގުޅާލާނެ ކަމަށެވެ. މާލޭގެ ރައްޔިތުންނާ އެކު މިއަހަރުގެ ޖޫން މަހުގެ ތެރޭގައި އެ މަސައްކަތް ފައްޓަވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ، އަޅުގަނޑުގެ ރިޔާސީ މި ދައުރު ނިންމާނީ އެންމެ ބޭނުންޖެހިފައިވާ މާލޭގެ ރައްޔިތުންނަށް އިންވަކިކޮށް ރޯނުދަމާ، ބިންކަނޑާ، ގޯތީގެ ފަތް ދިނުމަށްފަހު. ދިވެހި ދައުލަތުގެ ހިޔާވަހިކަމުގެ ދަށުގައިވާ ހުރިހާ ވަސީލަތެއްގެ ހިޔާވަހިކަން ރައްޔިތުންނަށް ލިބެންޖެހޭ. ބޭނުންވަނީ އެކުގައި އެއް އަމާޒެއްގައި ތިބެ، އެ މަންޒިލަށް ވާސިލުވުން." ރައީސް ވިދާޅުވި އެވެ.

މި މަސައްކަތް ތިޔަބޭފުޅުންނާއެކު، މި އަހަރު ޖޫންމަހު އަޅުގަނޑު ފަށާނަން. އަދި އޭގެއިތުރުން، ގިރާވަރު ފަޅު ހިއްކައި، އެ ބިމުންވެސް މަދުވެގެން 2,000 ގޯތި، މާލޭ ރަށްވެހިންނަށް ދޭނަން. ގިރާވަރު ފަޅަކީ ތިލަމާލެ ބްރިޖް އެދާގޮތަށްގޮސް ގުޅުވައިލެވޭ ތަނަކަށްވާނެ.

ރައީސް ވިދާޅުވި ގޮތުންނަމަ ހުޅުމާލޭގައި ވެސް މިސަރުކާރުން ގެންދަނީ މާލޭގެ ރައްޔިތުންނަށް 7،000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކުރަމުންނެވެ.